އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ޗެލްސީން ވުލްވްސްއާ ދެކޮޅަށް ކުޅުނު މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ޗެލްސީގެ އަމިއްލަ ދަނޑުގައި މިރޭ ކުޅުނު މެޗު 1-1ގެ ނަތީޖާއަކުން ނިމުނު އިރު، މެޗު ނިމެން ކުޑައިރުކޮޅެއް ވެފައި ވަނިކޮށް ޗެލްސީއަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެޑެން ހަޒާޑެވެ.

މިވަގުތު ލީގު ތާވަލުގެ ހަތަރު ވަނައިގައި މެންޗެސްޓާ ޔުނައިޓެޑް އޮތީ 29 މެޗުން 58 ޕޮއިންޓާއެކުގައެވެ. އާސެނަލް ފަސްވަނައިގައި އޮތް އިރު، އެޓީމާ ޗެލްސީ ވަނީ މިހާރު ޕޮއިންޓްގެ ގޮތުން ހަމަހަމަ ވެފައެވެ. މިރޭގެ މެޗުގައި ވުލްވްސް ބަލިކޮށް ޗެލްސީއަށް ގަދަ ހަތަރަކަށް އެރުވެން އޮތް ނަމަވެސް، އެޓީމަށް އެ ފުރުސަތު ގެއްލުނީއެވެ.

ޔުނައިޓެޑުން މިރޭ އާސެނަލްއާ ކުޅޭ މެޗުން މޮޅުވާ ޓީމަކަށް ގަދަ ހަތަރަކަށް ފުރުސަތު ބޮޑުވާނެއެވެ.

ޗެލްސީން މެޗުގައި ވަރުގަދަކޮށް ފެށި ނަމަވެސް، އެޓީމަށް އެންމެ އެދެވޭ ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. ހާއްސަކޮށް އެޓޭކަށް ދާ ބޯޅަތަކުގައި ޗެލްސީ ފެނުނީ ދަށްކޮށެވެ.

ގޯލެއް، އަދި މާ ނުރައްކާ ހަމަލާތަކެއްވެސް ނުފެނި ޗެލްސީން ހާފް ނިންމާލި އިރު، ދެވަނަ ހާފް ފެށިގެން މާ ގިނައިރެއް ނުވެ ވުލްވްސްއިން ލީޑު ނެގިއެވެ. ރަނގަޅު ކައުންޓާ އެޓޭކް ފުރުސަތެއްގައި ވުލްވްސްއިން ކުރިއަށް ޖެހި، ބޯޅަ ގޯލަށް ނިންމާލީ ރައުލް ހިމަނޭޒްއެވެ. ހިމަނޭޒް މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އިރު، އޭނާގެ ގޯލަށްފަހު ޗެލްސީން ފުލް އެޓޭކަށް ގޭމް ބަދަލުކޮށްލިއެވެ.

ދެވަނަ ހާފްގައި ޗެލްސީން ކުޅެން ނެރުނު ވިލިއަން ރަނގަޅު ކުޅުމެއް ފަހުވަގުތު ދެއްކި އިރު، މެޗުގެ ފަހު ކޮޅުގައި ޗެލްސީން ރަނގަޅު ހަމަލާތަކެއް އުފެއްދިއެވެ. ލޮފްޓަސް ޗީކާއި ހިގުއައިންއަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބުނު އިރު، މެޗުގެ އިތުރު ވަގުތުގެ ދެވަނަ މިނެޓުގައި ޗެލްސީން އެއްވަރު ކުރީ ހަޒާޑްގެ ގޯލުންނެވެ.

އޭރިއާ ބޭރުން، ވުލްވްސްގެ ޑިފެންޑަރު ނައްޓާލުމަށްފަހު ހަޒާޑް ފޮނުވާލި ބޯޅަ އަމާޒުކޮށްލީ ގޯލްގެ ތިރީ ކަމަށެވެ.