އިންގްލަންޑްގެ ގައުމީ ފުޓްބޯޅަ ޓީމުގެ ރަންޒަމާނުގައި އެޓީމްގެ ކޯޗަކަށް ގާޑިއޯލާ ހުރިނަމަ އެޓީމުން އެއިރު ލިބެންހުރި ހުރިހާ ތައްޓެއް ކާމިޔާބުކުރާނެ ކަމަށް ވޭން ރޫނީ ބުނެފި އެވެ.

އިންގްލަންޑް އަދި އެގައުމުގެ ލީގުގެ އެންމެ ކާމިޔާބު ކްލަބް މެންޗެސްޓާ ޔުނައިޓެޑަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއާގެ ޝަރަފު ހޯދާފައިވާ ރޫނީ ބުނީ ގާޑިއޯލާ އަކީ އެވެރެޖް ކުޅުންތެރިން ވެސް މޮޅުކޮށްލާ ކޯޗެއް ކަމަށާއި މީގެ ދިހަ ވަރަކަށް އަހަރު ކުރިން އޮތް އިންގްލަންޑުގެ ފުޓްބޯޅަ ޓީމަށް ގާޑިއޯލާ އިރުޝާދު ދިންނަމަ އެޓީމުން އެފަހަރު ނެގެން އޮތް ހުރިހާ މުބާރާތެއް ފަސޭހަކަމާއެކު ކާމިޔާބުކުރާނެ ކަމަށެވެ.

'' މީގެ ދިހަ އަހަރު ކުރިން އޮތް އިންގްލަންޑް ޓީމަށް ބަލަމާ ހިނގާ. ފާޑިނަންޑު، ސްކޯލްސް، ބެކަމް، ޖެރާޑް އަދި ލަމްޕާޑް މެންނަކީ އެއިރު ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގެ ކުޅުންތެރިން. އެފަހަރުގެ ޓީމަށް ކާމިޔާބު ނުހޯދުނީ ޓީމުގައި ފެންވަރެއް ނެތިގެނެއް ނޫން. ޓީމު މެނޭޖްކުރުމުގައި ދިމާވި މައްސަލައެއް އެއީ. އަހަރެންނަށް ޔަގީން ގާޑިއޯލާ އެޓީމަށް އިރުޝާދު ދިން ނަމަ އެފަހަރުގެ އިންގްލަންޑު ޓީމުން ހުރިހާ މުބާރާތެއްގެ ޗެމްޕިއަންކަން ހޯދާނެ ކަން. ގާޑިއޯލާ އަކީ އެވްރެޖް ކުޅުންތެރިންވެސް އޭނާގެ އިރުޝާދުގެ ދަށުން މޮޅުކޮށްލާ ކޯޗެއް، '' ރޫނީ ބުންޏެވެ.

ވޭން ރޫނީ އާއި ސްޓީވެން ޖެރާޑް އާއި ޖޯން ޓެރީގެ ލީޑަޝިޕްގެ ދަށުން އެއިރުގެ އިންގްލަންޑް ޓީމަށް ބައިނަލްއަގުވާމީ އެއްވެސް މުބާރާތެއްގައި ކުއާޓާ ފައިނަލް ފަހަނައަޅައި ދެވިފައެއް ނުވެ އެވެ.

ކޮންމެ އަހަރަކުވެސް ބޮޑެތި ހުވަފެންތަކާއިއެކު އެގައުމުގެ ފުޓްބޯޅަ ޓީމުން ބޮޑެތި މުބާރާތްތަކަށް ނުކުންނައިރު މުބާރާތް ނިންމާލަން ޖެހެނީ ހިތްދަތިގޮތަކަށް ހުސްއަތާ އެވެ. އިނގިރޭސި ފުޓްބޯޅައިގެ ތާރީހުގައިވެސް އެންމެ ހުނަރުވެރި ޓީމަށް އެއްވެސް ކަހަލަ ކާމިޔާބީއެއް ހޯދިފައިނުވުމުން މިއަދާ ހަމައަށްވެސް އެގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނަށް ފާޑުކިއުންތައް އަމާޒުވެ އެވެ.

2005-2014 ގެ އިންގްލަންޑުގެ ތަރިންގެ ޓީމަށް ބޮޑު މުބާރާތެއްގައި ގަދަ އަށަކަށްވުރެ ދުރަށް ދެވިފައި ނުވިނަމަވެސް ގެރެތް ސައުތްގޭޓްގެ އިރުޝާދުގެ ދަށުން މިދިޔަ އަހަރުގެ ވޯލްޑް ކަޕްގައި ވާދަކުރި ޒުވާން އިނގިރޭސި ޓީމު ވަނީ އެ މުބާރާތުގެ ހަތަރުވަނަ ހޯދާފަ އެވެ.