އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) އަށް ދިޔަ ވަފުދުން ރާއްޖޭގެ ރަން އަކުރުުން ފަވާލިއެވެ. ޓީޓީއާއި ބެޑްމިންޓަނުންވެސް ރާއްޖެއަށް ރަން މެޑަލްތައް ގެނެސްދިންއިރު، އެ ކުޅިވަރުތަކުން ދުވަހަކު ނުހޯދާ ވަރުގެ ކާމިޔާބީތަކެއް ހޯދިއެވެ. ބީޗް ވޮލީއާއި އެހެނިހެންވެސް ކުޅިވަރުތަކުން ކުރިއެރުމާއި ދިރުން ފެނިގެންދިޔައިރު، އެންމެ ވަނދުކޮށް ދިޔަ ކުޅިވަރަކީ ދިވެހީންގެ އެއް ނަންބަރު ކުޅިވަރު ފުޓުބޯޅައެވެ.

ހުރިހާ މެޗަކުން ބަލިވި ބަލިމުމަށްވުރެ ބޮޑަށް، މުޅި ޓީމުގެ ފަރާތުން ފެނުނު ނިކަމެތި ކަމެވެ. ކުޅުންތެރިންގެ ފަރާތުން ފެނުނު ވަރުބަލިކަމާ، މާޔޫސްކަމެވެ. އެތަކެއް ދުވަހަކު ނުކުޅެ ތިބެން ޖެހުމަށްފަހު، މަހެއްހާ ދުވަހު ކްލަބުތަކާއެކު ކުޅެލާފައި، އައިއޯއައިޖީ ފަދަ ވަރުގަދަ މުބާރާތަކަށް ދިޔުމުން ޓީމަށް ނުކުޅެވޭނެކަން ކުރިއާލާ އެނގޭނެކަމަށް ކޯޗު ޕީޓާ ސެގަޓް ބުންޏެވެ. ހަމަހުގެ ބްރޭކެއް ކުޅުންތެރިންނަށް ލިބުމުން، އޭގެ އަސަރު ފެނުނެވެ. ފިޓް ހަމަ އެއްވެސް ކުޅުންތެރިޔަކު ނެތެވެ.

"ޓީމުގެ ހާލަތު އޮތީ ރަނގަޅަކަށް ނޫން. ޓީމުގެ ކުޅުންތެރިންނށް ބްރޭކްގެ އަސަރުކުރި، އަހަރެން މާފަށް އެދެން ސަޕޯޓަރުންގެ، ދިވެހި ރައްޔިތުންގެ ފަރާތުން. އަހަރެންވެސް ބޭނުންވީ މޮޅުވެސް ވާން. އެކަމަކު ޒުވާން ޖީލާމެދު ކެތްތެރިވާން ޖެހޭ،" ސެގަޓް ބުންޏެވެ.

ކޯޗު ސެގަޓް --- އެމްއޯސީ ފޮޓޯ/ އިސްމާއީލް ތޯރިގް

ޒުވާން ގިނަ ކުޅުންތެރިންތަކެއް ޓީމުގައި ހިމެނިފައިވާތީ އެކަމަށް އުފާކޮށް، އެ ކުޅުންތެރިންގެ ނަތީޖާއަށް ވަގުތު ދިނުމަށްވެސް ސެގަޓް އާދޭހާއެކު އެދުނެވެ. ރަނގަޅެވެ. އެ ކަމަށް ވަގުތު ދޭން ޖެހެއެވެ. އެހެން ނަމަވެސް، ދިވެހި ސަރުކާރުން އެންމެ ބޮޑު ހަރަދެއް ކުރާ ފުޓުބޯޅައިގެ ބައެއް ކަންކަމަށް މިހާރު ވަގުތު ކުޑަތަން ވެއްޖެއެވެ. ހާއްސަކޮށް އައިއޯއައިޖީއަށް ގައުމީ ޓީމު، އެއްވެސް ތައްޔާރީއަކާ ނުލާ ދިޔަ ސަބަބު ސަޕޯޓަރުންނަށް ސާފުވާން ޖެހެއެވެ.

