އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގެ ތުހުމަތުގައި ބްރެޒިލްގެ ތަރި ޑަނީ އަލްވެސް ހައްޔަރުކޮށްފިއެވެ.

އަލްވެސް ހައްޔަރުކުރީ ސްޕެއިނުގެ ބާސެލޯނާގެ ނައިޓް ކުލަބެއްގައި ހުސްވި ޑިސެމްބަރު މަހުގެ ތިރީސްވަނަ ދުވަހު އެތާގެ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގެ ތުހުމަތުގައެވެ. އެ އަންހެންމީހާ ޝަކުވާކޮށްފައިވަނީ އޭނާގެ ރުހުމާނުލައި ޑެނީ އަލްވެސް އޭނާގެ ގައިގައި އަތްލައި ޖިންސީގޯނާ ކޮށްފައިވާ ކަމުގައެވެ.

އުމުރުން 39 އަހަރުގެ ޑަނީ އަލްވެސް ހައްޔަރުކުރީ ސުވާލު ކުރުމަށް އެންމެ ފުރަތަމަ ބާސެލޯނާގެ ފުލުސް ސްޓޭޝަނަކަށް ގެންދިޔުމަށްފަހުގައެވެ. ހުކުރު ދުވަހު ކޯޓަށް ހާޒިރުކޮށް މުއްދަތު ޖެހުމަށް ވަނީ ހަމަޖެހިފައެވެ.

ޑަނީ އަލްވެސްގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން އޭނާ ބުނެފައިވަނީ އެބުނާ ނައިޓް ކުލަބަކަށް އޭނާ ޒިޔާރަތް ކުރި ކަމަށާއި އެކަމަކު އެއްވެސް މީހެއްގެ ގަޔަށް އަތްލައި އެބާވަތުގެ އެއްވެސްކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އެ އަންހެން މީހާއަކީ އޭނާ ދަންނަ އަދި ދުށް މީހެއްވެސް ނޫން ކަމަށާއި އެއްވެސް މީހަކަށް ޖިންސީ ގޯނާ ކުރުމަކީ ދުވަހަކުވެސް ކޮށްފައިނުވާ ކަމެއްކަމަށް އަލްވެސް ބުނެއެވެ.

ޑަނީ އަލްވެސްއަކީ ފުޓްބޯޅަ ދަނޑުގައި ވަރަށްވެސް ކާމިޔާބު ކުޅުންތެރިއެކެވެ. އަލްވޭސް ވަނީ ބްރެޒިލާ އެކު 2003 ވަނަ އަހަރުގެ ފީފާ ޔޫތު ވޯލްޑް ކަޕާއި 2007 އާއި 2019 ވަނަ އަހަރުގެ ކޮޕަ އެމެރިކާ އަދި 2009 އާއި 2013 ވަަަނަ އަހަރުގެ ފީފާ ކޮންފެޑެރޭޝަން ކަޕް ކާމިޔާބުކޮށްފަ އެވެ.

އަލްވޭސްގެ ކާމިޔާބު ކެރިއަރުގެ އެންމެ ހާއްސަ ދުވަސްްތައް ގުނީ ބާސެލޯނާ ޖޯޒީގަ އެވެ. އަލްވޭސްގެ ކެރިއަރުގައި ހޯދި 47 ޓްރޮފީގެ ތެރެއިން 23 ޓްރޮފީ އަކީ އޭނާ ބާސެލޯނާއާ އެކު ކާމިޔާބުކުރި ތަށިތަކެވެ.

ޔޫރަޕުގެ ވަރުގަދަ ބާރުތަކުގެ ތެރެއިން ބާސެލޯނާ އާއި ޕީއެސްޖީއާއި ޔުވެންޓަސްއަށްވެސް ކުޅުނު އަލްވެސް މިހާރު ކުޅެނީ މެކްސިކޯގެ ލީގުގައެވެ. ޖިންސީ ގޯނާގެ ތުހުމަތު ކުރެވޭ އަލްވެސް ކައިވެނިކޮށްގެން އުޅެނީ ސްޕޭނުގެ ވަރަށްވެސް މަޝްހޫރު ފެޝަން މޮޑެލްއަކާއެވެ. މިއީ އޭނާގެ ދެވަނަ ކައިވެންޏެވެ.