މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗު ހޯޒޭ މޮރީނިއޯ އާއި ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށް އެ ކްލަބުގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ ބުނެފިއެވެ.

ޕޮގްބާ މިހެން ބުނެފައިވާއިރު އިނގިރޭސި ބައެއް މީޑިޔާތަކުން ފާއިތުވި ދުވަސްތަކުގައި ވަނީ މޮރީނިއޯ ކުޅުވާ މަގާމާއި މެދު ޕޮގްބާގެ ހިތްހަމަނުޖެހުންތަކެއް ހުރި ކަމަށާއި މި ސީޒަނަށްފަހު އޭނާ އެ ކްލަބު ދޫކޮށްލަން އުޅޭކަމަށް ބުނެ ހަބަރު ފަތުރާފައެވެ.

މި ވާހަކަތަށް މިގޮތަށް ފެތުރިފައިވާއިރު ޔުނައިޓެޑުން މިފަހުން ކުޅުނު ބައެއް މެޗުތަކުގެ ފުރަތަމަ އެގާރައިން ވެސް ޕޮގްބާ އަށް ވަނީ ޖާގަ ގެއްލިގެން ގޮސްފައެވެ.

ނަމަވެސް ފްރާންސްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޕޮގްބާ ބުނީ މޮރީނިއޯގެ ނިންމުންތަކަށް އިހުތިރާމް ކުރާ ކަމަށާއި މޮރީނިއޯ އާއި ދެމެދު އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.

"މޮރީނިއޯ އާއި ދެމެދު ނެތް އެއްވެސް މައްސަލަ އެއް. ކުޅެން އަރުންވީ ކުޅުންތެރިން ނިންމާނީ އަހަރެންނެއް ނޫން. ކުޅުމުގެ ފުރުސަތު އަހަންނަށް މަދުން ލިބޭ ސަބަބު ކޯޗު ކައިރިން އަހާލުން ރަނގަޅު ވާނެ. ކޯޗުގެ ނިންމުންތަކަށް އަހަރެން އިހުތިރާމް ކުރާނަން" ޕޮގްބާ ބުންޏެވެ.

ފުރަތަމަ އެގާރައިން ޖާގަ ނުލިބި ބެންޗުގައި ހުންނަން ޖެހުމަކީ މީގެކުރިން ދިމާވި ކަމެއް ނޫން ކަމަށާއި ނަމަވެސް މީހާ އިތުރަށް ވަރުގަދަ ވާނީ މިފަދަ ހާލަތްތަކުން ވެސް އަރައިގެންކަން ޕޮގްބާ ފާހަގަކުރިއެވެ.

މި ސީޒަނަށްފަހު ޔުނައިޓެޑް ދޫކޮށްލަން ޕޮގްބާ އުޅޭ ކަމުގެ އަޑުތަކެއް ވެސް ފެތުރިފައިވާއިރު ޕޮގްބާ ބުނީ އެ ވާހަކަ ދައްކަން އަދި މާ އަވަސް ކަމަށެވެ.

"ޔުނައިޓެޑުން ދާ ވާހަކަ ދެއްކުން އަދި މާ އަވަސް. މިހާރު މިއޮތް ހާލަތު އަދި ބަދަލުވާނެ" ފްރާންސް އަށް އުފަން މިޑްފީލްޑަރު ބުންޏެވެ.

ޕޮގްބާ ޔުނައިޓެޑާއި ގުޅުނީ 2016 ވަނަ އަހަރު އޭރުގެ ދުނިޔޭގެ ރެކޯޑު ފީއަކަށް ކަމަށްވާ 89 މިލިޔަން ޕައުންޑުގެ އަގަކަށެވެ. ޕޮގްބާ އަކީ ޔުނައިޓެޑްގެ މެދުތެރޭގައި މުހިއްމު ދައުރެއް އަދާކުރާ ކުޅުންތެރިއެކެވެ.