އަންނަ އަހަރުގެ ސީޒަނުން ފެށިގެން ކުޅުންތެރިންނަށް ދޭން ޖެހޭ މުސާރައިގެ އޮނިގަނޑު ފައިނަލް ކޮށް، އެފްއޭއެމްއިން ކްލަބުތަކަށް ފޮނުވައިފިއެވެ.

މި ސީޒަންގައި ރާއްޖޭގެ ގިނަ ކްލަބުތަކަކަށް މުސާރައިގެ ބޮޑެތި މައްސަލަތަކެއް ދިމާވެފައިވާ އިރު، އެކަން ހައްލު ކުރުމަށް އެފްއޭއެމްއިން ވަނީ އުސޫލުތަކެއް އެކުލަވާ ލައިފައެވެ. އެގޮތުން އެންމެ މުހިއްމު ކަމެއްގެ ގޮތުގައި މުސާރައިގެ އޮނިގަނޑެއް ފާހަގަކޮށްލެވުނު އިރު، އޭގެ އިތުރުންވެސް ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ ކޮންޓްރެކްޓްގެ އުސޫލުތަކަށްވެސް ވަނީ ރިއާޔަތް ކޮށްފައެވެ.

ކުރިން އެފްއޭއެމްއިން ކަނޑައަޅާފައި ވަނީ އަންނަ ސީޒަނުން ފެށިގެން އެންމެ މުސާރަ ބޮޑު ކުޅުންތެރިޔަކަށް ދެވޭނީ ސީޒަނަކަށް ހަތަރު ލައްކަ ރުފިޔާ ކަމަށެވެ. އެ ކުޅުންތެރިންގެ މިންގަނޑުތައްވެސް ކަނޑައަޅާނީ އެފްއޭއެމްއިން ކަމަށް ވަނީ ނިންމާފައެވެ. އެހެން ނަމަވެސް ކްލަބުތަކުގެ އެއްބަސްވުމާއެކު، ފައިނަލް އުސޫލުތައް ކަނޑައެޅުމުގައި އެފްއޭއެމްއިން ވަނީ އެ އަދަދު ތިން ލައްކައަށް ކުޑަކޮށްފައެވެ.

އޭރުން އެ މުސާރަ ލިބޭ ކުޅުންތެރިއަކަށް މަހެއްގެ މައްޗަށް ޖެހޭނީ 30،000 ރ އެވެ. އޭގެ ތެރޭގައި މުސާރައިގެ ބޯނަސް އަދި އެލަވެންސްތައްވެސް ހިމެނެން ޖެހޭ އިރު، ސައިކުރާ އިރު، ދެވޭ ބޯނަސް ފައިސާވެސް އެންމެ ބޮޑުވެގެން ދެވޭނީ މުސާރައިގެ 20 ޕަސެންޓަށް ކަމަށް އެފްއޭއެމްއިން ވަނީ ނިންމާފައެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ޓީސީ އަދި ވިކްޓަރީ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒު (ޖަވާ)، "ވަގުތު"އަށް ވާހަކަ ދައްކަމުން ވިދާޅުވީ ހުރިހާ ނިންމުމަކީވެސް ކްލަބުތަކުގެ ނިންމުން ކަމަށާއި، ފައިނަލްކޮށްފައިވާ އުސޫލުތަކަށް އަންނަ ސީޒަނުން ފެށިގެން އަމަލުކުރުމަށް ފުރިހަމައަށް ކްލަބުތައް ތައްޔާރުވެފައިވާނެ ކަމަށެވެ.

އަންނަ ސީޒަނުން ފެށިގެން ކުޅުންތެރިންގެ ކޮންޓްރެޓްތައް ހެދޭނީ އެންމެ މަދުވެގެން ތިން އަހަރު ދުވަހަށް ކަމަށް އުސޫލުތަކުގައި ކަނޑައެޅިފައިވާ އިރު، އެފްއޭއެމްގައި ރަޖިސްޓްރީ ކޮށްފައިވާ ކޮންޓްރެކްޓްގެ އިތުރުން، އިތުރު އެއްވެސް އެއްބަސްވުމެއް ކުޅުންތެރިޔާއާއި ކްލަބާ ދެމެދު ވެފައި އޮވެގެން ނުވާނެ ކަމަށް އެފްއޭއެމްއިން ކަނޑައަޅާފައިވެއެވެ.

