ރެއާލް މެޑްރިޑަށް އުނދަގޫ ސީޒަނަކާ ކުރިމަތިލާ ޖެހިފައިވާ އިރު، އެޓީމަށް ސީޒަން ހުސްއަތާ ނިންމާލަން ޖެހުން ގާތެވެ. ލީގުގެވެސް އުންމީދު ގެއްލިފައިވާ އިރު، ޗެމްޕިއަންސް ލީގުން ކެޓީ ހިތްދަތިކޮށެވެ. ފުރަތަމަ ލެގު، އަވޭގައި 2-1އިން މޮޅުވެފައި އޮތް ނަމަވެސް، ދެވަނަ ލެގަސް ނުކުމެ އަޔެކްސް ވަނީ 4-1ގެ ނަތީޖާއަކުން ރެއާލް ލަދުގަންނަވާލާފައެވެ.

އެ މެޗުގައި ބަލަން އިން ކެޕްޓަން ރާމޯސްއަށް ބޮޑު ފާޑުކިޔުމެއް އަމާޒުވެފައިވެއެވެ.

ރެއާލްއާއި އެޔެކްސް ކުޅުނު ފުރަތަމަ ލެގު އަވޭގައި ކުޅުނު އިރު، އެ މެޗުން ރެއާލް މޮޅުވީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުން ހޯދި އަވޭ މޮޅާއެކު ރެއާލްއަށް ކުއާޓާގެ އުންމީދު ބޮޑުކޮށް އޮތް އިރު، ރާމޯސް އެމެޗަށް ނުކުތީވެސް ރީނދޫ ކާޑަކާ އެކުގައެވެ.

ގަދަ 16ގެ ދެވަނަ ލެގަށްވުރެ، ކުއާޓާއާއި ސެމީ ފައިނަލް މެޗުތައް މުހިއްމުވާނެ ކަމަށް ބަލާ، ކާޑެއް ހޯދައިގެން ކުރީބައިގައި ސަސްޕެންޑްވުމަކީ، އަޔެކްސް މެޗުގައި ރާމޯސް ބޭނުންވި ގޮތް ކަމަށް އޭނާވެސް ބުނެފައިވެއެވެ. އެހެން ނަމަވެސް އެއީ އަޔެކްސް އަންޑައެސްޓިމޭޓް ކުރުން ނޫން ކަމަށް، މަލާމާތުގެ ރާގަކަށް ރާމޯސް ކުރިން ބުނެފައިވެއެވެ.

ރާމޯސްގެ ރީނދޫ ކާޑަކީ ގަސްދުގައި ހޯދި ކާޑެއް ކަމަށް ޔޫއެފާ އިން ނިންމާފައި އިރު، އެ މައްސަލައިގައި ރާމޯސްއަށް ދެ މެޗުގެ ސަސްޕެންޝަނެއް ވެސް އައިސްފައިވެއެވެ.

އެ މެޗަށްފަހު ރާމޯސް ބުނީ ގަސްދުގައި ކާޑެއް ހޯދަން ނޫން ގޮތަކަށް އޭނާ އެކަން ކުރި ވާހަކަ ބުނެފި ނަމަ، އެ ވާނީ ދޮގު ހެދުމަށް ކަމަށެވެ. ރޭގެ މެޗުގައި ރެއާލް ބަލިވަމުންދިޔަ އިރު، ވީއައިޕީގައި ބަލަންއިން ރާމޯސްއަށް ބޮޑު މަލާމާތެއް އަމާޒުވެފައިވެއެވެ. އޭނާއަކީ އެންމެ ގިނަ ބަޔަކު ރުޅި އަންނަ އެއް ކުޅުންތެރިޔާވެސް މެއެވެ.

