މި ޓްރާންސްފާ މާކެޓުގައި އިނގިރޭސި ކްލަބު ޗެލްސީ އިން ރެއަލް މެޑްރިޑަށް ބަދަލުވި އެޑެން ހަޒާޑް އެ ކްލަބާއި އެކު ތަމްރީންތައް ފެށި ފުރަތަމަ ހަފްތާގެ ތެރޭގައިވެސް ޑިފެންޑަރުން މޮޔަ ކޮށްލައިފި އެވެ.

150 މިލިއަން ޔޫރޯގެ އަގަކަށް ރެއަލް އަށް ބަދަލުވި ވިންގާރ އޭނާގެ މޮޅެތި ހުނަރުތަކުން އެ ކްލަބުގެ ޑިފެންޑަރުންނާއި ގޯލް ކީޕަރުން ކައިރިން ކޮއްޓާ މަންޒަރު ދައްކުވައި ދޭ ވީޑއޯތައް މީސް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ އިރު، އެތައް ބަޔަކު މިހާރު ތިބީ އޭނާގެ ކުޅުން ރަސްމީ މެޗެއްގައި ފެންނާނެ ދުވަހެއްގެ އިންތިޒާރުގަ އެވެ.

އުމުރުން 28 އަހަރުގެ ހަޒާޑު ރެއަލްގައި އޭނާ ބޭނުންވި ޖާޒީ ނުލިބުމުން މިހާރު ވަނީ 23 ނަމްބަރަށް ކުޅެން އެއްބަސް ވެފައެވެ.

ޗެލްސީގައި އޭނާ ކުޅެމުން އައި 10 ނަމްބަރު ރެއަލްގެ ލޫކާ މޮޑްރިޗް ބޭނުން ކުރަމުން އައުމުން ދެން އޭނާ ބޭނުންވީ 7 ނަމްބަރެވެ.

ނަމަވެސް އެ ނަމްބަރަށް މިހާރު ކުޅެމުން އަންނަ މަރިއާނޯ ޑިއާޒް ވަނީ ހަޒާޑަށް 7 ދޭން ދެކޮޅު ހަދާފައިކަން ފާހަގަކޮށްލެވެ އެވެ.

ހަޒާޑުގެ ކުޅުން ބެލުމަށް ފަހު އެ ޕޯސްޓު ތަކަށް ކޮމެންޓު ކުރަމުން އަންނަ މީހުންނާއި ބައެއް ކުޅުންތެރިން ވެސް ބުނަމުން އަންނަނީ ލަލީގާގެ ޑިފެންޑަރުންނަށް ހަޒާޑު ހިފާއްޓައި ނުލެވޭނޭ ކަމަށެވެ.

މި ސީޒަނުގައި ރެއަލް އާއި ގުޅުނު ޖަޕާނުގެ މެސީ ޓަކެފޫސާ ކުބޯ ބުނެފައި ވަނީ އޭނާ ކުޅެން އެރުމުގެ ކުރިން އަބަދުވެސް ހަޒާޑުގެ ވީޑިއޯތައް ބަލާ ކަމަށެވެ.

ޗެލްސީގެ ސަޕޯޓަރުންގެ ލޯބިވެސް ހޯދާފައިވާ ހަޒާޑު މިހާރު އަންނަނީ ރެއަލްގެ ސަޕޯޓަރުންގެ ހިތްތައް ވެސް ދަމައިގަންނަމުންނެވެ.