ދެވަނަ ޑިވިޝަނުގައި ވާދަ ކުރަން ތައްޔާރުވާ ވިކްޓަރީ ސްޕޯޓްސް ކުލަބުން ތަޖުރިބާކާރު ކުޅުންތެރިޔާ ހުސައިން ނިޔާޒް މުހައްމަދު (ބޮކުރީ)ގެ ސޮއި ހޯދައިފި އެވެ.

މިދިޔަ އަހަރު އުފަން ރަށް މަހިބަދޫ ސްޕޯޓްސްއިން ފެނުނު ބޮކުރީ އަކީ އެންމެ ފުރަތަމަ ވިކްޓަރީ ސްޕޯޓްސް ކުލަބުން ވިދާލި ކުޅުންތެރިއެކެވެ. އޭނާ ވަނީ ވިކްޓަރީ 2000ގެ މެދުތެރޭގައި ހޯދި ކާމިޔާބީތަކުގައި މުހިންމު ދައުރެއް އަދާކޮށްދީފަ އެވެ. ފުރަތަމަ ޑިވިޝަނުގައި ބޮކުރީ އެންމެ ފަހުން ފެނިގެންދިޔައީ މީގެ ދެ އަހަރު ކުރިން ކްލަބް ވެލެންސިއާއިންނެވެ.

ބޮކުރީ އަކީ އަލުން ފުރަތަމަ ޑިވިޝަނަށް ކޮލިފައިވުމަށް މަސައްކަތް ކުރަމުން އަންނަ ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކުލަބު ވިކްޓަރީ އަށް ސޮއިކުރި ހަތަރު ވަނަ ކުޅުންތެރިޔާ އެވެ.

މި ވަގުތު ދެވަނަ ޑިވިޝަނުގައި އޮތް ވިކްޓަރީއަށް ބޮކުރީ ސޮއިކުރިއިރު، އެ ކުލަބުން ވަނީ ފުރަަތަމަ ޑިވިޝަނާއި ގައުމީ ޓީމުގެ ތަޖުރިބާކާރު ދެ ކުޅުންތެރިން ކަމަށްވާ ކެޕްޓަން އަކުރަމް އަބްދުލް ޣަނީ (އަކޫ) އާއި މުޙައްމަދު އުމެއިރުގެ ސޮއިވެސް ހޯދާފައެވެ. މީގެ އިތުރުން ވެލެންސިއާއަށް ކުޅެމުން އައި ހުސެއިން ފައިސަލް (ފައިޓޯ) އާއި، މިދިޔަ ސީޒަނުގެ ދެވަނަ ޑިވިޝަނުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބަށް ކުޅުނު އިބްރާހީމް ސިނާހު (ސިނާ) އާއި މިދިޔަ ސީޒަނުގައި ޓީސީ ސްޕޯޓްސް ކުލަބުގެ ކެޕްޓަން އަޙްމަދު ރިލްވާން (ބެން) އަދި ސައްދާމް ހުސެއިންވެސް ވިކްޓަރީން ވަނީ ގެނެސްފައެވެ.