ރާމޯސް އިތުރަށް އެ މައްސަލައިގައި ލަދު ގަންނަން ޖެހުނު ސަބަބަކީ ރެއާލް ބަލިވިތަން ބަލަމުންދިޔަ އިރު، އޭނާ ދިޔައީ އެމަޒޯންއަށް ޑޮކިއުމަންޓްރީއެއް ވެސް ފިލްމް ކުރަމުންނެވެ. އެ މަންޒަރު ފޮޓޯ ގްރަފަރުން ވަނީ ނަގަންވެސް ނަގާފައެވެ.

އެ ހުރިހާ ސުވާލެއްގެ ޖަވާބު، ރާމޯސް މިއަދު ކުރި ފޭސްބުކް ޕޯސްޓެއްގައި އޭނާ ވަނީ ދީފައެވެ. އޭނާ ބުނެފައި ވަނީ ކެޕްޓަނެއްގެ ހައިސިއްޔަތުން ޒިންމާއިން ރެކެން ބޭނުން ނުވާ ކަމަށާއި، ޖަވާބުތައް މިއޮތީ ކަމަށެވެ.

ފުރަތަމަ ސުވާލަކަށް ރާމޯސް ކުރީ ދެވަނަ ރީނދޫ ކާޑެއް ގަސްދުގައި ހޯދުމަކީ ހެދުނު ގޯހެއްތޯ ކުރި ސުވާލެވެ. އޭނާގެ ޖަވާބަކަށް ދީފައި ވަނީ އެއީ 200 ޕަސެންޓް އޭނާގެ ގޯހެއް ކަމަށެވެ. ދެވަނަ ލެގުގައި ޑޮކިއުމަންޓްރީއަކަށް ވީޑިއޯ ނެގީ ކީއްވެތޯ ރާމޯސް ކުރި ސުވާލަށް އޭނާ ދީފައިވާ ޖަވާބަކީ މެޗުގެ މާ ކުރިންވެސް ބައެއް ކަންކަމަށް އެއްބަސްވެފައި ހުރި ކަމަށާއި، އެ މެޗު އެހެން ދާނެކަން ނޭނގޭ ކަމަށެވެ. އެހެން ނަމަވެސް މެޗުގެ ނަތީޖާ އެގޮތަށް ދާން ފެށުމުން ރެކޯޑުން ހުއްޓާލި ކަމަށްވެސް ރާމޯސް ބުންޏެވެ.

ރެއާލްގެ ރައީސް ޕެރޭޒްއާ، ޑްރެސިންގް ރޫމް ތެރޭގައި ޒުވާބު ކުރި ކަމަށް ދެކެވޭ ވާހަކައަށް ރާމޯސް ބުނެފައި ވަނީ، ޓީމުގައި އެއްވެސް މައްސަލައެއް ނެތް ކަމަށާއި، ޑްރެސިން ރޫމް ތެރޭގެ ކަންކަން ޑްރެސިން ރޫމް ތެރެއިން ބޭރަށް ނުދާނެ ކަމަށެވެ. ޓީމަށް ހިތްވަރު ދިނުމަށް އަބަދުވެސް ވާހަކަ ދައްކާނެ ކަމަށެވެ.

މާސެލޯއާ ޖެހިގެން އުޅޭ މައްސަލައެެއް އޮތްތޯ ކުރި ސުވާލަށް ރާމޯސް ދިން ޖަވާބަކީ، މާސެލޯއަކީ ބޭބެއެއް ކަމަށާއި، ފަރިތަކުރުތަކުގައި ޕްރެޝަރާއެކު ކުޅޭ އިރު، ހިތްހަމަ ނުޖެހޭ ކަންތައްވެސް ވެފައި ހުންނާނެ ކަމަށެވެ. ކޯޗުގެ ކަންތަކާ ގުޅޭ ގޮތުން ރާމޯސް ބުނީ އެއީ ކުޅުންތެރިންގެ ނިންމުމެއް ނޫން ކަމަށާއި، ރެއާލް ކޯޗަށް ކޮންމެ މީހަކު ހުއްޓަސް ބަލައިގަންނާނެ ކަމަށެވެ.