ސީޒަން ބްރޭކް - ފިޓްނަސް ނެތި، ކުޅުންތެރިން ގަނޑަ ތެޅެން ޖެހުން

ރާއްޖޭގެ ލީގު ފަށާ ތާރީހަށް މިއަހަރު ބަދަލު ގެނައެވެ. ލީގުގެ އޮނިގަނޑަށް ގެނައި އެބަދަލާއެކު، ސެމީ ޕްރޮފެޝަނަލް ލީގެއްގައި ކުޅެމުންދިޔަ ހުރިހާ ކުޅުންތެރިން ކަހަލަ ގޮތަކަށް ވަޒީފައެއް ނެތި މަގުމަތިވިއެވެ. ހަމަސް ދުވަސް ވަންދެނެވެ. އަމިއްލައަށް ކުދި ބައެއް މުބާރާތްތަކަށް، ބައެއް ކުޅުންތެރިން ކުޅެން ދިޔަ ނަމަވެސް، އެއްވެސް ވަރަކަށް ފިޓްނަސް ރަނގަޅު ނުކުރެވި ތިބި ކުޅުންތެރިން އެބަތިއްބެވެ. އާނއެކެވެ: ކުޅުންތެރިން އަމިއްލައަށްވެސް ފިޓްނަސް ރަނގަޅު ކުރަން ޖެހޭނެއެވެ. އެހެން ނަމަވެސް މިދައްކަނީ ސެމީ ޕްރޮފެޝަނަލް ކުޅުންތެރިންތަކަކަށް ހަމަހުގެ ބްރޭކެއް ލިބުނު ވާހަކައެވެ.

ކޮމޮރޯސްއާއި ރާއްޖެ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެމްއޯސީ އިސްމާއީލް ތާރިގް

ޕްރޮފެޝަނަލް ކުޅުންތެރިންނަށްވެސް ހަމަހަށް ކުޅުމާ ދުރުގައި ތިބެ، އަލުން އަނބުރާ ފޯމަށް އެޅުމަށް ހާއްސަ ތަމްރީނުތަކެއް ބޭނުންވެއެވެ. މީގެ ހަތަރު އަހަރު ކުރިން، އައިއޯއައިޖީ އޮންނަކަން އެފްއޭއެެމްއަށް އެނގިތިބެ، ސީޒަނަށް އެ ބަދަލު ގެންނަން ޖެހެނީ މިއަހަރުތޯ ސުވާލު އުފެދެއެވެ. އޭގެ އިތުރުން އޭއެފްސީ ކަޕާއި ވޯލްޑް ކަޕް ކޮލިފިކޭޝަން މިއަހަރު އޮތްއިރު، މިސީޒަން އިންތިހާއަށް ދިގު ލައިގެން ދާނެކަން ޔަގީނެވެ.

ސާފް ޗެމްޕިއަންޝިޕްގެ ތަށްޓާއެކު ރާއްޖޭގައި ހުނަރުވެރި އެތައް ޒުވާން ކުޅުންތެރިންނެއް ތިބިކަން އެނގި ޔަގީންވިއެވެ. ދުރު ރާސްތާ ޕްލޭނެއް ނެތްތަނުގައި ކައިރި ރާސްތާ ޕްލޭނަކާއެކު ގައުމީ ޓީމުން އައިއޯއައިޖީއަށް ތަމްރީނު ނުވީ ކީއްވެ ހެއްޔެވެ؟

މީގެ ދެތިން މަހެއް ކުރިން ގައުމީ ކޯޗު އެވާހަތައް ދެއްކިއެވެ. ކޯޗަށް އެފުރުސަތު ފަހިކޮށްދޭން އެފްއޭއެމްއިން ކުރީ ކޮން މަސައްކަތެއްތޯ ސުވާލު ކޮށްލެވެއެވެ.

