ފުޓުބޯޅައިގެ މުސްތަގުބަލް ބިނާ ކުރުމަށް އެފްއޭއެމްއިން ރާވާފައިވާ ހާއްސަ ޕްރޮޖެކްޓަށް ރާއްޖޭގެ ފުންނާބު އުސް ދެކޯޗުން ކަމަށްވާ އިސްމާއީލް އާސިފް (ކުޑަ ހީނާ)، އަސްލަމް އަބްދުލްރަހީމް ގުޅިއްޖެއެވެ.

ދެ ކޯޗުންނާއެކު އެފްއޭއެމްއިން ސޮއިކުރުމަށް މިއަދު ބޭއްވި ހަފްލާގައި އެފްއޭއެމްގެ ފަރާތުން ސޮއިކުރެއްވީ، ރައީސް ބައްސާމް އަދީލް ޖަލީލެވެ.

ރާއްޖޭގެ އެކަޑެމީތަކުން ކުޅުންތެރިން ތަމްރީނު ކުރުމުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވޭ ކުޑަ ހީނާ، އެފްއޭއެމް ޕްރޮޖެކްޓްގައި މަސައްކަތް ކުރާނީ 13 އަހަރުން ދަށުގެ ހާއްސަ ގައުމީ ޓީމެއް ބިނާ ކުރުމުގެ މަސައްކަތުގެ އިތުރުން އަތޮޅުތަކާއި މާލޭގައި ހިންގާ ޔޫތު އެކަޑެމީތައް ހިންގުމަށެވެ. އަސްލަމް ފޯކަސް ކުރާނީ ގޯލްކީޕަރުންގެ އެކަޑެމީ ހިންގުމުގެ އިތުރުން ގޯލްކީޕަރުން ތަމްރީނު ކުރާނެ ޓްރެއިނަރުން އުފެއްދުމަށެވެ.

މިއަދު ބޭއްވިި ރަސްމިއްޔާތުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

ބައްސާމް ވިދާޅުވީ މިއަދު އެފްއޭއެމްގެ ޕްރޮޖެކްޓާ ގުޅިގެން ދިޔައީ އުންމީދީ ދެ ބޭފުޅުން ކަމަށާއި، އެ ދެކޯޗުންނާއެކު މުސްތަގުބަލަށް ކުރެވޭ މަސައްކަތް ކާމިޔާބު ވެގެންދާނެ ކަމަށެވެ.

"ދިވެހި ފުޓުބޯޅަ އެހެން ހަރުފަތަކަށް ގެންދިޔުމުގައި ކުރަމުންދާ މަސައްކަތުގެ ތެރެއިން ވަރަށް އުންމީދީ ދެ ފަރާތެއް އަޅުގަނޑުމެންގެ ޓީމާ މި ގުޅިގެން ދަނީ. އަޅުގަނޑުމެންގެ ކުރީގެ ދެ ތަރިން، ފުޓުބޯޅަ އެންމެ އުސް ހަރުފަތުގައި ކުޅެފައި ތިބި ދެތަރިން، މި ޓީމާ ގުޅެނީ. އަސްލަމްގެ މައިގަނޑު މަސައްކަތަކަށްވާނީ ގޯލްކީޕަރު އެކަޑެމީގެ މަސައްކަތައް ކުރިއަށް ގެންދިޔުން. ހަމައެއާއެކީގައި އަޅުގަނޑުމެން ކުރިމަގަށް ކުރާ މަސައްކަތުގައި ގޯލްކީޕަރުންތައް އުފެއްދުމުގެ މަސައްކަތް އަސްލަމްގެ މަސައްކަތަކަށް ވެގެންދާނީ. ހަމައެއާއެކު ގޯލްކީޕަރު ޓްރެއިނަރުން އުފެއްދުމުގެވެސް މަސައްކަތް،" ބައްސާމް ވިދާޅުވިއެވެ.

މިއަދު ބޭއްވިި ރަސްމިއްޔާތުގެ ތެރެއިން --- ވަގުތު އިމޭޖްސް/ މުހައްމަދު އަފްޒަލް

ބައްސާމް ވިދާޅުވީ ކުޑަ ހީނާގެ މަސައްކަތަކަކީ އެލީޓް ގައުމީ ޓީމެއް އުފައްދާ، ދެ އަހަރު ތެރޭގައި އެޓީމު ފައްކާ ކުރި ކަމަށެވެ.

"ކުޑަ ހީނާ ހަވާލު މިކުރަނީ ވަރަށް ހާއްސަ ޕްރޮޖެކްޓެއް. ދެ އަހަރު ދުވަހުގެ މުއްދަތަކަށް ކުރިއަށް ގެންދާ ޕްރޮޖެކްޓެއް އެ މަސައްކަތަކީ. 13 އަހަރުން ދަށުގެ ގައުމީ ޓީމެއް އުފެއްދުމުގެ މަސައްކަތް. ދެ ޕޫލަކަށް ބަހާލައިގެން ޖުމްލަ 60 އަކަށް ކުޅުންތެރިން، ދެ އަހަރު ތެރޭގައި އޭއެފްސީ އަންޑާ 16 މުބާރާތަށް ކޮލިފައިވުމަށް މަސައްކަތް ކުރުމަށް ކުޑަ ހީނާ މަސައްކަތް ކުރަމުންދާނީ،" ބައްސާމް ވިދާޅުވިއެވެ.

ކޯޗު އަސްލަމް އެފްއޭއެމް ޕްރޮޖެކްޓާ ގުޅިފައިވާ އިރު، އޭނާ އަދިވެސް ގައުމީ ޓީމުގެ ގޯލްކީޕަރު ޓްރެއިނަރެއްގެ މަގާމުންވެސް އޭނާ ފެންނާނެއެވެ. އެހެން ނަމަވެސް އެއްވެސް ކްލަބެއްގެ ބެންޗުން އަސްލަމް އަދި ކުޑަ ހީނާވެސް ދެން ނުފެންނާނެއެވެ.