ރާއްޖޭގައި ބޭނުންކުރާ ޕްލާސްޓިކުގެ ބާވަތްތައް މަދުކޮށް، އެކަމަށް އާއްމުން ހޭލުންތެރިކުރުމުގެ ގޮތުން "ޒީރޯ ޕްލާސްޓިކް ރަން" ގެނަމުގައި ދުވުމެއް ބާއްވަން ނިންމައިފިއެވެ.

މި ދުވުން އިންތިޒާމު ކުރަނީ އައި.ސީ.އެސް މޯލްޑިވްސް ގެ ފަރާތުންނެވެ. ފެބްރުއަރީ އެއްވަނަ ދުވަހުގެ ހެނދުނު އަށެއް ޖަހާއިރު ފެށުމަށް ހަމަޖެހިފައިވާ މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ސެންޓްރަލް ޕާކުގައެވެ.

މި ދުވުމާއި ގުޅޭގޮތުން، ވީ.ޓީ.ވީ ގެ "ޙަބަރުގެ އެތެރެފާރާތް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން، ޒީރޯ ޕްލާސްޓިކް ރަން ގެ އެމްބެސެޑަރ ޙަސަން ފަރުޙާން ވިދާޅުވީ މި ދުވުމުގެ ބޭނުމަކީ ސިލްގަލް ޔޫސްޑް ޕްލާސްޓިކަށް ދިވެހިން ހޭލުންތެރި ކުރުން ކަމަށާއި، ޕްލާސްޓިކުގެ ސަބަބުން ތިމާވެއްޓަށް ލިބިގެންދާ ގެއްލުންތައް އާއްމުންނަށް އަންގައިދިނުން ކަމަށެވެ.

"ބައެއް ފަހަރު މީހުން ބުނާނެ ދުވެގެން ކިހިނެއްބާއޭ ހޭލުންތެރިވަނީ. ނޫނީ ދުވެގެން ކޮން ފައިދާއެއްބާއޭ އޭގެން ލިބެނީ. އަޅުގަނޑުމެން މި ދުވުން މި ބާއްވަނީ މީހުން ހޭލުންތެރި ކުރުމަށް. މީހުން އަހުލުވެރިކޮށް، ކޮމިއުނިޓީ ތެރޭގަ ސިންގަލް ޔޫސްޑް ޕްލާސްޓިކް ބޭނުންކުރާ ކުރުން މަދުކުރުމަށްޓަކާ" ފަރުހާނު ވިދާޅުވިއެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ފަރުޙާން ވިދާޅުވީ، ޕްލާސްޓިކަކީ ނެތިދިއުމަށް ގިނަ އަހަރުތަކެއް ބޭނުންވާ އެއްޗެއް ކަމަށާއި، އެއްހާސް އަހަރުންވެސް ފަނާވެ ނުދާ ޕްލާސްޓިކް އެބަ ހުރި ކަމަށެވެ. އަދި ރާއްޖެ ކަހަލަ، ފަތުރުވެރިކަމަށް ބަރޯސާވެފައިވާ ޤައުމަކުން، ޕްލާސްޓިކް ބޭންކުރުން މިހާރު ހުއްޓާލަންޖެހިފައިވާ ކަމަށް ފަރުޙާނު ވިދާޅުވިއެވެ.

"އެބަ ޖެހޭ މިނޫން އެހެން ގޮތެއް ދިވެހިން ހޯދަން. މި ޕްލާސްޓިކް ބޭނުންކުރުން މަދުކުރަން އަޅުގަނޑުމެން އެބަޖެހޭ އެންމެންނާ އެކު ނިކުމެ އަޑު އުފުލަން. ނޫނީ އެވަރުގެ ޕްލެޓްފޯމެއް އަޅުގަނޑުމެން އެބަޖެހޭ ކްރިއޭޓު ކޮށްދެން " ފަރުހާން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޙިޔާލު

    ޕްލާސްޓިކް އެތެރެކުރަންޖެހޭ ސަބަބުތައް ނައްތާލައިގެން ނޫނީ ޙައްލުވާނެ ހެނެއް ހިޔެއްނުވޭ...