"މިހާލަތަކީ އެންމެ ހިތްހަމަ ޖެހޭ ހާލަތެއް ނޫން. މެޗެއް ކުޅެލަން ނުލިބި އޮންނަތާ އެތައް ދުވަހެއް. ދެކުނު އޭޝިއާގެ އެންމެ ބޮޑު މުބާރާތް ނަގާފައި އައިސް އަދި ކުޅެވުނީ އެންމެ މެޗެއް. އެއީ އެކުވެރިކަމުގެ މެޗު. އޭގެ ފަހުން އެއްވެސް ހަރަކާތެއް ނެތި ގައުމީ ޓީމު މިއޮތީ. މިދިޔަ ހަތަރު ފަސް މަހު ކުޅުންތެރިންނަށް އެއްވެސް މެޗެއް އެއްޗެއް ނުލިބި މިދަނީ. އަހަރެން މިހުރީ ވަރަށް ކަންބޮޑުވެފައި ކުޅުންތެރިން ހާލަތަށް. ކުޅުންތެރިންނަށް ލީގުވެސް ނެތް. ރާއްޖޭގެ ކުޅުންތެރިންނަށް މިއީ ވަރަށް އުނދަގޫ ދުވަސްތަކެއް،" ރާއްޖޭގެ ލީގަށް އައި ބަދަލުގެ ސަބަބުން ގައުމީ ޓީމަށް ކުރާ އަސަރަ ގުޅިގެން ގައުމީ ކޯޗު، ޕީޓާ ސެގަޓް "ވަގުތު"އަށް ދިން އެކްސްކްލޫސިވްއެއްގައި ކުރިން ބުންޏެވެ.

ކުޅުންތެރިންގެ އަދި ކޯޗުގެ މައްސަލައެއް ނޫން ކަމަށް ނިންމިދާނެއެވެ. ސަބަބަކީ ސެމީ ޕްރޮފެޝަނަލް ލީގެއް އޮންނަ ގައުމެއްގައި، ގައުމީ ޓީމް ތަމްރީނު ކޮށް، ތައްޔާރުުކުރަން ޖެހޭނީ އެފްއޭއެމްގެ ޒިންމާގެ ދަށުން ކަމަށް ވާތީއެވެ.

ރަނގަޅު ތަޖުރިބާއަކީ ކޮބާ؟

ރަނގަޅެވެ: މި ދައްކަނީ ޒުވާން ކުޅުންތެރިންނަށް ހޯދައިދިން ތަޖުރިބާއެއްގެ ވާހަކައެކެވެ. ސުވާލަކީ ތައްޔާރީތަކަކާ ނުލާ، ހުސްއަތާ ގޮސް ލިބޭ ތަޖުރިބާތޯ ނޫނީ ދުރު ރާސްތާ ޕްލޭނަކާއެކު ތައްޔާރުވެ، ދެން ގޮސް ޒުވާން ކުޅުންތެރިންނަށް ދޭންޖެހޭ ތަޖުރިބާތޯ ކުރެވޭ ސުވާލެވެ. އެހެން ކުޅިވަރުތަކުން އެ މަންޒަރު ދައްކައިފިއެވެ. ހަމައެކަނި ޓީޓީ ޓީމަށް ބަލާށެވެ. އުމުރުން 11 އަހަރުގެ ދީމާއަކީ މުޅި ގޭމްސްގެ ތަރިއެވެ. ރަފާއަކީ ރާއްޖޭގެ ވަފުދުގައި ހިމެނުނު އެންމެ ހިތްވަރު ގަދަ އެތުލީޓެވެ. އުމުރުން 15 އަހަރެވެ.

ން މެޑަލް ހޯދި ޓީޓީ ޓީމް --- އެމްއޯސީ ފޮޓޯ/ ނިޝާން އަލާ

އެ ކުޅުންތެރިންނަށް ކާމިޔާބީއާއެކު އެލިބުނީ މާބޮޑު ތަޖުރިބާއެއް ނޫންތޯއެވެ. އެހެންކަމުން ތަޖުރިބާ ހޯދަންދާ ކޮންމެ ދިޔުމަކީ ބަލިވެ، ޓީމަށް މާޔޫސްކަން ލިބެން ޖެހޭ ކަމެއް ކަމަކަށް ނުބެލެވެއެވެ. ހާއްސަކޮށް ތަޖުރިބާ ލިބޭނަމަ، ކުރިއެރުން ފެންނަންވާނެއެވެ. ޓީޓީ ތަރި، ދީމާއާއި ރަފާ ފަދަ ކުޅުންތެރިން، ސަރަހައްދީ މުބާރާތްތަކަށް ފޮނުވާ، އައިއޯއައިޖީއަށް ފައްކާކުރީ އެސޯސިއޭޝަނުން ހަތަރު އަހަރަށް އެކުލަވާލި މަގު ޗާޓުންކަން ޔަގީނެވެ. ސަރަހައްދީ ލެވެލްގެ ބޭރުން ރާއްޖެ ވާދަކުރާ އެންމެ ވަރުގަދަ މުބާރާތް، އައިއޯއައިޖީ ކުރިއަށް އޮއްވާ، މުޅި ސިސްޓަމް ބަދަލުކޮށް، ކުޅުންތެރިޔާގެ ކުޅުމުގެ ރޫޓީންއަށް ބަދަލު ގެނެސްފައިނުވާނެކަން ޔަގީނެވެ.

