ކުރިއަށް އޮތް ސީޒަނުގައި ކޮންމެވެސް ކްލަބަކުން ފެންނާނެ ކަމަށާއި، އަދި އެއްވެސް ކްލަބާ ރަސްމީކޮށް މަޝްވަރާ ނުކުރާ ކަމަށް ތަޖުރިބާކާރު ގޯލްކީޕަރު އިމްރާން މުހައްމަދު (އިންމަ) ބުނެފިއެވެ.

އިންމަ "ވަގުތު"އަށް ވާހަކަ ދައްކަމުން ބުނެފައި ވަނީ ކުރިއަށް އޮތް ސީޒަނުގައި ފެންނާނެ ކަމަށެވެ. އެހެން ނަމަވެސް ޓްރާންސްފާގެ ވާހަކަތައް އަދި އެއްވެސް ކްލަބަކާއެކު ކުރިއަށް ނުދާ ކަމަށްވެސް އިންމަ ބުންޏެވެ.

" ކުރިއަށް އޮތް ސީޒަނުގައި ކޮންމެވެސް ކްލަބަކުން ފެންނާނެ. އެކަމަކު އެއްވެސް ކްލަބަކާ ވާހަކަ ދެއްކި ކަމަށް ދެކެވޭ ވާހަކައަކީ ރަނގަޅު ވާހަަކައެއް ނޫން. އަދި އެއްވެސް ކްލަބަކާ ރަސްމީކޮށް ވާހަކަ ނުދައްކަން. އަދި ވަކިގޮތެއްވެސް ނުނިންމަން،" އިންމަ ބުންޏެވެ.

އިންމަ މިހެން ބުނެފައި ވަނީ ގްރީން ސްޓްރީޓްސްއާއެކު އިންމަ ވާހަކަތައް ކުރިއަށް ގެންދާ ކަަމަށް ބައެއް ފަރާތްތަކުން ބުނެފައި ވަނިކޮށެވެ. ކުރިން އިންމައާއެކު ނިއު ރޭޑިއަންޓްގައި ގިނަ މެޗުތަކެއް ކުޅުނު އަލީ އަޝްފާގު (ދަގަނޑޭ)އާއި މުހައްމަދު އުމައިރު ގްރީންއަށް ދިޔުމަށް ނިންމާފައިވުމާއެކު އިންމަ އެ ކްލަބާ ގުޅޭނެ ކަމަށް ގިނަ ބަޔަކު ވާހަކަ ދައްކަމުން ދެއެވެ.

ނިމި ދިޔަ ސީޒަންގައިވެސް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އިންމަ ފެނިފައިވާ އިރު، އޭނާ އެ ކްލަބުން ވަކި ކުރީ ސީޒަން ނިމެން ދަނިކޮށެވެ. ނިއުއިން އިންމަ ވަކިކޮށްފައި ވަނީ ކްލަބަށް އެކަށީގެންވާ ހިދުމަތް އިންމަގެ ފަރާތުން ނުލިބޭ ކަމަށް ބުނެއެވެ. އެހެން ނަމަވެސް، އެކަން ހިނގާ ދިޔައީ ނިއުއިން އިންމައަށް މުސާރަ ނުދޭތީ އޭނާ އެފްއޭއެމްއަށް މައްސަލަ ޖެއްސުމާއެކުގައެވެ.

ނިއުއިން ކްލަބުގެ 10 ކުޅުންތެރިޔަކަށް ދޭން ޖެހޭ 8.3 މިލިއަން ރުފިޔާ އޮތުމުން އެ ކްލަބު ވަނީ ސަސްޕެންޑް ކޮށްފައެވެ.

ނިއުގެ ގިނަ ކުޅުންތެރިންތަކަކަށް މުސާރައިގެ މައްސަލަ ދިމާވެފައިވާ އިރު، ނިއުއިން އިންމަ ޓީމުން ކަނޑާލުމާއެކު ގިނަ ބައެއްގެ ފާޑުކިޔުން ވަނީ ކްލަބަށް އަމާޒުނެފައެވެ. އެއީ ރާއްޖޭގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އިންމައަކީ ރާއްޖޭގެ އެންމެ ޕްރޮފެޝަނަލް އަދި އެންމެ އިހުތިރާމް ބޮޑު ކުޅުންތެރިޔާއަށްވެސް ވާތީއެވެ.

ސަތާރަ އަހަރު ދުވަހު ރާއްޖޭގެ ގައުމީ ޓީމުގެ ގޯލް ބެލެހެއްޓުމަށްފަހު އިންމަ ގައުމީ ޓީމުން ރިޓަޔާ ކުރީ 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައެވެ. ގައުމީ ޓީމާއެކު ކާމިޔާބީތަކެއް ހޯދި އިންމަ ވަނީ ރާއްޖޭގެ ކްލަބު ފުޓުބޯޅައިގައި ހުރިހާ ކާމިޔާބީއެއް ހޯދައިފައެވެ. އިންމަ ގައުމީ ޓީމުން ރިޓަޔާ ކުރި މެޗު މިދިޔަ މަހު ތެރޭގައި ކުޅެފައިވާ އިރު، އެ މެޗުގައި ދުނިޔޭގެ ލެޖެންޑްރީ ގޯލްކީޕަރު ޕީޓާ ޝޫމައިކަލް އަދި ރެއާލްގެ ލެޖެންޑް މިޝޭލް ސަލްގާޑޯ ބައިވެރިވިއެވެ.