ޗެމްޕިއަންސް ލީގުގައި ރޭ ޔުވެންޓަސްގެ މައްޗަށް 1-2 އިން މެންޗެސްޓަރ ޔުނައިޓެޑުން ކުރި ހޯދައިފިއެވެ.

ރޭގެ މެޗުން ބަލިވި ނަމަވެސް 9 ޕޮއިންޓާ އެކު ގްރޫޕް އެޗްގެ އެއްވަނައިގައި އަދިވެސް އޮތީ ޔުވެންޓަސްއެވެ. ދެވަނައިގައި ހަތް ޕޮއިންޓާ އެކު ޔުނައިޓެޑް އޮތްއިރު ފަސް ޕޮއިންޓާ އެކު ތިންވަނައިގައި އޮތީ ވެލެންސިޔާއެވެ. ގްރޫޕްގެ ފުލުގައި އެއް ޕޮއިންޓާ އެކު އޮތީ ޔަންގް ބޯއީސްއެވެ.

ޔުވެންޓަސްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ހާފްގައި ގޯލެއް ފެނިގެން ގޮސްފައިނުވި ނަމަވެސް މި ހާފުގައި ގޯލްޖަހާނެ ރަނގަޅު ދެ ތިން ފުރުސަތެއް ޔުވެންޓަސް އިން ވަނީ ތަނަވަސްކޮށްފައެވެ. އެގޮތުން ޔުވެންޓަސްގެ މިޑްފީލްޑަރު ކެދީރާ ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި އަށް އަމާޒުވިއިރު ކުއަޑްރާޑޯ ފޮނުވާލި ހަމަލާ ދިފާއުކުރީ ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެހެޔާއެވެ.

ދެ ޓީމުވެސް އެއްވަރެއްގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު ބޮނުޗީ ދިން ރީތި ޕާހަކުން މެޗުގެ 65 ވަނަ މިނެޓްގައި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުވެންޓަސް އަށް ލީޑު ނަގާދީފައެވެ. މިއީ ޔުނައިޓެޑަށް ކުރިން ކުޅުނު ރޮނާލްޑޯ ޗެމްޕިއަންސް ލީގުގައި ޔުވެންޓަސް އަށް ކާމިޔާބުކޮށްދިން ފުރަތަމަ ގޯލެވެ.

މި ގޯލަށްފަހު ލީޑު އިތުރަށް ފުޅާކޮށްލަން ޔުވެންޓަސްގެ ކުއަޑްރާޑޯ އާއި ޕިޔާނިޗް އަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އެ ދެ ކުޅުންތެރިން ފޮނުވާލި ހަމަލާތައް ވަނީ ގޯލާ އަމާޒުވާ ގޮތް ނުވެފައެވެ. މި ފުރުސަތުތަކުގެ ބޭނުން ޔުވެންޓަސް އަށް ނުހިފުނުއިރު މެޗުގެ 86 ވަނަ މިނެޓްގައި ޔުނައިޓެޑުން ވަނީ ނަތީޖާ އެއްވަރުކޮށްދީފައެވެ. ޔުނައިޓެޑަށް ލިބުނު ހިލޭޖެހުމަކުން މި ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ ހުއާން މާޓާއެވެ.

އަދި އޭގެ ތިން މިނެޓްފަހުން ޔުނައިޓެޑުން ވަނީ މެޗުގެ ލީޑު ނަގާ ޔުވެންޓަސް ސިއްސުވާލާފައެވެ. ޔުނައިޓެޑްގެ މި ގޯލަކީ ޔުވެންޓަސްގެ ޑިފެންޑަރު ސަންޑްރޯ އަތުން ބައިކޮޅަށް ވަތް ގޯލެކެވެ.

މިއީ ޔުވެންޓަސް މި ސީޒަނުގައި ބަލިވި ފުރަތަމަ މެޗަށްވާއިރު، މިއީ 2009 ވަނަ އަހަރަށްފަހު އަމިއްލަ ދަނޑުގައި ކުޅެ ޗެމްޕިއަންސް ލީގުގެ މެޗަކުން ޔުވެންޓަސް ބަލިވި ފުރަތަމަ މެޗުކަން ވެސް ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ދިރާސާ

    މިއީ ޔުނައިޓެޑް މި ސީޒަނުގައި ބަލިވި ފުރަތަމަ މެޗަށްވާއިރު،ސާބަހޭ ހަސަންރަޝީދު ނިންމާލަމުން ޓީމް ތި ބަލިކޮށްލީ

  2. ލިޔެފައި ބަލާ

    މިއީ ޔުނައިޓެޑް މި ސީޒަނުގައި ބަލިވި ފުރަތަމަ މެޗޭ ކިޔާފައި ލިޔުނީ މީނަ ބީތާޔާ ކަލޭއަށް ވަރިހަމަ އެއްޗެއް ލިޔެވިއްޖިއްޔާމު ދޯ،،،،، ތިޔަ ލިޔެފައި އަލުން ޗެކް ކުރުމަކީ ވަރަށް ރަގަޅު ކަމެއް ޝާއިރު ނުކުރަނިކޮން އެކަން ކުރުމީ ވަރަށް ބުއްދިވެރި ގޮތެއް. ހަސަން ރަޝީދު ކިޔާފާނޭ ދޯ ހަސަނަށް ހުސޭނުވެސް .