ފުޓުބޯޅައިން ފެނިގެންދިޔައީ އެއާ އިދިކޮޅު މަންޒަރެކެވެ. ސާފްގެ ތަށްޓާއެކު އައިއޯއައިޖީ ދޫކޮށްލީއެވެ. އެ ލެވެލްއަށްދާން ގާތްގަނޑަކަށް 10 ވަރަކަށް މަސް ލިބުނުއިރު، ފުޓުބޯޅަ ނުކުޅެ ހަތް މަސްވަރު ދިޔައީއެވެ. އެ މުބާރާތުން ތަޖުރިބާ ލިބުނު ޒުވާން ކުޅުންތެރިންނަށް މިފަހަރު މުބާރާތަށް ގޮސް އެތަޖުރިބާގެ ބޭނުން ނުކުރެވި ދިޔައީ "ސުމަކަށްވުރެ ދަށުން، މައިނަސް"އިން ފަށަން ޖެހިފައި އޮތުމުންނެވެ. ތަޖުރިބާ ހޯދުމަކީ އަބަދުވެސް އޮންނާނެ ކަމެކެވެ. އެހެން ނަމަވެސް، އޭގެ މާނައަކީ ތައްޔާރީތަކަކާ ނުލާ ޒުވާން ޓީމެއް ގެންގޮސް ކުޅުވާލުމެއް ނޫނެވެ.

ގައުމީ ޓީމް ސާފް ޗެމްޕިއަންޝިޕް 2018 ކާމިޔާބުކުރުމަށްފަހު ރާއްޖެ އައުން - ވަގުތު އިމޭޖަސް: އަމީން ފަހުމީ

އެއްވެސް ހާލެއްގައި ކުޅުންތެރިންގެ ހިތްވަރަކަށް، ކުޅުންތެރިންގެ މަސައްކަތަކަށް ބުނެވޭ ބަދުބަހެއް ނޫނެވެ. ދޯހަޅި، ޕްލޭނެއް ނެތް ގޮތެއްގައި ވަރުގަދަ މުބާރަތަކަށް ގައުމީ ފުޓުބޯޅަ ޓީމު ދިޔަ ދިޔުން ބަލައިނުގަނެވޭތީ ބަސް ބުނަން މަޖުބޫރުވީއެވެ. އައިއޯއައިޖީއަށް މީގެކުރިން ގެންދާ ޓީމުތަކަށްވުރެވެސް ހުނަރުގެ ގޮތުން މޮޅު، ޒުވާން ހުނަރުވެރި ކުޅުންތެރިން ގައުމީ ސްކޮޑުގައި ތިބިއިރު، އެ ކުޅުންތެރިންގެ އަގު، ރައްޔިތުންގެ ކުރިމަތީގައި ވެއްޓިގެން ދިޔައީ ކުޅުންތެރިންގެ ސަބަބަކުން ނޫނެވެ. ސާފް ޗެމްޕިއަންޝިޕާއެކު ލިބުނު ލޯބި، އަލުން ހޯދުމަށް ކުޅުންތެރިން ތައްޔާރު ކޮށްފައި ނުވާތީއެވެ.