އޭގެ އިތުރުން ޒުވާން ކުޅުންތެރިން ރަޖިސްޓްރީ ކުރުމަށްވެސް އެފްއޭއެމްއިން ވަނީ ތަފާތު މިންގަނޑެއް ކަނޑައަޅާފައެވެ. އެގޮތުން 23 އަހަރުން ދަށުގެ ކުޅުންތެރިއެއް ކްލަބެއްގައި ރަޖިސްޓްރީ ކުރާނަމަ، އެ ކުޅުންތެރިޔަކު 23 އަހަރު ވަންދެން ކޮންޓްރެކްޓް ހެދެން ޖެހޭނެ އެވެ.

މުސާރައިގެ މައްސަލަތައް ޖެހިއްޖެ ނަމަ، އެކަން ކޮންޓްރެކްޓްގައި ވާގޮތުން ހައްލުކުރުމުގެ ފުރުސަތު ކުޅުންތެރިޔާއަށްވެސް ލިބިފައިވާ އިރު، ޖުމްލަ ދެމަސް ތެރޭގައި ކުޅުންތެރިއާއަށް މުސާރަނުދީފިނަމަ، ދެމަސް ހަމަވާ ދުވަހުން ފެށިގެން 30 ދުވަސް ތެރޭގައި ކުޅުންތެރިއާއަށް ނުދެވި ހުރި މުސާރަ ދޭންވާނެ ކަމަށް އެފްއޭއެމްއިން ވަނީ ކަނޑައަޅާފައެވެ. އަދި އެ އުސޫލުން ވެސް މުސާރަ ނުދީފިނަމަ ހެދިފައިވާ އެއްބަސްވުން އޮޓަމެޓިކުން ބާތިލްވާނެ ގޮތަށްވެސް ނިންމާފައިވެއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގު: ނިއުރޭޑިއަންޓް އަދި ފެހެންދޫ ބައްދަލު ކުރި މެޗް -- ވަގުތު އިމޭޖެސް: އިބްރާހިމް ޝާބިލް

ރާއްޖޭގެ ކްލަބު ފުޓުބޯޅަ ހަރުދަނާ ކުރުމުގެ ގޮތުންނާއި، ކްލަބުތަކުގެ މާލީ ހާލަތު ކޮންޓްރޯލް ކުރުމަށް އެފްއޭއެމްއިން ފެށި މަސައްކަތްތަކުގެ ތެރެއިން އަންނަ ސީޒަންގައި ކްލަބުތަކުގެ ހިންގުމަށް ބަދަލުތަކެއް ގެނައުމަށް ވަނީ ނިންމާފައެވެ. އެގޮތުން ފައިނޭންޝިއަލް ކަންކަމަށް ބޮޑެތި ސަމާލުކަމެއް ދޭން ވަނީ ނިންމާފައެވެ.

އެފްއޭއެމްއިން މުސާރައިގެ އޮނިގަނޑެއް ކަނޑައަޅާފައި ވަނީ މީގެ ކުރިން ބޮޑެތި ކޮންޓްރެކްޓްތަކުގައި ބައެއް ކުޅުންތެރިން ކްލަބުތަކަށް ގޮސް، މުސާރަ ނުދެވުމުގެ މައްސަލަތައް ދިމާވުމުގެ ސަބަބުން އެކަމަށް ހައްލު ހޯދުމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙަމެ

    ތީ ވަރައްތާކުން ތާކުން ނުޖެހެ އެއްޗެއް ކުޅުންތެރިންވެސް ރަނގަޅު ކުލަބް ތަކައް ދާން ބޭނުން ވާނީ ބޮޑު މުސާރައިގަ އޭތި ފިކްސް ވެފަ އޮވެގެންނުވާނެ. މަހުލޫފް ނުވަންޏާ އިސްތިއުފަ ދީ

  2. ަައަބްޅޯ

    ރާއްޖޭގެހުރިހާ ކަންކޮޅެއްގައި ހިނގާ ހުރިހާކުޅިވަރު ޚަބަރުތައް ގެނެސްނުދެވެންޏާ އަދި އަޕްޑޭޓް ނުކުރެންޏާ ތިކަންކުރުން ހުއްޓާލަ!