ޔޫރަޕްގެ ކްލަބުތަކަށް ކުޅުމުގައި 17 އަހަރު ހޭދަކުރުމަށްފަހު ޑެނީ އަލްވޭސް އެނބުރި އަމިއްލަ ގައުމުގެ ސައު ޕާލޯއާ ގުޅިއްޖެއެވެ.

ބްރެޒިލްގެ ކެޕްޓަން އަލްވޭސް ސައު ޕާލޯއާ ގުޅިފައި ވަނީ ހިލޭ ޓްރާންސްފާއެއް ގައެވެ. އަބަދުވެސް ސައު ޕާލޯގެ ސަޕޯޓަރެއްގެ ގޮތުގައި ފާހަގަކޮށްލެވުނު އުމުރުން 36 އަހަރުގެ އަލްވޭސް، އެ ކްލަބާ ގުޅިފައި ވަނީ 2022 ވަނަ އަހަރުއެވެ. މިދިޔަ ސީޒަންގައި ޕީއެސްޖީއާއެކު ލީގު ތަށި ކާމިޔާބު ކުރުމަށްފަހު އަލްވޭސް ވަނީ އެކްލަބު ދޫކޮށްލާފައެވެ.

އަލްވޭސްގެ ސޮއިއާއެކު ސައު ޕާލޯއިން ބުނެފައި ވަނީ "ފުޓުބޯޅައިގެ ތާރީހުގައިވެސް އެންމެ ކާމިޔާބު ކުޅުންތެރިޔާގެ ސޮއި ކްލަބަށް ހޯދިފައިވާ ކަމަށެވެ." އަލްވޭސްއަކީ ފުޓުބޯޅަ ތާރީހުގައިވެސް 40 ޓްރޮފީ ހޯދާފައިވާ ހަމައެކަނި ކުޅުންތެރިޔާއެވެ. އަލްވޭސް އެންމެފަހުން ބްރެޒިލްގެ ކްލަބަކަށް ކުޅެފައި ވަނީ 2002 ވަނަ އަހަރުއެވެ. އެއީ ބާހިއާއަށެވެ.

ސައު ޕާލޯގެ ރައީސް ކާލޯސް އޯގަސްޓޯ ޑި ބާރޯސް އި ސިލްވާ ބުނެފައި ވަނީ އަލްވޭސްއަކީ ދުނިޔޭގެ ފުޓުބޯޅައިގައި އެންމެ މަޝްހޫރު އަދި ފުޓުބޯޅައަށް އެންމެ ބޮޑަށް ލޯބިކުރާ އެއް ކުޅުންތެރިޔާ ކަމަށެވެ. އަދި އަލްވޭސްގެ ސޮއި ހޯދުމަކީ ކްލަބުގެ ކުރިމަގުގެ އިތުރުން ބްރެޒިލްގެ ފުޓުބޯޅައަށްވެސް ލިބުނު ކުރިއެރުމެއް ކަމަށާއި، ގައުމަށް އަލްވޭސްގެ ހުރި ލޯބި ބޮޑު ކަމަށް ސިލްވާ ބުނެފައިވެއެވެ.

އަލްވޭސްއަކީ އެންމެ ކާމިޔާބު އެއް ޑިފެންޑަރެވެ. ބާސެލޯނާއެކު އެތައް ދުވަހެއް ހޭދަކޮށް އޭނާ ވަނީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގުވެސް ހިމެނެއެވެ.