ޔުއެފާ ޔުރޮޕާ ލީގުގައި ސްޓޭންޑާޑް ލީޖްގެ މައްޗަށް ކުރިހޯދައި އާސެނަލް އިން ގްރޫޕް އެފްގެ އެއްވަނަ މަގާމުގައި ހަމަޖެހިލައިފި އެވެ.

ޔުރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގެ ދެވަނަ މެޗުގައި މިރޭ ލަންޑަންގެ އެމިރޭޓްސް ސްޓޭޑިއަމްގައި ބެލްޖިއަމްގެ ސްޓޭންޑާޑް ލީޖް އާއި އިނގިރޭސިވިލާތުގެ އާސެނަލް ބައްދަލުކުރި މެޗު އާސެނަލުން ކާމިޔާބުކުރީ ފަސޭހަކަމާއެކު 4-0ގެ ނަތީޖާއަކުންނެވެ.

މި ނަތީޖާއާއެކު ގްރޫޕް އެފްގެ އެންމެ ކުރީގައި އޮތް އާސެނަލް އަށް ދެ މެޗުން ހަ ޕޮއިންޓް ލިބިފައިވާއިރު ލީޖް ގްރޫޕްގެ ދެވަނައިގައި އޮތީ ތިން ޕޮއިންޓާއެކު އެވެ. މި ގްރޫޕްގައި މިރޭ ކުޅުނު އަނެއް މެޗުގައި އެއިންޓްރެކްޓް ވަނީ ވިޓޯރިއާގެ މައްޗަށް 1-0 އިން ކުރިހޯދާފަ އެވެ. އެހެންކަމުން ތިން ޕޮއިންޓް ހަމަކޮށްގެން އެއިންޓްރެކްޓް އަށް ތިންވަނަ ލިބޭއިރު ފުލުގައި އޮތް ވިޓޯރީ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

ރޭގެ މެޗުގައި އާސެނަލްގެ އެޓޭކްގައި އެންމެ މުހިއްމު ރޯލެއް އަދާކުރާ ގެބޮންގެ ފޯވަޑް ޕިއެރޭ އެމެރިކް އައުބަމެޔާންގްގެ ބަދަލުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅުނީ ބްރެޒިލްގެ ޒުވާން ކުޅުންތެރިއާ ގެބްރިއެލް މާޓިނެލީ އެވެ. އުމުރުން އަށާރަ އަހަރުގެ މާޓިނެލީ ވަނީ ރޭގެ މެޗުގައި އާސެެނަލްގެ ފޯވަޑް ލައިން ލީޑުކޮށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފައި ދެ ލަނޑު ކާމިޔާބުކޮށްފަ އެވެ.

ޑިފެންޑަރު ކިއެރަން ޓިއާނީ ނެގި ހުރަސް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައިގެން މާޓިނެލީ ފުރަތަމަ ލަނޑު ޖެހިއިރު ދެވަނަ ލަނޑު ކާމިޔާބުކުރީ ރެއިސް ނެލްސަން ދިން ބޯޅައެއްގައި އިދިކޮޅު ޓީމުގެ ކުޅުންތެރިއަކު ކައިިރިން ނައްޓާލުމަށްފަހު ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. ނިމިގެންދިޔަ ޓްރާންސްފާ ބާޒާރުގައި އާސެނަލުން ގަތް މި ކުޅުންތެރިއާ އަންނަނީ ޓީމުން ފުރުސަތު ލިބޭ މަދު ފަހަރުތަކުގައި ހުނަރުވެރި ކުޅުމެއް ދައްކަމުންނެވެ.

އާސެނަލްގެ ޖާޒީގައި މާޓިނެލީ ފުރަތަމަ އެގާރައިގައި ހިމެނިގެން އެންމެ ފުރަތަމަ މެޗެއް ކުޅެފައިވަނީ ޕްރިމިއާ ލީގުގެ މި ސީޒަންގެ ފުރަތަމަ މެޗުގައި ނިއުކާސަލް އާއި ދެކޮޅަށް ކުޅުނު މެޗުގަ އެވެ. އެ މެޗަށްފަހު އެންމެ ފަހުން ކަރަބާއޮ ކަޕްގައި ނޮޓިންގްހަމް ފޮރެސްޓްގެ މައްޗަށް ބޮޑު ތަފާތަކުން އާސެނަލް ކުރިހޯދި މެޗުގައި މާޓިނެލީ ވަނީ ދެ ލަނޑު ޖަހައި އެ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމު ހޯދާފަ އެވެ.

ރޭގެ މެޗުގައި އާސެނަލް އަށް ދެން ލަނޑުތައް ކާމިޔާބުކޮށްދީފައިވަނީ ޑާނީ ސެބާޔޮސް އާއި ޖޯ ވިލޮކް އެވެ.

ޔުރޮޕާ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސްކޮޓްލޭންޑްގެ ޗެމްޕިއަން ސެލްޓިކް ވަނީ ރޫމޭނިއާގެ ސީއެފްއާރް ކްލަޖްގެ މައްޗަށް 2-0 އިން ކުރިހޯދާފަ އެވެ. މި ގްރޫޕްގެ އަނެއް މެޗުގައި އިޓަލީގެ ލާޒިއޯ އިން ވަނީ 2-1 ގެ ނަތީޖާއަކުން ފްރާންސްގެ ރެނެސް ބަލިކޮށްފަ އެވެ.