ޓީމުގެ ތަމްރީނުތަކަށް އަޅާވެސް ނުލާ އޮތްއިރުވެސް، ކުޅުންތެރިން ކުރީ ބުރަ މަސައްކަތެކެވެ. ގައިގައި ނެތްވަރުންވެސް ހިތްވަރު ދެއްކިއެވެ. ތައްޔާރީތަކެއްނުވެ، ފުޓުބޯޅަ ޓީމު ދާން ޖެހުނީ ކީއްވެކަން ޒިންމާދާރު ފަރާތްތަކަށް ބުނެވެން ޖެހޭނެއެވެ. ސަރުކާރުގެ އެންމެ ބޮޑު ބަޖެޓެއް އޮންނަ ފުޓުބޯޅައަށް ތައްޔާރު ނުވެވުނީ ކޯޗެއް ނެތިގެންކަން ބުނެވެން ވާނެއެވެ. ސަރުކާރުން ހަރަދުކުރާތީ ނަތީޖާ ނުނެރޭ ވާހަކައެއްވެސް ނޫނެވެ. ފުޓުބޯޅައަކީ ދިވެހީންގެ ފަހުރެވެ. އަބަދުވެސް އެކަމަށް އުންމީދުވެސް ކުރެވެއެވެ. އެކަމަކު، ފުޓުބޯޅަ ކުޅުންތެރިން ނެރެ، ނަތީޖާ ނެރުވާން ތިބި ބަޔަކު އިހުމާލެވެފައިވެއެވެ. މި ވާހަކަ ދައްކާލަން ޖެހިއްޖެހެންވެސް ހީވިއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ކަނޑާލާ

    ފްލެޓްތަކުގެ ހައްގުވެރިން ހޯދެން އޮތީ ހާލަތު ބަލައިގެން ކަމަށް ބުނެ ރައީސް އިބޫ ކަނޑައަޅާފައިވާ ކަނޑުކޮސް ކޮމެޓީން ދައްކާ ކަނޑުކޮސް ވާހަކަ މަމެން ގަބޫލުކުރަން ބޭނުމެއް ނޫނޭ ރައީސް އިބޫ ވެރިކަމަށް އައުމުގެ ކުރިން 2013 ވަނަ އަހަރު ވޯޓްލީ ރައްޔިތުންގެ %97 ވޯޓް އިން ހޮވާފައިވާ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ޓައިޓޭނިއަމް ޕްލޭޓެޑް ރައީސް ވިދާޅުވެފައިވަނީ ފްލެޓްސް ތަކަށް އެދި ފޯރމް ލާފައިވާ އެންމެންނަށް ފްލެޓްސް ތައް ލިބޭނެއޭ އެމަގުން އެކަން ކުރަންވީއޭ ނުކުރެވެންނާ ގެއަށް ކަނޑާލީމާ ނިމުނީއޭ..

    8
    2
  2. ސޯޓޭ

    އަބަދު ގުރުލައިގެން ފައިނަލް އަށް ނުދާނެ ބްރޯ! ފީކަޅާ ކޯޗެއް

    7
    12
  3. އައިން

    ކުޅުންތެރިން 6 މަސްވަންދެން ކުޅުމާ ދުރުގާތިއްބަސް ކޯޗަށާ ބައްސާމަށް ބަރާބަރަށް ބޮޑު މުސާރަ ލިބުނެވެ. އެކަމާ އެމީހުން ނުހަނު އުފާވާނެއެވެ.

    13
    6
  4. ކާފަބޭ2019

    ލިޔަންހުރިވާހަކަވަރަށްގިނަ މުޅިއެފްއޭއެމްވަނީ ސިޔާސީކަންތަކާހެދިފޭލުވެފަ ކޮންމެމީހަކުވެސްބެލީ ޕާޓީއަށްޓަކާކުޅުންތެރިންޤުރްބާންކުރަން ބައެއްކުޅުންތެރިންލައްވާ މެމްބަރުކަމަށްކުރިމަތިލުމަށް މަސައްކަތްތަކެއް ކުރެވިއެކުޅުންތެރިން ޝައުގުވެރިކަމާނުގުޅޭކަންކަން އެކުޅުންތެރިންލައްވާކުރުވަންއުޅޭތަންވެސް ފެންނަމުންދިޔަ ވީމާ ކޯޗެއްބޮޑުމުސާރަދީފަ ބެހެއްޓުމަކުން ކުރާނީކޮންފައިދާއެއްތޯ؟

    4
    1
  5. އ. ޖ. އ

    މަލާމާތް ކުރުމުގެ ހައްގެއް ނޯންނާނެ.. އެހެން އެއްޗެހިން މެޑަލް ލިބުނީމަ ބުނަނީ ޔާމީން ސަރުކާރުގެ މަސައްކަތޭ.. ފުޓުބޯޅަ އެސޯސިއޭޝަންގަ ވެސް ހުރީ ހަމަ ޔާމީން ސަރުކާރުގެ މީހެއް... ބޮޑު ޕްލޭންގެ މޭސްތިރިޔާ އެއީ..

    8
    2