މިހާރު އޮތް ހާލަތުން އަރައިގަތުމަށް ކުޅުންތެރިން ތިބީ ތައްޔާރަށް ކަމަށް ރެއާލް މެޑްރިޑްގެ ވަގުތީ ކޯޗު ސަންޓިއާގޯ ސޮލާރީ ބުނެފިއެވެ.

ރެއާލްގެ ކޯޗުކަން ސޮލާރީ އާއި ވަގުތީ ގޮތުން ހަވާލުކޮށްފައިވަނީ، އެ ކްލަބުގެ ކޯޗަކަށް ހުރި ހޫލެން ލޮޕެޓެގީ މަގާމުން ވަކި ކުރުމަށްފަހުއެވެ. ސޮލާރީ މިހާތަނަށް ހުރީ ރެއާލްގެ ބީ ޓީމުގެ ކޯޗު ކަމުގެ މަގާމުގައެވެ.

ލޮޕެޓެގީ މަގާމުން ވަކި ކުރިއިރު ސްޕެނިޝް ލީގުގައި އެންމެފަހުން ކުޅުނު ތިން މެޗުން ވެސް ރެއާލް ވަނީ ބަލިވެފައެވެ. ރެއާލް މިވަގުތު އޮތީ 14 ޕޮއިންޓާ އެކު ލީގުގެ 9 ވަނައިގައެވެ.

ރެއާލްގެ ކޯޗުކަމާއި ހަވާލުވުމަށްފަހު ފުރަތަމަ ފަހަރަށް ނޫސްވެރިންނާއި ވާހަކަދައްކަމުން ސޮލާރީ ބުނީ ކުޅުންތެރިން ތިބީ ކޮންމެވެސް ވަރެއްގެ ހިތްދަތި ކަމެއްގެ ތެރޭގައި ކަމަށާއި ނަމަވެސް މި ހާލަތު ބަދަލުކުރަން ވަރަށް ބޮޑަށް ކުޅުންތެރިން ބޭނުންވެފައި ތިބި ކަމަށެވެ. އަދި އެކަން ފަރިތަކުރުންތަކުން ފެނިގެންދާ ކަމަށްވެސް ސޮލާރީ ބުންޏެވެ.

"މިއީ ފަސޭހަ ހާލަތެއް ނޫން. އެކަމަކު މި ކްލަބުގައި މިތިބީ ޗެމްޕިއަނުންނާއި ހިތްވަރުގަދަ ކުޅުންތެރިން. މި ކްލަބަށް ވަރަށް ގިނަ ކަންކަން ކޮށްދީފައިޥާ ކުޅުންތެރިން ވެސް އެބަތިބި. އަހަންނަށް އެބަ ފެނޭ މިހާރު އޮތް ހާލަތު ބަދަލު ކުރަން ކުޅުންތެރިން ބޭނުންވާތަން" ކުރިން ރެއާލް އަށް ކުޅެފައިވާ ސޮލާރީ ބުންޏެވެ.

ރެއާލް ކަހަލަ މޮޅު ކްލަބަކަށް ކޯޗުކޮށްދިނުމަކީ ލިބޭ ރަނުގެ ފުރުސަތެއް ކަމަށާއި މި ފުރުސަތުގެ ބޭނުން ހިފައި ވީހާވެސް ރަނގަޅަކަށް މަސައްކަތް ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމަށްވެސް ސޮލާރީ ބުންޏެވެ.

ސޮލާރީގެ އިރުޝާދުގެ ދަށުން ކުޅޭ ފުރަތަމަ މެޗުގައި މިރޭ ސްޕެނިޝް ކަޕްގައި ރެއާލް ބައްދަލުކުރާނީ ސްޕެއިންގެ ތިންވަނަ ޑިވިޝަނުގެ ކްލަބެއް ކަމަށްވާ މެލީލާއާއެވެ.