ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) ގެ ކޯޗުގެ ގޮތުގައި މުހައްމަދު ނަޒީހު ފެނުނު ފަހު މެޗު، ވިކްޓަރީގެ ޓީމުގެ ކުޅުންތެރިން ހަމަނުވުމުގެ ސަބަބުން ކެންސަލްކޮށްފި އެވެ.

މިއީ ދެ ސީޒަނުގެ ތެރޭ ވިކްޓްރީން މެޗަކަށް ހާޒިރުނުވެ ދިޔަ ފަސްވަނަ ފަހަރެވެ. މިދިޔަ ސީޒަނުގައި ދެ މެޗަށް އަދި މި ސީޒަނުގައި މީގެ ކުރިން ދެ މެޗަށް ވިކްޓްރީން ހާޒިރުނުވެ ދިޔަ އެވެ. އެގޮތުން ލީގުގައި މިދިޔަ ހަފްތާ ފޯކައިދޫއާއި ދެކޮޅަށް ކުޅެން އޮތް މެޗަށްވެސް ވިކްޓްރީ ހާޒިރުވެފައެއްނުވެއެވެ.

މިދިޔަ މަހުގެ 19 ވަނަ ދުވަހު ގްރީންސްޓްރީޓްސްއާ ދެކޮޅަށް ކުޅެން ވިކްޓްރީ ހާޒިރުނުވުމުން އެފްއޭއެމުން އެ ޓީމު 40،000ރ. އިން ޖޫރިމަނާކުރި އެވެ. އޭގެ ފަހުން ކުޅުނު މެޗުގައި ފ. ނިލަންދޫއާ ދެކޮޅަށް ޓީމު ހަމަކޮށްގެން ނުކުތީ ފުރަތަމަ އެގާރައިގައި ބަދަލު ކީޕަރުން ކުޅުންތެރިންގެ ގޮތުގައި ޖަހައިގެންނެވެ.

ވިކްޓްރީގެ ހާލަތު ރަނގަޅު ކުރުމަށް މިމަހުގެ ތެރޭގައި އެ ކްލަބުގެ މެނޭޖުމަންޓުން ވަނީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލާވެސް ބައްދަލުކޮށްފައެވެ.

ޕްރިމިއާ ލީގުގައި މިއަދު ހަވީރު މިދެޓީމު ބައްދަލުކުރަން އޮތް މެޗުގެ ކުރިން، ޔޫވީގެ ކޯޗު މުހައްމަދު ނަޒީހު އިސްތިއުފާދޭނެ ކަމަށް ބުނެފައިވުމުން މި މެޗަކީ ޔޫވީ ކޯޗު ކަމުގައި ނަޒީހުގެ ފަހު މެޗެވެ.

މެޗަށްފަހު ނަޒީހު ބުނީ މިއަދުގެ މެޗަކީ ޔޫވީ އަށް އޭނާ އިރުޝާދު ދިން ފަހު މެޗު ކަމަށްވިޔަސް މި ސީޒަނުގައި ބާކީ އޮތް ދުވަސްތަކު އެހެން ޓީމަކުން ނުފެންނާނެޔޭ ބުނަން ނޭނގޭ ކަމަށެވެ. ނަޒީހު ބުނީ ޔޫވީއާ ދުރަށް ދިޔަ ނަމަވެސް އުއްމީދަކީ ރަނގަޅު އެހެން ކޯޗަކާއެކު ކުރިއަށް އޮތް ތާނގައި ޔޫވީން ލީގުގައި ނެރޭ ނަތީޖާތައް ރަނގަޅުވުން ކަމަށެވެ.

މިއަދުގެ މެޗު ކެންސަލްކުރުމުން ޔޫވީއަށް ވަނީ މެޗުން 3 ޕޮއިންޓާއެކު ފައިދާ ދެ ލަނޑު ލިބިފައެވެ. އެހެންކަމުން ތާވަލުގެ ހަތްވަނައިގައި އޮތް ޔޫވީއަށް މިހާތަނަށް ވަނީ ޖުމްލަ 11 ޕޮއިންޓު ލިބިފައެވެ. ފުލުގައި އޮތް ވިކްޓަރީއަށް ޕޮއިންޓެއް ލިބިފައެއް ނުވެއެވެ.

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސްއެވެ.