2015-2016 ވަނަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި ހޯދި ލެއިސްޓަރ ސިޓީ އެއް އަހަރަށް ފަހު އަނެއްކާ ވެސް ޕްރިމިއާ ލީގުން ޖާގަ ހޯދައިފިއެވެ.

މިދިޔަ ސީޒަނުގައި އިނގިރޭސި ޕްރިމިއާ ލީގުން ރެލެގޭޓުވި ލެއިސްޓަރ ސިޓީ މިފަހަރުގެ އިނގިރޭސި ޗެމްޕިއަންޝިޕް ކާމިޔާބު ކުރާނެއެވެ. އެހެންކަމުން އިނގިރޭސި ޗެމްޕިއަންޝިޕް ކާމިޔާބު ކުރާ ޓީމު ޕްރިމިއާ ލީގަށް ޕްރޮމޯޓުވާ އުސޫލުން އޮތުމުން ލެއިސްޓަރ ސިޓީ އެނބުރި ޕްރިމިއާ ލީގަށް ދާނެއެވެ.

ލެއިސްޓަރ ސިޓީ ޕްރިމިއާ ލީގަށް ޕްރޮމޯޓު ވެފައިވަނީ 2014 ވަނަ އަހަރުއެވެ. އޭގެ 10 އަހަރު ފަހުން އަނެއްކާ ވެސް އެ ޓީމުން މި ވަނީ އަލުން އެނބުރި ޕްރިމިއާ ލީގުން ޖާގަ ހޯދާފައެވެ.

ލެއިސްޓަރ ސިޓީން ވަނީ މި ސީޒަނުގެ ފުރަތަމަ ކޮޅު ވަރަށް ރަނގަޅު ކުޅުމެއް ދައްކާ އިނގިރޭސި ޗެމްޕިއަންޝިޕުގެ ތާވަލުގެ އެއްވަނައިގައި އޮވެފައެވެ. ނަމަވެސް ފަހުން އެ ޓީމުގެ ކުޅުން ދަށްވެ އެ ޓީމު ވަނީ ލީޑްސް އަދި އިޕްސްވިޗް ގެ ދަށަށް ވެއްޓިފައެވެ. ނަމަވެސް ސީޒަން ނިމެން ކައިރިވެފައިވަނިކޮށް ކުޅުން ރަނގަޅުކޮށް އެ ޓީމުން ވަނީ އަލުން އެނބުރި ތާވަލުގެ އެއްވަނައަށް އަރާފައެވެ.

ލެއިސްޓަރ ސިޓީ އެނބުރި ޕްރިމިއާ ލީގަށް -- ފޮޓޯ: އެސްބީ

އިނގިރޭސި ޗެމްޕިއަންޝިޕުގެ ތާވަލުގެ އެއްވަނައިގައި ލެއިސްޓަރ ސިޓީ އޮތީ 94 ޕޮއިންޓާއި އެކުއެވެ. އެއީ ދެވަނައިގައި އޮތް ލީޑްސް އަށް ވުރެ އެއް މެޗު މަދުން ކުޅެގެންނެވެ. ލީޑްސް ޔުނައިޓަޑަށް 90 ޕޮއިންޓު ލިބޭއިރު ތިންވަނައިގައި އޮތް އިޕްސްވިޗަށް ލިބިފައިވަނީ 89 ޕޮއިންޓެވެ.

އެހެން ކަމުން މިހާރު އޮތް ގޮތުން ޕްލޭ އޮފަކާއި ނުލާ ލެއިސްޓަރ ސިޓީ އަދި ލީދްސް ޔުނައިޓަޑް އެނބުރި އިނގިރޭސި ޕްރިމިއާ ލީގަށް ކޮލިފައިވާނެއެވެ.

2014 ވަނަ އަހަރު އިނގިރޭސި ޕްރިމިއާ ލީގަށް ކޮލިފައިވި ލެއިސްޓަރ ސިޓީން ވަނީ މޮޅު ކުޅުމެއް ދައްކާ 2016 ވަނަ އަހަރު އިނގިރޭސި ފުޓުބޯޅައިގެ ރަސްކަމަށް އައިސްފައެވެ. މީގެ އިތުރުން އެ ޓީމުން ވަނީ 2019 ވަނަ އަހަރު އިނގިރޭސި އެފްއޭ ކަޕުވެސް ކާމިޔާބުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު