ބާސެލޯނާގެ ފަރިތަކުރުންތަކާ ގުޅުނުތާ އެއް ދުވަސް ތެރޭ ޓީމުގެ ކެޕްޓަން ލިއޮނަލް މެސީއަށް އަނިޔާ ވެއްޖެއެވެ.

ގިނަ ދުވަސްތަކެއް ވަންދެން ޗުއްޓީ ހޭދަކުރުމަށްފަހު އާޖެންޓީނާގެ ކެޕްޓަން މެސީ، ތަމްރީނުތަކާ ގުޅުނީ އިއްޔެއެވެ. އާޖެންޓީނާއާއެކު ކޮޕާ އެމެރިކާގައި ކުޅުމުން މެސީއަށް އިތުރަށް ޗުއްޓީ ދީފައިވާއިރު، އޭނާ ބޮޑަށް ޗުއްޓީ ހޭދަކުރީ ޕްރައިވެޓް ޔޮޓުތަކާއި އިބީޒިއާ ފަދަ މަޝްހޫރު މަންޒިލްތަކުގައެވެ.

ރޭ ބާސެލޯނާއިން އާސެނަލްއާ ދެކޮޅަށް ކުޅުނު މެޗުގައި މެސީ ފެނުނުއިރު، މިއަދު ބާސާއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއަދުގެ ތަމްރީނުތައް ކުރިއަށް ދަނިކޮށް މެސީއަށް އަނިޔާވެފައިވާ ކަމަށެވެ. އަދި ޓެސްޓައް ދައްކާ ގޮތުން މެސީގެ ފައިގެ ކުޑަ ކަޅުވާ މަސްގަނޑަށް އަނިޔާވެފައިވާ ކަމަށްވެސް ބާސާއިން ބުނެފައިވެއެވެ.

ބާސާއިން ލީގުގެ މެޗުތައް ފެށުމުގެ ކުރިން، އެމެރިކާގެ ހާއްސަ ޓުއާއަކަށް ދާން ނިންމާފައިވާއިރު، މެސީ ޓީމާއެކު ދަތުރު ނުކުރާނެ ކަމަށް ޓީމުގެ ބަޔާނުގައިވެއެވެ. އަދި މެސީ ބާސާގައި މަޑުކޮށް، މަސައްކަތް ކުރާނީ ވީހާވެސް އަވަހަށް ރިކަވާ ވުމަށް ކަމަށް ބާސާއިން ބުނެފައިވެއެވެ. މެސީ އަނިޔާއިން ރަނގަޅުވެ، އެނބުރި އަންނާނެ ސީދާ ތާރީހެއް ބާސާއިން ބުނެފައެއް ނުވެއެވެ.

ރޭ އާސެނަލްއާ ދެކޮޅަށް ނުކުތް މެޗުގެ ކުރިން މެސީ ވަނީ ސަޕޯޓަރުންނަށް ހާއްސަ މެސެޖެއް ދީފައެވެ. މިދިޔަ ސީޒަންގައި ލީގާއި ކަޕް ކާމިޔާބުކުރި ބާސާއަށް ޗެމްޕިއަންސް ލީގުން ހިތްދަތިކޮށް ސީޒަން ނިމުނުއިރު، މެސީ ބުނެފައި ވަނީ އެކަން ހަނދާން ނައްތާލާ މި ސީޒަންގައިވެސް ނުކުންނާނީ ހުރިހާ ތަށްޓަކަށް އަމާޒުކޮށްގެން ކަމަށެވެ.