ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ގުއާމްއާއި ޗައިނާއާ ދެކޮޅަށް ރާއްޖޭގެ ޓީމުން ކުޅެން އޮތް މެޗަށް ތައްޔާރުވަމުންދާއިރު، ކުރިންވެސް ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމުގައި ހުރި ގެލީ ޝެކެލާޒޭއާއި އާ ފިޓްނަސް ކޯޗަކު ޓީމާ ގުޅިއްޖެއެވެ.

މިފަހަރު ޓީމަށް ގެނެސްފައިވާ ފިޓްނަސް ކޯޗަކީ މޮންޓަނީގްރޯގެ ފިޒިކަލް ޓްރެއިނިންގެ ތަޖުރިބާކާރެއް ކަމަށްވާ، މިރުކޯ ކުރުނިޗެވެ. އޭނާއަކީ މޮންޓަނީގުރޯގެ ޔުނިވަސިޓީން ފިޓްނަސްއާއި ފިޒިކަލް އެޑިއުކޭޝަންގެ ރޮނގުން ބެޗްލާސް ހާސިލު ކޮށްފައިވާ ކޯޗެކެވެ. މީގެ ކުރިން ސާފް ޗެމްޕިއަންޝިޕް ހޯދި ޓީމުގެ އިތުރުން ރާއްޖޭގެ ޒުވާން ޓީމުން ކުޅުނު އޭއެފްސީ ކަޕްގެ ކޮލިފިކޭޝަނަށް ޓީމު ތައްޔާރުކުރަންވެސް ގެނައި ފިޓްނަސް ކޯޗަކީ މޮންޓަނެގްރޯގެ ކްރުނިޗް ލަޑިމީރެވެ.

ލަޑިމީރަކީ ޔޫރަޕްގެ ހައި ޕްރޮފައިލިކް ކުޅުންތެރިންނާއެކުވެސް މަސައްކަތް ކޮށްފައި ހުރި ފިޓްނަސް ކޯޗެކެވެ. އޭނާއަކީ މިހާރު މިޔަންމާ ގައުމީ ޓީމުގެ ފިޓްނަސް ކޯޗެވެ.

ރާއްޖޭގެ އެފްއޭއިން މުބާރާތްތަކާ ދިމާކޮށް، ކޯޗިން ޓީމަށް ތަޖުރިބާކާރުން އިތުރުކުރާއިރު، ގެލާ އަކީ ބެލްޖިއަމްގެ ފުޓްބޯޅަ ފެޑެރޭޝަނުގައި ގިނަ އަހަރުތަކެއްގައި މަސައްކަތްކުރި ކޯޗެކެވެ. އޭގެ އިތުރުން އޭނާއަކީ ރާއްޖޭގެ ކޯޗު ސެގަޓުގެ އަރިހުގައި ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކޯޗެކެވެ.

ރާއްޖޭގެ ޓީމުން ފުރަތަމަ ކޭމްޕް ކުރަން އޮތީ މެލޭޝިއާގައި ނަމަވެސް، ގުއާމްއަށް އެތެރެވުމަށް އެމެރިކާގެ ވިސާ ހޯދުމަށް މިހާރު ޓީމު ތިބީ ލަންކާގައެވެ. ލަންކާގައި ޓީމު ކޭމްޕް ކުރަމުންދަނީވެސް ވިސާ ހޯދުމަށް ވަގުތު ބޭނުންވާތީއެވެ.