ދިވެހި ފުޓްސަލް އަށް ބޮޑު އިންގިލާބެއް ގެނުވި އޮފީސްތަކާއި ކުންފުނި ތަކުގައި ވާދަވެރި ކުލަބް މޯލްޑިވްސް ކަޕް މިރޭ ފަށާނެއެވެ.

މި މުބާރާތް މެދުކެނޑުމެއް ނެތި މިހާރު 13 އަހަރު ކުރިޔަށް ގެންގޮސްފައިވާއިރު މިއަހަރުގެ މުބާރާތުގައި ފިރިހެން 32 ޓީމެއް ބައިވެރިވާއިރު އަންހެން 9 ޓީމެއް ވާދަކުރާނެއެވެ. މި އަހަރުގެ މުބާރާތް އެއްމަސްދުވަހުގެ މުއްދަތަކަށް ކުރިޔަށްދާނެއެވެ. މިއަހަރުގެ މުބާރާތުގައި ޖުމްލަ 574 ކުޅުންތެރިން ހިމެނޭއިރު އޮފިޝަލުންގެ ގޮތުގައި 205 ފަރާތެއް ހަރަކާތްތެރި ވާނެއެވެ.

މިއަހަރުގެ މުބާރާތް ފެށުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތް އޮންނާނީ މިރޭ 8:45 ގައި މާފަންނު ކުޅިވަރު އެކުވަނީގައެވެ. މި ރަސްމިއްޔާތުގައި ހުރިހާ ޓީމެއްގެ ޖާޒީ ދައްކާލުމުގެ އިތުރުން މޯލްޑިވިއަން އައިޑޮލް އިން ވިދާލި ޝަލަބީ އިބްރާހިމް އާއި، އައިޝަތު ޖައިޝާ ވަހީދާ އާއި ޝަޒާ އަބްދުއްރަޝީދުގެ އިތުރުން ރީޙާން އަހުމަދުގެ ލަވަކިޔުމުގެ ހުނަރުތަށް ފެނިގެން ދާނެއެވެ. އަދި ކުލަބް މޯލްޑިވްސްގެ ކަޕްގެ މުނިފޫހިފިލުމުގެ ބައިވެރިޔާ ބިދަބިންގެ ހަރަކާތްތަށްވެސް ފެނިގެންދާނެއެވެ.

މި މުބާރާތް ފެށުމުގެ ގޮތުން މިރޭ ބައްދަލު ކުރާނީ ކުލަބް އެމްއާރްޑީސީ އާއި ކުލަބް އާސަންދަ އެވެ. އަދި 18/30 ވުމަން ފުޓްސަލް ފިއެސްޓާގެ މެޗްގައި ބައްދަލުކުރާނީ ޓީމް ފެނަކަ އާއި އުރީދޫ އެވެ. މި ދެމެޗްވެސް ކުޅުމަށް ހަމަޖެހިފައިވަނީ މިރޭ 22:00 ގައެވެ.

ކްލަބް މޯލްޑިވްސް ފުޓްސަލް މުބާރާތަކީ މިހާރު ރާއްޖޭގެ ގިނަ ޒުވާނުންގެ އިތުރުން އޮފީސްތަކާއި ކުންފުނި ތަކުން ވަރަށް އިސްކަމެއްދީގެން ބައިވެރިވާ މުބާރާތެކެވެ. މި މުބާރާތުގައި އެކިއެކި ޓީމްތަކަށް ގައުމީ ފެންވަރުގެ ކުޅުންތެރިންވެސް ކުޅެމުން ގެންދެއެވެ.