ވޯލްޑް ކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފިކޭޝަންގައި މިރޭ ކުޅުނު މެޗުތަކުގައި ސާފްގެ ގައުމުތަށް ކަމަށްވާ އިންޑިއާ އާއި ސްރީ ލަންކާވެސް ބަލިވެއްޖެ އެވެ.

ރާއްޖޭގެ އަވައްޓެރި އިންޑިއާ އަށް ނާކާމިޔާބީއާއި ކުރިމަތިވީ އޮމާން އަތުންނެވެ. މިރޭ އިންޑިއާގައި ކުޅުނު މެޗު އޮމާން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ.

މިރޭގެ މެޗުގައި އިންޑިއާ އިން ވަނީ ވަރަށް ރަނގަޅަށް ކުޅެފަ އެވެ. އެގޮތުން ފުރަތަމަ ހާފްގެ 24 ވަނަ މިނެޓުގައި ކެޕްޓަން އަދި ތަޖުރިބާކާރު ފޯވަޑް ސުނިލް ޗެތުރީ އޭނާ ގައުމީ ޓީމް އަށް ކާމިޔާބުކޮށްދިން 72 ވަނަ ލަނޑުން އިންޑިއާ އަށް ލީޑު ނަގައިދިން އިރު ފުރަތަމަ ހާފްގައި އެގައުމުން ވަނީ އޮމާންގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފަ އެވެ. ދެވަނަ ހާފްގައި އޮމާންގެ ކުޅުން ރަނގަޅުވެ މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނު ނަމަވެސް އިންޑިއާގެ ޑިފެންޑަރުން ދިޔައީ ވަރަށް ވިސްނުންތެރިކަމާއެކު އޮމާންގެ ހަލުވި ކުޅުންތެރިން ހިފަހައްޓަމުންނެވެ.

1-0ގެ ނަތީޖާއެއްގައި އޮވެ އިންޑިއާ މޮޅުވަމުންދަނިކޮށް އިންޑިއާގެ އުއްމީދުތައް ފެނަށްދިޔައީ 80 ވަނަ މިނެޓަށް ފަހު އެވެ. މެޗުގެ ފަހު 10 މިނެޓަށް ދިޔައިރު އިންޑިއާ ޓީމްގެ ކުޅުންތެރިންގެ ފަރާތުން ވަރަށް ބޮޑަށް ވަރުބަލިކަމުގެ އަސަރު ފެންނަން ފެށި އެވެ. އޭގެ ނަތީޖާއަކަށް ވީ އޮމާނުން ފުލުފުލުގައި ހަމަލާ އުފައްދައި އެންމެ ފަހުން 87 ވަނަ މިނެޓުގައި އޮމާންގެ ރަބިއާ ސައީދު އަލް އަލާވީ ލަނޑެ ޖެހުމެވެ. ސައީދުގެ ލަނޑުން ކުރި އަސަރުން އިންޑިއާގެ ޑިފެންޑަރުންނަށް އަރައިނުގަނެވިގެން އުޅެނިކޮށް މެޗުގެ ފަހު ސިކުންތުކޮޅު ސައީދު ވަނީ އިތުރު ލަނޑެއް ޖަހައި މެޗުގެ ނަތީޖާ 2-1 ން އޮމާންގެ ކޮޅަށް އަނބުރާލާފަ އެވެ.

މެޗައްފަހު ވާހަކަ ދައްކަމުން އިންޑިއާގެ ކެޕްޓަން ޗެތުރީ ބުނީ މިއަދުގެ ބަލި ހަޖަމްކުރަން ވަރަށް އުނދަގޫ ކަމަށާއި ދެވަނަ ހާފަގެ ފަހުކޮޅު ޓީމު މުޅިންހެން ރޫޅިއްޖެ ކަމަށެވެ.

'' ވަރަށް އުނދަގޫ މިއަދުގެ ބަލި ހަޖަމްކުރަން. އަހަރެމެން އައީ ރަނގަޅަށް ކުޅެމުން. އެކަމަކު ފަހު ވަގުތު ޓީމް ރޫޅުނީ. ދެވަނަ ހާފްގައި މާގިނައިން އޮމާން އަށް ބޯޅަ އާއި ކުޅެން ފުރުސަތު ދެވުނީ. އޮމާން ކަހަލަ ޓެކްނިކަލީ ރަނގަޅު ޓީމަކަށް މާގިނައިން ކުޅެން ފުރުސަތު ދެވިއްޖެއްޔާ ލަނޑު ލިބޭނީ، '' މެޗައްފަހު ވާހަކަ ދައްކަމުން ޗެތުރީ ބުންޏެވެ.

ކޮލިފިކޭޝަންސްގައި އިންޑިއާ ހިމެނޭ ގްރޫޕްގެ އެއްވަނައިގައި މިވަގުތު އޮތީ މިރޭ 6-0ން އަފްޣާނިސްތާން ބަލިކުރި ގަތަރެވެ.

ސާފް ސަރަހައްދުގެ ޓީމްތަކު ތެރެއިން ސްރީ ލަންކާ ވެސް ވަނީ ކޮލިފިކޭޝަންސްގައި އެގައުމުގެ ފުރަތަމަ މެޗުން ބަލިވެފަ އެވެ. ތުރްކަމެނިސްތާނާއި ވާދަކޮށް ލަންކާ ބަލިވީ 2-0ގެ ނަތީޖާއަކުންނެވެ. ލަންކާ ހިމެނޭ ގްރޫޕް އެޗްގެ އެންމެ ކުރީގައި ތުރްކަމެނިސްތާނާއެކު އޮތީ މިއަދު ހަވީރު 2-0ން ލުބްނާން ބަލިކުރި އުތުރު ކޮރެއާ އެވެ.

 

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އެހާމޮޅު ބައެއް ނޫން

    އިންޑިއާ ދެކެ އަޅުގަނޑުމެން ބިރުގަންނަވަނީ އެއީ އެހާމޮޅު ބައެއް ނޫން، ގަލްފުގެ ގައުމެއްގެ އަތުން އިންޑީއާ އެމީހުންގެ އަމިއްލަ ރަށުގައި ބަލިވިޔަސް، ކަޝްމީރު މީހުންނަށް ކުރާ ބޮޑެތި އަނިޔާ ތަައް ކޮންމެދުވަހަކުވެސް ކުރިޔަށް ދަނ،

  2. ޢަހުރެން

    ޢެއޮއް އާބާދީ ބޮޑު އިންޑިއާ އަށްވެސް 35 އަހަރުގެ ޗެތުރީ މުހިންމު ވޭ.. ރާއްޖޭގަ ..

    11