އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީވެސް ބަލި ގަބޫލުކުރަން ޖެހޭނެ ކަމަށް ބްރެޒިލްގެ ކޯޗު ޓީޓޭ ބުނެފިއެވެ.
ބްރެޒިލުން މިއަހަރުގެ ކޮޕާ އެމެރިކާގެ ތަށި އުފުލާލި އިރު، މުޅި މުބާރާތުގެވެސް އެންމެ ބޮޑު ސަމާލުކަމެއް ހުއްޓުނީ މެސީއަށެވެ. އާޖެންޓީނާއިން ބްރެޒިލާ ކުޅުނު ސެމީ ފައިނަލަށްފަހު، މުޅި މުބާރާތުގެ އިންތިޒާމްތަކާއި ރެފްރީންނަށް މެސީ ހޫނު ހަމަލާތަކެއް ދިން އިރު، ޗިލީއާ ދެކޮޅަށް ކުޅުނު ތިންވަނަ ހޮވި މެޗުގައި މެސީއަށް ވަނީ ރަތް ކާޑުވެސް ދައްކާފައެވެ.
ބްރެޒިލާ ދެކޮޅަށް ކުޅުނު ސެމީގެ މެޗަށްފަހު މެސީ ބުނެފައި ވަނީ ރެފްރީން ގޯސް ވާހަކައެވެ. އަދި ޗިލީ މެޗަށްފަހު މެސީ ބުނީ މުބާރާތް ބައްޓަން ކޮށްފައި އޮތީ "ކޮރަޕްޝަނުން" ބްރެޒިލަށް ތަށި ދޭން ކަމަށާއި، ރެފްރީން ތިބީ ވިކިފައި ކަމަށެވެ. އޭގެ އިތުރުން ދެކުނު އެމެރިކާގެ މުޅި އިދާރާވެސް ވިކި ހުސްވެފައިވާ ކަމަށް މެސީ ވަނީ ބުނެފައެވެ.
ބްރެޒިލުން 2007 ވަނަ އަހަރަށްފަހު މުބާރާތް ކާމިޔާބުކުރި އިރު، ފައިނަލް މެޗަށްފަހު ޓީޓޭ ބުނެފައި ވަނީ މެސީވެސް އިހުތިރާމް ކުރަން ޖެހޭ ކަމަށެވެ.
"މެސީވެސް އިހުތިރާމް ކުޑަކޮށްގެން ނުވާނެ. އިހުތިރާމް ކުރަން ވާނެ. ފާޑު ކިޔުމެއް ނޫން އެއީ. ބޮޑެތި ތުހުމަތުތައް ކުރީ. ބްރެޒިލް މޮޅުވީ އެއްވެސް ރެފްރީގެ މައްސަލައެއް ނެތި. މެޗުން މޮޅުވުންވެސް ހައްގީ ބްރެޒިލަށް. މެސީވެސް ބަލިވީމަ ބަލި ގަބޫލުކުރަން ވާނެ،" ޓީޓޭ ބުންޏެވެ.
ޓީޓޭވެސް ބުނެފައި ވަނީ ޗިލީއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީއަށް ދެއްކި ރަތް ކާޑަކީ، އެންމެ ރަނގަޅު ނިންމުމެއް ނޫން ކަމަށާއި، އެއީ ރީނދޫ ކާޑެއް ދައްކަން ޖެހޭ ހާލަތެއް ކަމަށެވެ.
ނޫނޭ.. މެސީއަށް އޮތީ ވަގުތު ކޯޓުން އަމުރު ނެރުނީމަ ފުލުހުން ހިމާޔަތް ދީފަ