ލިވަޕޫލް އަތުން ބަލިވެ ބާސެލޯނާއިން އަނެއްކާވެސް ހިތްދަތި ގޮތަކަށް ޗެމްޕިއަންސް ލީގުން ކަޓާފައިވާ އިރު، ޓީމުގެ ކެޕްޓަން މެސީ ބުނެފައި ވަނީ އެ މެޗަކީ އޭނާގެ ހަޔާތުގައިވެސް އެންމެ އުނދަގޫ މެޗު ކަމަށެވެ. ފުރަތަމަ ލެގުގައި ބާސާއިން 3-0ގެ ނަތީޖާއަކުން މޮޅުވެފައި ވަނިކޮށް، ލިވަޕޫލްގެ ދަނޑުގައި ބާސާ ކޮޅަށް ހަތަރު ގޯލް ޖަހާ، ލިވަޕޫލްއިން ނަތީޖާ އަނބުރާލިއެވެ.

ކޮޕާ ޑެލްރޭގެ ފައިނަލްގައި ވެލެންސިއާ ދެކޮޅަށް ނުކުންނަ މެޗާ ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން މެސީ ބުނެފައި ވަނީ ލިވަޕޫލް މެޗުގެ ދެވަނަ ހާފަށް މާފަށް އެދެން ޖެހޭ ކަމަށެވެ.

" ލިވަޕޫލް މެޗުގެ ދެވަނަ ހާފަށް މާފަށް އެދެން ޖެހޭ. ނަތީޖާއަކަށް ނޫން. އެހެން ނަމަވެސް ފެނުނު މަންޒަރަށް. ފެނުނުހެން ހީވި ބާސާއިން ނުކުޅޭ ކަމަށް، މޮޅުވާން ބޭނުން ނުވާ ކަމަށް. އެއީ އަހަރެންގެ ކެރިއަރުގައި ކުރި އެންމެ އުނަދަގޫ ތަޖުރިބާ،" މެސީ ބުންޏެވެ.

އާޖެންޓީނާއާއެކު ވޯލްޑް ކަޕް ގެއްލި، ކޮޕާ އެމެރިކާވެސް ހިތްދަތިކޮށް ތިން ފަހަރަށް ގެއްލުނު ނަމަވެސް، މެސީ ބުނެފައި ވަނީ އެ މެޗުތަކާ އެއްވަރަށް ލިވަޕޫލް އަތުންވީ ބަލިވެސް ހިތްދަތި ކަމަށެވެ. އޭގެ އިތުރުން ރޯމާއަތުން ބަލިވި މެޗުގެ ވާހަކަވެސް މެސީ ވަނީ ފާހަގަކޮށްފައެވެ.

ބާސެލޯނާ ދޭތެރޭ އެއްވެސް ހިތްހަމަ ނުޖެހުމެއް އުޅޭތޯ މެސީ ގާތުން ސުވާލު ކުރުމުން އޭނާ ބުނެފައި ވަނީ ގައުމީ ޓީމު ނޫނީ ބާސެލޯނާއާ އެކުވެސް އެއްވެސް މައްސަލައެއް ނެތް ކަމަށެވެ. އަދި ބާސާ ދޫކޮށް ނުލާނެ ކަމަށް އޭނާ ވަނީ ތަކުރާރުކޮށް ބުނެފައެވެ.