އާންމުކޮށް ގިނަ މީހުންނަށް ހީވެފައި އޮންނަނީ ކްލަބު އީގަލްސްއަކީ ކުޅުންތެރިން އުފައްދާ، ޓީމެއް ބިނާކުރާ ކްލަބެއްގެ ގޮތުގައި ނަމަވެސް، މިހާރު މިސްރާބު ބަހައްޓާފަވާނީ ތަށި ހޯދުމަށް ކަމަށް ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފިއެވެ.

މީގެ މަހެއްހާ ދުވަސް ކުރިން އޭއެފްސީ ޕްރޯ ލައިންސްގެ ބައެއް ފުރިހަމަ ކުރުމަށް މޯހަން ޖަޕާނަށް ގޮސްފައިވާއިރު، އީގަލްސްގެ ފަރާތުން ވަނީ ރަނގަޅު ނަތީޖާތަކެއް ފެނިފައެވެ. ހާއްސަކޮށް ލީގުގައި އެންމެ ވަރުގަދަކޮށް އޮތް ޓީމު، މާޒިޔާ ހިފަހައްޓާލިތަންވެސް ފެނުނެވެ.

"ނިމާލްއާ އަމްޖަދު އަދި ނަޑޭ ކޯޗުގެ މަސައްކަތަށް ވަރަށް ބޮޑަށް ފާހަގަކުރަން. ޕްލޭނާ އެއްގޮތަށް ކުޅުންތެރިން ތަމްރީނު ކުރަމުންދިޔައީ. އޭގެ ނަތީޖާ ކަންނޭނގެ ފެނިގެން މިދިޔައީ. ކުޅުންތެރިން ފަރާތުން ވަރަށް ފޯކަސްކޮށް، ފެނިގެންދިޔައީ. ގިނަ ފަހަރަށް ވާގޮތަކީ ހެޑް ކޯޗު ނެތިއްޔާ ވަރަށް ރިލެކްސްކޮށް ނަގަނީ. އޭގެ ބަދަލުގައި އަޅުގަނޑު ނެތްތައް ކުޅުންތެރިން ވަރަށް ބޮޑަށް ބަލާ، އިތުރަށް މަސައްކަތް ކުރިތަން ފެނުނީ. ކުޅުންތެރިން ވަރަށް ކޮމިޓެޑް ކަމަށް ފެނުނީ،" ކުޅުންތެރިންނާއި ކޯޗިން ސްޓާފުންނަށް ތައުރީފް ކުރަމުން މޯހަން ބުންޏެވެ.

މޯހަން ބުނެފައި ވަނީ އީގަލްސްއަކީ އަބަދުވެސް ޓީމެއް ބިނާކުރާނެ ޓީމެއްގެ ގޮތުގައި އޮތް އޮތުމަށް، ތަށި ހޯދުމުގެ ވިސްނުން އިތުރު ކުރަން މަސައްކަތް ކުރާ ކަމަށެވެ.

"ޓީމުން ނަތީޖާއެއް ހާސިލް ކުރަން މަސައްކަތް ކުރާތަން މިހާރު ވަރަށް ބޮޑަށް އެބަފެނޭ. އެއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމަށް. އެހެން ބޭފުޅުންނަށް ބުނާ ބަދު ބަހެއް ނޫން މިއީ، އެކަމަކު އީގަލްސްގެ ކަމަކަށް މީގެ ކުރިން މި އޮންނަނީ ޓީމެއް އުފެއްދުން. ކުޅުންތެރިންތަކެއް އުފެއްދުން. މިހާރު މި މަސައްކަތް ކުރަނީ ކުޅުންތެރިން އުފެއްދުމާއެކު ކާމިޔާބީތަކެއްވެސް ހޯދަން. ކާމިޔާބު ހޯދަން މަސައްކަތް ކުރަން މެންޓަލީ ފޯކަސް ކުރެވޭތޯ މިހާރު މި ބަލަނީ. މާޒިޔާ މެޗުން އެ ނަތީޖާ ފެނުނު. ކުޅުންތެރިން މެޗުއާވެ، މެންޓަލީ ކުރިއަރާތަން މި ފެންނަނީ،" މޯހަން ބުންޏެވެ.

