ނިއު ރޭޑިއަންޓްގެ ކުރީކޯޗު ބާނާޑޯ ޓަވަރޭޒްގެ މުސާރައާއި، މުސާރަ ނުދީ ހުރި ދުވަސްތަކަށް އޭނާއަށް ލިބިފައިވާ ގެއްލުމުގެ ބަދަލާއެކު، 33,161 ޑޮލަރު، 30 ދުވަސް ތެރޭ އޭނާއަށް ދެއްކުމަށް ފީފާއިން ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް އަންގައިފިއެވެ.

ނިއުއިން ޕޯޗުގަލްގެ ޓަވަރޭޒް މަގާމުން ވަކިކޮށް ފޮނުވާލާފައި ވަނީ 2017 ވަނަ އަހަރު ޖޫން މަހުގައެވެ. ނިއުއިން އޭނާ ފޮނުވާލި އިރު، ކޮންޓްރެކްޓާ ހިލާފަށް އަމަލުކޮށްފައިވުމުގެ އިތުރުން މުސާރަ ދޭންވާ ވަރަށް ނުދީ އޮތުމުން ފީފާއަށް ވަނީ މައްސަލަ ހުށަހަޅާފައެވެ.

ޓަވަރޭޒްއަށް ނުދީ އޮތް މުސާރަ، 4000 ޑޮލަރު ފަސް ޕަސެންޓްގެ އިންޓަރެސްޓާއެކު ދައްކަން ޖެހޭ އިރު، ހެދިފައިވާ އެގްރީމަންޓާ ނިއު ހިލާފުވެފައި ވުމުން ޓަވަރޭޒްއަށް 20،000 ޑޮލަރު، ފަސް ޕަސެންޓް އިންޓަރެސްޓާއެކު ދައްކަން ޖެހެއެވެ. އޭގެ އިތުރުން ގެއްލުމުގެ ބަދަލަށް 7،961 ޑޮލަރުވެސް ނިއުއިން ޓަވަރޭޒްއަށް ދޭން ޖެހޭނެއެވެ.

މިދިޔަ ސީޒަންގައި ނިއު ރޭޑިއަންޓަށް ކުޅުނު އަފްގާނިސްތާން ޑިފެންޑަރު ޒޯހިބް އިސްލާމް އަމީރީއަށް 45،636 ޑޮލަރު ދިނުމަށް ފީފާއިން ވަނީ ނިއުއަށް 45 ދުވަސް ދީފައެވެ. އެ 45 ދުވަސް އަދި ހަމަވެފައި ނުވާ އިރު، ނިއުއިން އަދި ފައިސާ ދިން ކަން އެނގިފައެއް ނުވެއެވެ.

ނިއުއިން އަމީރީއަށް ދޭން ޖެހޭ މުސާރައިގެ 13،250 ޑޮލަރު އިންޓަރެސްޓާއެކު ދެއްކުމަށް ފީފާއިން އަންގާފައިވާ އިރު، ކޮންޓްރެކްޓާ ހިލާފުވުމުން ނިއުއިން އަމީރީއަށް 30،130 އަދި އޭގެވެސް ފަސް ޕަސެންޓް އިންޓްރެސްޓް ދޭން ޖެހެއެވެ.

މުސާރައިގެ މި މައްސަލަތަކުގައި ނިއުއަށް ބުނެފައިވާ މުއްދަތުގައި އެ އަދަދަށް ފައިސާ ނުދެއްކިއްޖެ ނަމަ، ކްލަބަށް އެއްވެސް ކުޅުންތެރިޔަކު ރަޖިސްޓްރީ ނުކުރެވޭނެ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށް ބެލެވެއެވެ.

ލޯކަލް 10 ކުޅުންތެރިއަކަށް ދޭން ޖެހޭ 3.8 މިލިއަން ރުފިޔާގެ މުސާރަ ނުދީ އޮތުމުން އެފްއޭއެމްއިން ވަނީ ނިއު ސަސްޕެންޑްވެސް ކޮށްފައެވެ. އަދި އަންނަ ސީޒަންގައި ނިއުއަށް ކުޅެވެން އޮތީ އެ މުސާރަ ކުޅުންތެރިންނަށް ދިނުމަށްފަހުގައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެންދެރި

    ސިޔާސީ މީޙުން ކްލަބް ތަކާ ހަވާލު ވީމަ ވާގޮތެވެ.

  2. ޕޮފުބާ

    މުސާރަދޭން ނުލިބެންޏާމް ތިކަން ނުކޮއްބަލަ ދިވެހި ފުޓްޅަޔަށް ތާއީދު ކުރާމީހަކު ނޫޅޭނެ މިހާރަކު 1970 ވަނަ އަހަރު ކުޅުނު ފުޓްބޯޅައެއް މިހާރުވެސް ގެނގުޅެނީ