މި އަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވާ މެޗަށް އިންޑިއާ ގައުމީ ފުޓްބޯޅަ ޓީމާއި ބޮލީވުޑުގެ ފިލްމީ އަދި މިއުޒިކީ ތަރިން ރާއްޖެ އައުމަށް އެކްޓިން ސްޕޯޓްސް މިނިސްޓަރު އަލީ ވަހީދު ދައުވަތު ދެއްވައިފިއެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޖަވާޒާއެކު އިންޑިއާ އެމްބެސަޑަރު ސަންޖޭ ސުދީރާއާއި އިއްޔެ އަލީ ވަހީދު ބައްދަލުކުރެއްވި ބައްދަލުކުރުމުގައި ފުޓުބޯޅަ ފޯރިގަދަ ކުރެވޭނެ ގޮތްތަކާ މެދު މަޝްވަރާކޮށްފައިވާ އިރު، އިންޑިއާގެ ގައުމީ ޓީމާއި އެ ގައުމުގެ މުނިފޫހިފިލުވުމުގެ ދާއިރާގެ ތަރިން ގެންނަން ރޭވީ، ފޯރިގަދަ މެޗަކުން ސީޒަން ފެށުމުގެ ގޮތުންނެވެ.

އަލީ ވަހީދު ވިދާޅުވެފައި ވަނީ އިންޑިއާ ގައުމީ ޓީމާއެކު ދިވެހި ޓީމު ކުޅޭ މެޗުތަކަކީ އަބަދުވެސް ވާދަވެރިކަމުގެ މެޗުތައް ކަމަށާއި، ފޯރިގަދަ އެކުވެރިކަމުގެ މެޗެއް އިންޑިއާ ދެކޮޅަށް ނުކުޅޭތާ ޒަމާންތަކެއް ވެއްޖެ ކަމަށެވެ. އަދި މިފުރުސަތަކީ ރަނގަޅަށް ދިވެހި ޓީމުގެ ފެންވަރު ވަޒަން ކޮށްލެވޭނެ ފުރުސަތަކަށް ވާނެ ކަމަށްވެސް އަލީ ވަހީދު ފާހަގަކުރެއްވިއެވެ.

އިންޑިއާއާއި ރާއްޖޭގެ ގުޅުން ބަދަހިވެފައިވާ އިރު، ކުޅިވަރުގެ އެކިއެކި ގޮތްގޮތުންވެސް އަންނަނީ ގުޅުން ބަދަހި ކުރަމުންނެވެ. އެގޮތުން ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކްރިކެޓް ލީގު އޮންނަ އިންޑިއާއިން ދާދި ފަހުން ވަނީ ރާއްޖެއާ ގުޅިގެން 'މޯލްޑިވްސް އިންޑިއާ ކްރިކެޓް ސީރީޒް" ނަމުގައި ހާއްސަ މެޗުތަކެއް ބާއްވައިފައެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ސަލްމާން ހާން

    އަލީ ވަހީދޫ، އެންމެ މެޗަކަށް ފޯރިގަދަ ކުރުމުގެ ބަދަލުގަ ދިގު ރާސްތާ ޕްލޭނެއްގެ ދަށުން ތިކަން ކޮށްބަލަ މެޑަލް ޖެހުމުގެ ބަދަލުގަ

  2. ދުމޭ

    ކޮންމކަމަކަށް އިންޑިއާ. އެހެންތާވާނީ، އިންޑިއާ ފަސްޓް ޕޮލިސީ ގެންނަން އެއްބަސްވެގެންއައި ޕަޕެޓު ސަތުކާރެއްވިއްޔަ.