ނޭޕާލުގައި ނިމިގެންދިޔަ ސާފް ޗެމްޕިއަންޝިޕްގެ 19 އަހަރުން ދަށުގެ މުބާރާތުން ތިން ވަނަ ހޯދި ރާއްޖޭގެ ޒުވާން ގައުމީ ޓީމު މި އަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި އަދި 16 އަހަރުން ދަށުގެ ގައުމީ ޓީމު ތިން ވަނަ ޑިވިޝަންގައި ވާދަ ކުރާ ގޮތަށް އެފްއޭއެމުން ނިންމައިފި އެވެ.

ނަވާރަ އަހަރުން ދަށުގެ ގައުމީ ޓީމުން ލޯ މެޑަލް ހޯދުމުގެ އުފަލުގައި ރޭ ހޮޓެލް ޖެންގައި ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ، 19 އަހަރުން ދަށުގެ ޓީމުން ނިމިގެންދިޔަ ސަރަހައްދީ މުބާރާތުން ބްރޯންޒް މެޑަލް ހޯދައިގެން އައިރު ކުރިއަށް އޮތީ ހަމަ އެ ޓީމުން އެފްއޭއެމްގެ ޓްވޯޑްސް ފިއުޗާއަށް މަސައްކަތް ކުރުން ކަމަށެވެ.

ބައްސާމް ވިދާޅުވީ ދިވެހި ފުޓްބޯޅައިގެ މުސްތަގްބަލް އުޖާލާ ކުރުމަށްޓަކައި މަސަތްކަތްކުރަމުންދާއިރު ޒުވާން ޓީމުން މެޑެއްޔެއް ހާސިލްކޮށްގެން ގެނައުމަކީ އެ އިދާރާގެ ޓްވާޑްސް ފިއުޗާ ޕްރޮޖެކްޓަށް ލިބިގެންދިޔަ ބޮޑު ހިތްވަރެއް ކަމަށެވެ.

"ޓްވާޑްސް ފިއުޗާގެ މާނައަކީ އަބަދުވެސް މާދަމާ. މާދަމާއިން ފެށިގެން މިޓީމު ގޮވައިގެން އިތުރު ހަރުފަތަކަށް ދިއުމަށް މަސައްކަތް ފަށަން ޖެހިފަ މިއޮތީ. އަޅުގަނޑުމެންގެ އެގްޒެކެޓިވް ކޮމިޓީން ނިންމައިފިން ޒުވާން ޓީމު މި އަހަރު އޮންނަ ސެކަންޑް ޑިވިޝަން މުބާރާތުގައި ބައިވެރި ކުރާ ގޮތަށް. އަދި ބަންގުލަދޭޝްއަށް މިރޭ ފުރި އަންޑަ 16 ޓީމު އެ މުބާރާތުން އައުމަށް ފަހު ތާޑް ޑިވިޝަންގައި ބައިވެރިވާ ގޮތަށް ކުރިއަށް ދާނީ. ބޭނުމަކީ މި ޓީމުތަކަކީ އަބަދުވެސް އެކީގައި ފަރިތަކުރުންތައް ކުރިއަށްގެންގޮސް ވަރުގަދަ މެޗުތަކެއް ކުޅޭނެ ބަޔަކަށް ވުން. އަޅުގަނޑުމެންގެ ޓާގެޓަކީ ކުރިއަށްހުރި އަހަރުތަކުގައި ސީނިއާ ޓީމުގައި މި ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ހިމެނިގެންދިއުން " ބައްސާމް ވިދާޅުވި އެވެ.

