ޔުވެންޓަސްއިން ކްރިސްޓިއާނޯ ރޮނާލްޑޯ ގެންދިޔައީ ކުރިން ނުކުރެވޭ ކަންތައްތަކެއް ކުރަން ކަމަށާއި، ރޭގެ މެޗުގައި ދައްކާލީ އެ ތަފާތު ކަމަށް ރޮނާލްޑޯ ބުނެފިއެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16ގެ ފުރަތަމަ ލެގުން ޔުވެންޓަސް 2-0އިން ބަލިވެފައި އޮތް ނަމަވެސް، ރޭ އަމިއްލަ ދަނޑުގައި އެ ނަތީޖާ އަނބުރާލިއެވެ. ހުރިހާ ޝުކުރެއް، ހެޓްރިކް ހެދި ރޮނާލްޑޯއަށެވެ. މެޗަށްފަހު ރޮނާލްޑޯ ބުނެފައި ވަނީ ރޭގެ މެޗަކީ ޓީމަށާއި، އޭނާއަށްވެސް ވަރަށް މުހިއްމު މެޗެއް ކަމަށެވެ.

"ޔުވެންޓަސްއިން އަހަރެން ގެނައީ މި ކަންކަން ކުރަން. އާންމުކޮށް އެޓީމަށް ނުވާ ކަންތައްތައް ކުރަން. ޗެމްޕިއަންސް ލީގު ހޯދުމަށް ވިސްނުން ހުންނަން ޖެހޭ ގޮތަކީ މިއީ. ރޭގެ މެޗަކީ އަހަންނަށާއި، އަހަރެންގެ ކްލަބަށްވެސް ވަރަށް މުހިއްމު މެޗެއް. އެތުލެޓިކޯ ވަރަށް ވަރުގަދަ، އެކަމަކު އަހަރެމެން އެއަށްވުރެ ވަރުގަދަ އަޒުމެއްގައި ކުޅުނިން،" ރޮނާލްޑޯ ބުންޏެވެ.

އެންމެފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު ނޮކްއައުޓް ސްޓޭޖުގެ 14 މެޗުން ރޮނާލްޑޯ ވަނީ 18 ގޯލް ޖަހާފައެވެ. މިހާނަތަށް ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލްވެސް ޖެހި ރޮނާލްޑޯއަކީ ފަސް ފަހަރަށް ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައިވާ ފޯވަޑެކެވެ. އޭނާއާއެކު ޗެމްޕިއަންސް ލީގު ހޯދަން ޔުވެންޓަސްއިން ނުކުތް އިރު، ޔުވެންޓަސް ވަނީ މިދިޔަ ފަސް އަހަރު ތެރޭ ދެ ފަހަރަށް ފައިނަލް ކުޅެފައެވެ.