އިނގިރޭސިވިލާތުގެ އާސެނަލް ޓީމުން މިޑްފީލްޑަރު މެސުޓް އޮޒިލް އަށް ފުރުސަތު ނުދެނީ އޭނާ އަށް ވުރެ ދެންތިބި ކުޅުންތެރިންނަށް ފުރުސަތު ދިނުން ހައްގު ކަމަށް ފެންނާތީ ކަމަށް އެޓީމުގެ ކޯޗު އުނޭ އެމެރީ ބުނެފި އެވެ.

އެމެރީ މިހެން ބުނެފައިވަނީ ފަހަކަށް އައިސް ހުރިހާ މެޗެއްގައިހެން އާސެނަލްގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިއާ ޖަރުމަނުގެ އޮޒިލް އަށް ޓީމުން ފުރުސަތު ގެއްލެމުންދާ ދަނޑިވަޅެއްގަ އެވެ. މި ސީޒަންގެ ހުރިހާ މުބާރާތެއް އެއްކޮށްލައިގެން އާސެނަލުން މިހާތަނަށް ދިހަ ވަރަކަށް މެޗު ކުޅެފައިވާއިރު އެމެރީ އޮޒިލް އަށް ފުރުސަތު ދީފައިވަނީ އެންމެ ދެ މެޗެއްގަ އެވެ.

މި ސީޒަންގައި އާސެނަލް ކުޅުނު ދިހަ މެޗުގެ ތެރެއިން ހަ މެޗަށް އެޓީމުން ނެގި ސްކޮޑުގައި އޮޒިލް ހިމަނާފައިނުވާއިރު އޭނާ ހުރީ އަނިޔާގައެއްވެސް ނޫންކަން ފާހަގަކޮށްލެވެ އެވެ.

އޮޒިލްގެ ހާލަތަށް ރިއާޔަތްކޮށް އެމެރީ ބުނީ އޮޒިލްއަށް ޓީމުން ޖާގަ ނުދެނީ އޭނާ އަށް ވުރެ ދެންތިބި ކުޅުންތެރިންނަށް ފުރުސަތު ދިނުން ހައްގު ކަމަށް ފެންނާތީ ކަމަށާއި ޓީމުން ފުރުސަތު ހޯދުމަށް އޮޒިލް އަށް އަބަދުވެސް ދޮރު ހުޅުވިފައި ހުންނާނެ ކަމަށެވެ.

އެމެރީ ބުނީ އާދިއްތަ ދުވަހު ބޯންމައުތް އާއި ދެކޮޅަށް އާސެނަލް ކުޅޭ މެޗުގައި އޮޒިލްއަށް ޓީމުން ޖާގަ ދިނުމާއި ދޭތެރޭ އަދި ގޮތެއް ނުނިންމާ ކަަމަށާއި އިނގޭހާވެސް އެއްޗަކީ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅެން ބޭނުންނަމަ އޮޒިލް އިތުރަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ. އަދި އޮޒިލް އަކީ ހުނަރުވެރި ޓީމަށް މުހިންމު ކުޅުންތެރިއެއް ކަމަށާއި ނަމަވެސް މިވަގުތު އޭނާ ހުރީ އެންމެ ރަނގަޅު ފޯމެއްގައި ނޫން ކަމަށެވެ. އަދި ހިތްވަރާއެކު މަސަތްކަތްކޮށް އޮޒިލްގެ ފޯމު ރަނގަޅުވީ އިރަކުން ޓީމުން އަލުން ޖާގަ ދޭނެކަމަށްވެސް އެމެރީ ވަނީ ބުނެފައެވެ.

ސްޕެއިންގެ ރެއާލް މެޑްރިޑުން އޮޒިލް އާސެނަލް އަށް ބަދަލުވީ 2013 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ވަނީ އާސެނަލް އާއެކު އެފްއޭކަޕް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ. އާސެނަލް ސަޕޯޓަރުންގެ މެދުގައި މަގުބޫލު އޮޒިލް ނުލާ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޔުރޮޕާ ލީގުގެ ގްރޫޕް ސްޓޭޖުގައި އާސެނަލުން ވަނީ 4-0 ގެ ނަތީޖާ އަކުން ސްޓޭންޑާޑް ލީޖްގެ މައްޗަށް ކުރިހޯދާފަ އެވެ.

ޝާލްކޭ އިން 2006 ގައި ފުޓްބޯޅަ ކެރިއާ ފެށި އޮޒިލް ވަނީ ޖަރުމަނުގެ ވާޑަބްރޭމަން އަށް ވެސް ކުޅެފައެވެ. ދާދި ފަހުން އެމެރީ އެކުލަވާލި އާސެނަލްގެ ފަސް ކެޕްޓަނުންގެ ތެރޭގައިވެސް ހިމެނޭ އޮޒިލް ވަނީ އާސެނަލްއަށް މިހާތަނަށް އޭނާ ކުޅެދިން 226 މެޗުގައި 43 ލަނޑު ޖަހާފަ އެވެ.