މޯހަން އިތުރަށް ބުނެފައި ވަނީ އޭނާ ޓީމުގެ ކުޅުންތެރިން ތިބީ ވަރަށް ތާޒާކޮށް ކަމަށާއި، ގައުމީ ޓީމުަތަކަށް ޓީމުން ކުޅުންތެރިން ގޮސް ކުޅުމަކީ ހިތްހަމަ ޖެހޭ ކަމެއް ކަމަށެވެ. އެގޮތުން 19 އަހަރުން ދަށުގެ ޓީމުގައި ތަމްރީނުކުރާ އީގަލްސްގެ 10 ކުދިން ކޮންމެހެން ބޭނުންވެއްޖެ ހާލަތެއްގައި ނޫނީ ނުގެންނާނެ ކަމަށްވެސް އޭނާ ބުންޏެވެ.

"ހިތްހަމަ ޖެހޭ ވާހަކަތަކެއް ދައްކަން މި ޖެހެނީ. އެއް ކަމަކީ ގައުމީ ޓީމުގައި ހަ ކުޅުންތެރިން ހިމެނުން. އަނެއް ކަމަކީ 19 އަހަރުން ދަށުގެ ޓީމުގައި އަޅުގަނޑުމެންގެ 10 ކުޅުންތެރިން އެބަތިބި. އެހެންވީމަ ބާކީ ތިބި ކުޅުންތެރިން ކޮޅަކާއެކު ފަރިތަކުރުންތައް ކުރިއަށް ގެންދިޔައީ. ގައުމީ ޓީމަށް ދިޔަ ކުޅުންތެރިންނަށް ރެސްޓެއް ދީފައި އިއްޔެ ޕްރެކްޓިސްއަށް ނުކުތީ. އަލަށް ބޭނުން ކުރަން ތިބި ކުޅުންތެރިންނަށް ވަކިން ފޯކަސް ކޮށްލަން ދުވަސްކޮޅެއް ލިބުން ވަރަށް ޕޮސިޓިވް ކަމެއްގެ ގޮތުގައި،" މޯހަން ބުންޏެވެ.

އީގަލްސްއިން މި ހަފްތާގެ މެޗުގައި ފޯކައިދުއާ ދެކޮޅަށް ނުކުންނައިރު، ފޯކައިދޫ ކޯޗު އަލީ ނިސްތާރު ބުނެފައި ވަނީ ޓީމު އޮތީ އެންމެ ރަނގަޅު ހާލަތުގައި ނޫން ކަމަށެވެ.

"ހާލު ދަށްކޮށް ޓީމު މިހާރު މިއޮތީ. ފުޓުބޯޅައިގައި އަންނާނެ ކަންތައްތައް މިއީ. ޓީމުގެ އެންމެ ވަރުގަދަ ޑިފެންޑަރު ރާމޯސް ސަސްޕެންޝަންގައި މިހުރީ. ގޯލްކީޕަރުވެސް ޕާކިސްތާނުގައިވީ. އަދި ޔަގީނެއް ނޫން. ދެން އަނިޔާގެ މައްސަލަތަކެއްވެސް އެބައުޅޭ. ކުޑަކޮށް އުނދަގޫކޮށް އުޅުނު ނަމަވެސް 100 ޕަސެންޓް ދޭނަން. ފަސޭހަ ނުވާނެ މެޗެއް. އެމީހުންނަށް ފޯކައިދޫ ފަސޭހައެއް ނުވާނެ. އީގަލްސްއަކީ އެންމެ ޕޮސެޝަން ހިފަހައްޓައިގެން އެންމެ ރީއްޗަށް ކުޅޭ ޓީމު. ވަރަށް ބޮޑު ޗެލެންޖެއް އެއީ،" ނިސްތާރު ބުންޏެވެ.

ފޯކައިދުއާއި އީގަލްސް ވާދަކުރާ މެޗު އޮންނާނީ، މިއަދު ހަވީރު 4:00 ގައެވެ.