ސީޒަނަށް އެންމެ ވަރުގަދައަށް ތައްޔާރުވަމުންދާ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ޕްރި ސީޒަން ޓްރެއިނިން ކޭމްޕް، އދ. މަހިބަދޫގައި ފަށައިފިއެވެ.

ރާއްޖޭގެ އެންމެ ބޮޑު އެއް ކްލަބު މާޒިޔާއިން އަންނަ ސީޒަނަށް ތައްޔާރުވަމުން ދަނީ ވަރުގަދަ ސްކޮޑާއެކު، ކުރީގެ އެޓީމުގެ ކޯޗު މަރުޖާން ސެކުލޮވްސްކީއާވެސް އެކުގައެވެ. ހަރުދަނާ ގޮތެއްގައިވެސް އަބަދުވެސް ސީޒަނަށް ތައްޔާރުވާކަން ފާހަގަކޮށްލެވޭ މާޒިޔާއިން މަހިބަދޫގައި ކޭމްޕް ޖަހާނީ 10 ދުވަހަށެވެ. މިއަދު ޓީމުގެ ކުޅުންތެރިންނާއި ކޯޗުންނާއެކު، ޓީމުގެ ބައެއް އޮފިޝަލުންވެސް ވަނީ މަހިބަދޫއަށް ގޮސްފައެވެ.

މަހިބަދޫގައި ދާދި ފަހުން އެޅި ބައިންއަގުވާމީ ލެވެލްގެ ޓާފް ދަނޑުގައި މާޒިޔާއިން މިއަދު ހަވީރު ފަރިތަކުރުންތައް ކުރިއަށް ގެންގޮސްފައިވާ އިރު، ކްލަބު އަންނަ ސީޒަނަށް ތައްޔާރުވަނީ ސްކޮޑަށް އަލަށް ގިނަ ކުޅުންތެރިންތަކެއްވެސް އިތުރު ކޮށްގެންނެވެ. އެގޮތުން ރާއްޖޭގެ ގައުމީ ލެވެލްގައި އެންމެ ފާހަގަކޮށްލެވޭ ކުޅުންތެރިން ވަނީ އަންނަ ސީޒަނަށް މާޒިޔާއާ ގުޅިފައެވެ.

މާޒިޔާގެ ޓީމު ފުރުމުގެ ކުރިން ---

އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމަށް މާޒިޔާއިން ގެންދިޔަ ކުޅުންތެރިންގެ ތެރޭގައި ގައުމީ ޓީމުގެ މިޑްފީލްޑަރުން ކަމަށްވާ އިބްރާހީމް ވަހީދު (އިއްބެ)، ހުސައިން ނިހާން (ނިހާޓް އަދި ގައުމީ ޓީމުގެ ދެ ފޯވަޑުން ކަމަށްވާ ހަމްޒާ މުހައްމަދު (ހަމްޕު)އާއި އިބްރާހީމް މަހުދީ (ފޭދޫ އިއްބެ)ވެސް ހިމެނެއެވެ. އޭގެ އިތުރުން ގައުމީ ޓީމުގެ ތަޖުރިބާ ބޮޑު އަހުމަދު އަބްދުﷲ (ލިލީ)ވެސް ދެން ފެންނާނީ މާޒިޔާ ޖާޒީގައެވެ.

ވަރުގަދަ ކުޅުންތެރިންތަކެއްގެ ސްކޮޑު އިތުރަށް ވަރުގަދަ ކޮށްދިނީ ކުރިންވެސް އެ ކްލަބަށް ކާމިޔާބުތަކެއް ގެނެސްދިން ކޯޗު މަރުޖާން ސެކުލޮވްސްކީ ޓީމާ ގުޅުމުންނެވެ. މާޒިޔާގެ މެނޭޖުމަންޓުން "ވަގުތު"އަށް ބުނެފައި ވަނީ ތަމްރީން ކޭމްޕަކީވެސް ކޯޗުގެ ރެކޮމެންޑޭޝަނެއް ކަމަށެވެ.

"މަހިބަދޫއަކީ ކައިރި ރަށަކަށްވެފައި ރަނގަޅު ފެންވަރެއްގެ ދަނޑެއްވެސް މިހާރު އޮތް ރަށެއް. ޓީމު އަންނަ ސީޒަނަށް ތައްޔާރުވުމަށް މި އަންނަނީ ބައިވަރު އާ ކުޅުންތެރިންނާވެސް އެކު، އެހެންވީމަ ކުޅުންތެރިން އެކުވެލާ ރަނގަޅަށް ފުލް ޕިޗެއްގައި ތަމްރީނު ކޮށްލަން ކޯޗު އެބަ ބޭނުންވޭ. އެންމެ މުހިއްމު ކަމަކަށް މާލޭގައި ފުލް ޕިޗެއްގައި ފަރިތަކޮށްލަން ފުރުސަތެއް ނުލިބޭ. ކޯޗު އެބަ ބޭނުންވޭ ފުލް ޕިޗުގައި ފަރިތަކޮށްލާ ޓީމު ރަނގަޅަށް ތައްޔާރު ކޮށްލަން،" މާޒިޔާގެ ބޯޑު މެމްބަރު އަދި މީޑިއާ އޮފިޝަލް ޝިފާން ރައޫފް ވިދާޅުވިއެވެ.

މާޒިޔާގެ ތަމްރީނުތަކުގެ ތެރެއިން ---

މަހިބަދޫގައި ފުޓުބޯޅައިގައި ރާއްޖޭގެ ނަން މަޝްހޫރު ރަށެކެވެ. ދާދިފަހުން އެޅި ފެންވަރު ރަނގަޅު ދަނޑާއެކު އެރަށުން އަންނަނީ ފުޓުބޯޅައިގައި އިތުރު ހަރުފަތަކަށް ދިޔުމަށް މަސައްކަތް ކުރަމުންނެވެ. މާޒިޔާ ފަދަ ބޮޑެތި ކްލަބުތަކުން އެރަށަށް ގޮސް ކޭމްޕް ކުރުމަކީ އެކަމަށް ލިބިގެންދާނެ ހިތްވަރެއް ކަމަށް ބެލެވެއެވެ. ހާއްސަކޮށް މާޒިޔާއަކީ މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޓުބޯޅަ ކުރިއެރުވުމަށް ބޮޑެތި މަސައްކަތްތަކެއް ކޮށް، ހަރުދަނާ ގޮތެއްގައި އެކަޑެމީތައްވެސް ހިންގަމުންދާ ކާމިޔާބު ކްލަބެކެވެ.