ރާއްޖޭގައި މި ވަގުތު ހިންގަމުން އަންނަ އެންމެ ޒަވާންވީ ކުލަބު ކަމަށްވާ ވިކްޓަރީ ސްޕޯޓްސް ކުލަބަށް 50 އަހަރު ފުރުމުގެ މުނާސަބަތުގައި މި އަހަރު އިންޑިއާގެ ދެ ކުލަބަކާއެކު ރާއްޖޭގައި އިންވިޓޭޝަނަލް ކުލަބު ފުޓްބޯޅަ މުބާރާތެއް ބާއްވަން އެ ކުލަބުން ނިންމައިފިއެވެ.

ވިކްޓަރީ އިން މި އަހަރު ދުރާލާ ސީޒަނަށް ތައްޔާރުވުމުގެ އިތުރުން މި އަހަރު މުހިންމު ހަރަކާތްތަކެއް ހިންގުމަށް ވަނީ ރާވައިފަ އެވެ. އެއީ އެ ކުލަބަށް 50 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުންނެވެ. ކުލަބަށް 2021 ގައި 50 އަހަރު ފުރުނުއިރު އެކުލަބުގެ ހަރަކާތެއް ނުބޭއްވުނީ އެއީ ކޮވިޑް-19ގެ ދުވަސްވަރަށް ވެފައި އޭރު ކުލަބުގެ ހާލަތަށް ބަލާފައި ކަމަށް ކުލަބުން ބުނެއެވެ.

ދެވަނަ ޑިވިޝަނާއި އެފްއޭ ކަޕް ފުޓުބޯޅަ މުބާރާތަށް ބޮޑެތި އަމާޒުތަކެއް ކަނޑައަޅައިގެން މަސައްކަތް ފެށި ވިކްޓަރީން ވަނީ އެ ކުލަބަށް ވަރުގަދަ ކުޅުންތެރިންތަކެއް ގެންނާނެކަން ހާމަކޮށްފައެވެ. އަދި މި ބައިނަލްއަޤްވާމީ މުބާރާތަށް ދަނޑު ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށާއި އެކަން ނިމުމުން މުބާރާތް ބާއްވަން ނިންމާ ދުވަހެއް ފައިނަލްކޮށް އިއުލާނުކުރާނެ ކަމަށް އެކްލަބުން ބުނެއެވެ.

ވިކްޓަރީން ވަނީ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޢަނީ (އަކޫ) އާއި ތަޖުރިބާކާރު މިޑްފީލްޑަރު މުޙައްމަދު އުމެއިރުގެ ސޮއި ހޯދުމުގެ އިތުރުން ކޯޗުގެ މަގާމަށް ސޮބާހް މުޙައްމަދު (ސޮބާ) ވަނީ ހަމަޖައްސާފައެވެ.

ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ކުރިޔަށްއޮތް ތަނުގައިވެސް އިތުރު ގިނަ ކުޅުންތެރިންތަކެއްއެ ޓީމަށް ސޮއިކުރާނެ ކަމަށް ވިކްޓަރީން މައުލޫމާތުދެއެވެ. މީގެތެރޭގައި ފެންވަރު ރަނގަޅު ހަތަރު ބިދޭސީ ކުޅުންތެރިން ހިމެނޭ ކަމަށްވެސް އެ ކުލަބުން މައުލޫމާތުދެއެވެ.