ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ ރަޝިޔާގެ ސީއެސްކޭއޭ މޮސްކޯ އަތުން 1-0 އިން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.

މި މޮޅާއެކު ސީއެސްކޭއޭ އޮތީ ގްރޫޕް ޖީގެ އެއްވަނައިގައެވެ. މި މުބާރާތް ފާއިތުވި ތިން އަހަރު ވެސް ކާމިޔާބުކުރި ރެއާލް އޮތީ ތިން ޕޮއިންޓާ އެކު ގްރޫޕްގެ ދެވަނައިގައެވެ. ގްރޫޕްގެ ތިންވަނައިގައި އޮތް ރޯމާ އަށް ވެސް ތިން ޕޮއިންޓު ލިބިފައިވާއިރު ރެއާލް އަށް ކުރި ލިބެނީ ހެޑް ޓު ހެޑް އުސޫލުންނެވެ. ގްރޫޕްގެ ފުލުގައި އެންމެ ޕޮއިންޓަކާ އެކު އޮތީ ވިކްޓޯރިއާ ޕްލެޒެންއެވެ.

ރަޝިޔާގައި ރޭ ކުޅުނު މި މެޗު ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ސީއެސްކޭއޭ އިން ވަނީ ލީޑު ނަގާފައެވެ. ރެއާލްގެ މިޑްފީލްޑަރު ޓޯނީ ކްރޫސް އަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ގޯލު ސީއެސްކޭއޭ އަށް ކާމިޔާބުކޮށްދިނީ ނިކޮލާ ވްލަސިޗްއެވެ.

ފުރަތަމަ ހާފް ނިމުމުގެ ކުރިން ނަތީޖާ އެއްވަރުކޮށްލަން ރެއާލް އަށް އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ކަސެމެއިރޯ އާއި ކަރީމް ބެންޒެމާ އަށެވެ. ނަމަވެސް އެ ދެ ކުޅުންތެރިން ފޮނުވާލި ދެ ހަމަލާ ވެސް އަމާޒުވީ ސީއެސްކޭއޭގެ ގޯލުގެ ދަނޑި އަށެވެ. މެޗުގެ ދެވަނަ ހާފްގައި ވެސް ރެއާލް އިން ދިޔައީ ނަތީޖާ އެއްވަރުކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ.

އެގޮތުން އެސެންސިއޯ ފޮނުވާލި ހަމަލާއެއް ސީއެސްކޭއޭގެ ގޯލްކީޕަރު އަކިންފިއޭވް ދިފާއުކުރިއިރު ސީއެސްކޭއޭގެ ޕެނަލްޓީއޭރިއާގެ ބޭރުގައި ހުރެ ކްރޫސް ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ކުޑަތަންކޮޅެއް ބޭރުންނެވެ. މީގެއިތުރުން ދެވަނަ ހާފްގައި ކުޅެން އެރި މަރިއާނޯ ފޮނުވާލި ހަމަލާއެއް ވެސް ސީއެސްކޭއޭގެ ގޯލުގެ ދަނޑި އަށް އަމާޒުވިއިރު މެޗުގެ ފަހު ވަގުތުކޮޅުތެރޭ ވަރާން އަށް ވެސް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައިވެއެވެ.

ރޭގެ މެޗުގެ ފަހު މިނެޓްގައި ސީއެސްކޭއޭގެ ގޯލްކީޕަރު އަކިންފިއޭވް އަށް ދެވަނަ ރީނދޫ ކާޑާއެކު ރަތްކާޑު ދެއްކުމުން އެޓީމު މި މެޗުން ނިންމާލީ 10 ކުޅުންތެރިންނާ އެކުއެވެ.

ރޭގެ މެޗުން ރެއާލް ބަލިވިއިރު އެންމެފަހުން ސްޕެނިޝް ލީގުގައި ކުޅުނު ދެ މެޗުން ވެސް ރެއާލް އަށް މޮޅެއް ހޯދިފައެއް ނުވެއެވެ. އެ ދެ މެޗުގެ ތެރެއިން އެއް މެޗުން ރެއާލް ބަލިވިއިރު، އެންމެފަހުން ރެއާލް އިން ކުޅުނު ތިން މެޗުގައި ވެސް އެޓީމަށް ގޯލެއް ވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ގްރޫޕް ސްޓޭޖުގައި ރެއާލް ދެން ބައްދަލުކުރާނީ ގްރޫޕްގެ ފުލުގައި އޮތް ވިކްޓޯރިއާ ޕްލެޒެންއާއެވެ.