ރެއާލް މެޑްރިޑުން އެޓީމަށް ގެނެސްފައިވާ ބްރެޒިލްގެ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ ވިނިސިއަސް ޖޫނިއާރ ހުރީ މެޑްރިޑަށް ކުޅެން ޖެހުމާއިއެކު އެއްވެސް ކަހަލަ ހާސްކަމެއްގެ ތެރޭގައި ނޫންކަމަށް އޭނާ އިންޓަވިއުއެއްގައި ބުނެފިއެވެ.

ރެއާލް މެޑްރިޑުން 45 މިލިއަނަށް ބްރެޒިލްގެ އަރަމުން އަންނަ އެންމެ ހުނަރުވެރި ޒުވާން ކުޅުންތެރިޔާ ހޯދާފައިވާއިރު ވިނިސިއަސް ވަނީ އޭނާ މިހާރުވެސް ރެއާލްގެ މައި ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ވާހަކަދައްކައި ރެއާލް އާއި ބެހޭގޮތުން އެތެރޭގެ ބައެއް މައުލޫމާތު ހޯދާފައިވާކަމަށް ކިޔައިދީފައެވެ.

ބްރެޒިލްގެ 'އާ ނޭމާރ' ގެ ލަގަބު ދެވިފައިވާ ވިނިސިއަސް ބުނާގޮތުގައި އެ ލަގަބަކީ އޭނާއަށް އެހާ ކަމުދާ ނަމެއް ނޫނެވެ. ވިނިސިއަސް ބުނާގޮތުގައި އޭނާ ބޭނުންވަނީ އޭނާގެ އަމިއްލަ ކެރިއަރެއް ހޭދަކޮށް އެހެން ކުޅުންތެރިޔަކާއި އެއްގޮތް ނުވާށެވެ. ނޭމާރ އަދި ރޮނާލްދީނިއޯ އަކީ އޭނާ ކުޅެން ފެށިއިރު ވަރަށް ގަޔާވި ކުޅުންތެރިންނަށްވިޔަސް އޭނާ އެންމެ ގަޔާވާ ކުޅުންތެރިޔަކީ ބްރެޒިލްގެ ކުރީގެ ތަރި ރޮބީނިއޯކަމަށް ވިނިސިއަސް ވަނީ ކިޔައިދީފައެވެ. ރެއާލްގައި އާންމުކޮށް އޭނާ ވާހަކަދައްކަނީ މާސެލޯ އަދި ކަސެމީރޯ އާއިކަމަށާއި އަދި ރޮނާލްޑޯ އަކީ ވަރަށް ރަނގަޅު އަދި 'ކޫލް' މީހެއްކަމަށްވެސް ވިނިސިއަސް ވަނީ ބުނެފައެވެ.

މި އަންނަ ޖުލައި މަހު މެޑްރިޑަށް ބަދަލުވާނޭކަމަށް ޔަގީންވެފައިވާ ވިނިސިއަސް އަކީ ދެ ފައިންވެސް ކުޅެވޭ ބާރުގަދަ ޝޮޓު ދުރުން ޖެހުމަށް ނަން މަޝްހޫރުވެފައިވާ ކުޅުންތެރިޔެކެވެ. ވިނިސިއަސް ވަނީ ބްރެޒިލްގެ ގައުމީ ޓީމަށް އެކި އުމުރުފުރައިގައި ކުޅެދީ ބޮޑެތި ކާމިޔާބީތަކެއްވެސް ހޯދައިދީފައެވެ. އެ ހުރިހާ ކާމިޔާބީއެއް ހޯދައި ބޮޑު ޓްރާންސްފާރއަކަށް ދުނިޔޭގެ އެންމެ ބޮޑު އެއް ކުލަބަށް ވިނިސިއަސް ބަދަލުވިއިރު އޭނާގެ އުމުރަކީ އެންމެ 16 އަހަރެވެ. އަދި އޭނާ އޭރު ކުލަބު ފެންވަރުގައި ސީނިއާ މެޗެއްގައިވެސް ކުޅެދީފައެއްނުވެއެވެ.