ކްލަބުތަކުން ސޮއިކޮށް، ވިކްޓަރީ ސްޕޯޓްސް ކްލަބުން މިދިޔަ ހަފްތާގައި ހުށަހެޅި ސިޓީގައި ބުނެފައިވާ އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރާި ކޮންގްރެސް ނުބާއްވަން އެފްއޭއެމްއިން ނިންމައިފިއެވެ.

އެފްއޭއެމްގެ އެކްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް އެދި، މިދިޔަ ހަފްތާ ތެރޭގައި ވިކްޓަރީން އެފްއޭއެމްއަށް ސިޓީ ހުށަހަޅާފައިވާ އިރު، އެ ސިޓީގައި ގިނަ ކްލަބުތަކުން ސޮއިކޮށްފައިވާ ކަމަށް ކްލަބުން މައުލޫމާތު ދީފައިވެއެވެ. އެފްއޭއެމްއާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ ދެމެދު މައްސަލަތަކެއް ޖެހިފައިވާ އިރު، އެފްއޭއެމްއިން ތުހުމަތު ކޮށްފައި ވަނީ ކްލަބުތަކުން ސިޓީގައި ސޮއިކޮށްފައި ވަނީ ޔޫތު މިނިސްޓަރުގެ ނުފޫޒުން ކަމަށެވެ.

ޔޫތު މިނިސްޓަރު ވިދާޅުވެފައި ވަނީ އެފްއޭއެމްގެ ތެރޭގައި ސިޔާސީ ކަންތައްތަކެއް ހިނގާ ކަމަށާއި، ފައިސާގެ މުއާމަލާތްތަކުގައިވެސް ސުވާލު އުފެދޭ ކަންކަން ހުރި ކަމަށެވެ. އެފަދަ ތުހުމަތުތަކެއް ކޮށް، ސަރުކާރަށް އެއްބާރުލުން ނުދޭނެ ނަމަ، ކްލަބުތަކަށް ދޭ ފައިސާގެ އެހީތެރިކަން ނުދޭނެ ކަމުގެ އިޝާރާތެއްވެސް މަހުލޫފު ވަނީ ދީފައެވެ.

އެފަދަ ގޮތަކަށް އެފްއޭއެމްގެ ކަންކަމުގައި ޔޫތު މިނިސްޓަރު މަހުލޫފު ވާހަކަ ދައްކާފައިވާ އިރު، ވިކްޓަރީގެ ސިޓީއާ ގުޅިގެން އެފްއޭއެމްއިން ފީފާގެ ލަފާއަކަށް އެދުމާއެކު ފީފާއިން ވަނީ އެފްއޭއެމްއަށް ހާއްސަ ސިޓީއެއް ފޮނުވާފައެވެ.

ފީފާގެ ސިޓީގައި ބުނެފައި ވަނީ އެކްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް ކްލަބުން ގޮވާލި އިރު، އެފްއޭއެމްގެ އަހަރީ އާންމު ޖަލްސާއެއް ބޭއްވުމަށް މިހާރުވެސް އެފްއޭއެމްއިން އިއުލާން ކޮށްފައިވުމާއެކު، އެކްޓްރާ އޯޑިނަރީ ކޮންގްރެސްއަކަށް ދިޔުމަކީ އެންމެ އެކަށޭނެ ގޮތެއް ނޫން ކަމަށެވެ. އަދި އެ ކޮންގްރެސްގައި ކްލަބުތަކުން ބޭނުންވާ ހިޔާލު ފާޅުކުރުމަށް ފުރުސަތު ލިބޭނެތީ ފީފާގެ އިރުޝާދުގެ ދަށުން މާޗު 25 ވަނަ ދުވަހު ކޮންގްރެސް ބާއްވަންވެސް އެފްއޭއެމްއިން ވަނީ ނިންމާފައެވެ.

އޭގެ އިތުރުންވެސް ސިޓީގައިވާ ބައެއް ކަންކަމަށް ރިއާޔަތްކޮށް، ފީފާއިން ބުނެފައި ވަނީ ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ އެފްއޭއެމްގެ ކަންކަމަކަށް އިތުރު ފަރާތެއް، ތިންވަނަ ފަރާތަކުން ވަންނަން އިތުރަށް މަސައްކަތް ކުރާނަމަ، ސަސްޕެންޑް ކޮށްފާނެ ކަމުގެ އިންޒާރު ވަނީ ދީފައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނަފާ

    ސަސްޕެންޑްކޮށްލާ ބައްސާމު ހުރެގެން ތިތަން ހިންގަށްވުރެއް ސަސްޕެންޑުކުރުންވެސް މާ ރަނގަޅުވާނެ..