ސްޕެނިޝް ލީގުގެ މެޗުތައް އެމެރިކާގައި ކުޅެން ފީފާގެ ކައުންސިލުން ދެކޮޅު ހަދާފައިވާ ކަމަށް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ.

އެމެރިކާގެ ރެލެވެންޓް ކުންފުންޏާއެކު ސްޕެނިޝް ލީގުން މިދިޔަ އޮގަސްޓު މަހު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މި އެއްބަސްވުމުގެ ދަށުން ކޮންމެ ސީޒަނެއްގެ ސްޕެނިޝް ލީގުގެ އެއް މެޗު އެމެރިކާގައި ކުޅުމަށް ވަނީ ނިންމާފައެވެ. އެގޮތުން މި ސީޒަނުގައި އެމެރިކާގައި ކުޅެން ސްޕެނިޝް ލީގުން ކަނޑައަޅާފައިވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 26 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ބާސެލޯނާ އައި ޖިރޯނާ ބައްދަލުކުރާ މެޗެވެ.

އެމެރިކާގައި މި މެޗު ކުޅެވޭނީ ސްޕެއިންގެ ފުޓްބޯޅަ އިދާރާ އާއި އެމެރިކާގެ ފުޓްބޯޅަ އިދާރާ އާއި ޔުއެފާ އަދި ކޮންފެޑެރޭޝަން އޮފް ނޯތު ސެންޓްރަލް އެމެރިކަން އެންޑް ކެރީބިއަން އެސޯސިއޭޝަން ފުޓްބޯލް (ކޮންކަކަފް) ގެ ހުއްދަ ލިބުމުންނެވެ.

ފީފާގެ ކައުންސިލް ބައްދަލުވުމެއް އިއްޔެ ރުވާންޑާގައި ބާއްވާފައިވާއިރު، އެ ބައްދަލުވުމަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަވަމުން ފީފާގެ ރައީސް އިންފަންޓީނޯ ވިދާޅުވީ ސްޕެނިޝް ލީގުގެ މެޗުތައް އެމެރިކާގައި ކުޅުމާ ގުޅޭ މައްސަލަ އާއި ގުޅޭގޮތުން އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށާއި، ކައުންސިލް މެމްބަރުންގެ ނަޒަރުގައި ލީގު މެޗުތައް ކުޅެންޖެހޭނީ އެ ލީގެއް ނިސްބަތްވާ ގައުމެއްގައި ކަމަށެވެ.

"ކައުންސިލްގެ ވިސްނުން މިކަމުގައި ހުރި ގޮތް ވަރަށް ސާފު" އިންފަންޓީނޯ ވިދާޅުވިއެވެ.

ފީފާ އިން މިކަމާ މެދު ރަސްމީކޮށް ގޮތެއް ނިންމާފައިނުވާއިރު، މި މެޗު ކުޅުމަށް ފީފާ އިން ދެކޮޅު ހަދަފިނަމަ މި މައްސަލަ ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް އަށް ހުށަހަޅާނެ ކަމަށް ސްޕެނިޝް ލީގުން އިއްޔެ ވަނީ ބުނެފައެވެ.

ފީފާގެ ކައުންސިލުން މިކަމާ ދެކޮޅު ހަދާފައިވާއިރު ސްޕެނިޝް ޕްލެޔާސް ޔޫނިއަން (އޭއެފްއީ) އިން ވެސް ވަނީ އެމެރިކާގައި މެޗު ކުޅުމަށް ދެކޮޅު ހަދާފައެވެ.