ސާފް އަންޑާ 19 ޗެމްޕިއަންޝިޕްގައި ދިވެހި ޓީމުން ބޫޓާން ބަލިކޮށް ލޯ މެޑަލް ހޯދިއިރު ޖުމްލަ ގޮތެއްގައި ޓީމުން ވަރަށް ބޮޑު ކުރިއެރުންތަކެއް މުބާރާތުގެ ތެރެއިން ދައްކާފައިވެ އެވެ. މުބާރާތަށްފަހު ދިވެހި ޓީމުގެ ކެޕްޓަން ހަސަން ނަޒީމް (ޗޯޓް) އާއި ޑިފެންޑަރު އަހްމަދު ނާހިލް އިބްރާހިމް އާއި މިޑްފީލްޑަރު ސާވީ އިބްރާހިމް އަށް ސީނިއާ ޓީމުން ފުރުސަތު ލިބިގެންދިއުން ފާހަގަކޮށް ބައްސާމް ވިދާޅުވީ ރާއްޖޭގެ ތާރީހުގައި ވެސް މީގެކުރިން ސީނިއާ ގައުމީ ޓީމެއްގައި މިހާ ގިނަ ޒުވާން ކުޅުންތެރިން ހިމެނިގެން ގޮސްފައި ނުވާ ކަމަށެވެ. ސީނިއާ ޓީމުން ޖާގަ ލިބުނު ތިން ކުޅުންތެރިންނަކީ ސާފްގެ މުބާރާތުގެ އިތުރުން ދާދިފަހުން ނިމުނު އޭއެފްސީ މުބާރާތެއްގެ ކޮލިފައިންގައިވެސް ރަނގަޅު ކުޅުމެއް ދެއްކި ތިން ކުޅުންތެރިންނެވެ.

މީގެ ދެ އަހަރު ކުރިން އެކި އުމުރުފުރާތަކުގެ ގައުމީ ޓީމުގެ މުބާރާތްތަކުގައި ރާއްޖޭގެ ޓީމުތައް ނެރެމުން އައި ދަށް ނަތީޖާއަކާއި ހެދި އެފްއޭއެމާއި ބައްސާމަށް އޭރު ކުރިމަތިވި ފާޑުކިޔުންތަކަށް އިޝާރާތް ކުރައްވައި މިރޭ އޭނާ ވިދާޅުވީ އެކަމުން ފިލާވަޅު ދަސްކޮށް ފަހަރަކު ކަމެއް ހާސިލު ކުރަމުން އައިސް ޒުވާން ޓީމާއެކު މިހާރު މިފާހަގަކުރަނީ ކުރިން ކުރެވުނު ތަޖުރިބާއިން ހޯދި ފިލާވަޅުތަކުން ދަސްކޮށްގެން ލިބުނު ކާމިޔާބީ ކަމަށެވެ.

"ފަހަރަކު ކަމެއް ކުރަމުން އައިސް އަޅުގަނޑުމެން އަންހެން ޓީމު މެޑަލް ހޯދައިފި، ސާފް އޭޖު މުބާރާތެއްގައި އަޅުގަނޑުމެންގެ އަންޑާ 19 ޓީމު މިފަހަރު މި އައީ ބްރޯންޒް ހޯދައިގެން، އަދި އަޅުގަނޑުމެންގެ ސީނިއާ ޓީމު އައީ ސާފް ޗެމްޕިއަންޝިޕް ކާމިޔާބު ކޮށްގެން. އިރާދަ ކުރެއްވިއްޔާ މި ނަތީޖާ މިއަށްވުރެވެސް ފުރިހަމަ ކުރެވޭނެ."

ބައްސާމް ވިދާޅުވީ މީގެ ދެ އަހަރުން ކުރިން ޒުވާން އުމުރުފުރައިގެ މުބާރާތްތަކަށް ދާ ދިވެހި ޓީމުތަކުގެ އަމާޒަކަށް ވެފައި އޮންނަނީ ބައިކޮޅަށް ވަންނަ ލަނޑުގެ އަދަދު މަދުކުރުން ކަމަށްވިޔަސް މިހާރު ހާލަތު ތަފާތުވެފައިވާ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. އެމްޑީއެން އުވާލާ

    ތާއީދު. މިވަގުތު ދިވެހި ފުޓްބޯޅަ ލީގުގެ ފެންވަރާއި ހާލަތު އޮތްގޮތުން ރަގަޅު ނިންމުމެއްހެން ހީވޭ.