ވިކްޓަރީ ސްޕޯޓްސް ކުލަބުން ޒުވާން ޑިފެންޑަރު ހުސައިން ފައިސަލް (ފައިޓޯ) ގެ ސޮއި ހޯދައިފިއެވެ.

މި ސީޒަނުގެ ދެވަނަ ޑިވިޝަން މުބާރާތާއި، އެފްއޭ ކަޕަށް ސްކޮޑް ވަރުގަދަ ކުރުމުގެ ގޮތުން ވިކްޓްރީން އަންނަނީ މޮޅު ކުޅުންތެރިންތަކެއް ގެނައުމަށް މަސައްކަތް ކުރަމުންނެވެ. ވިކްޓަރީން ވަނީ މީގެ ކުރިން ގައުމީ ޓީމުގެ ކެޕްޓަން އަކްރަމް އަބްދުލް ޣަނީ (އަކޫ) އާއި، ތަޖުރިބާކާރު، މިޑްފިލްޑަރު މުޙައްމަދު އުމޭރުގެ ސޮއި ވެސް ހޯދައިފައެވެ. މި ދެ ކުޅުންތެރިންގެ އިތުރުން ވިކްޓަރީގެ ކޯޗަކަށް އެ ކުލަބަށް ކުރިން ކުޅުނު ސޮބާހް މުޙައްމަދު ވަނީ ހަމަޖައްސައިފައެވެ.

މީގެ ކުރިން ކުލަބް ވެލެންސިއާއަށްވެސް ކުޅުނު ފައިސަލް ކެރިޔަރު ފެށީ ކުލަބް އީގަލްސްއިންނެވެ. އީގަލްސްއަށް ކުޅުމަށްފަހު ފައިސަލް ދެން ބަދަލުވީ ވެލެންސިއާއަށެވެ. ވެލެންސިއާ ދެވަނަ ޑިވިޝަނުން ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްކޮށްދިނުމުގައި ފައިސަލްގެ ދައުރު ބޮޑެވެ. އޭގެ ފަހުން 2020-2021 ވަނަ އަހަރުގެ ސީޒަނުގައި ވެލެންސިއާގައި ފައިސަލް ވަނީ ތަފާތު މޮޅު ކުޅުމެއް ދައްކައިފައެވެ. އެކަމަކު މިދިޔަ ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕަށްފަހު ފައިސަލް ވެލެންސިއާއިން ފެނިފައިނުވާއިރު، އޭނާ ވަނީ މިދިޔަ އަހަރު އަތޮޅުތަކުގައި ކުޅުނު ރަށު ފެންވަރުގެ މުބާރާތްތަކާއި އަތޮޅު މުބާރާތްތަކުގައި ކުޅެފައެވެ.

ވިކްޓަރީން ފައިސަލްގެ ސޮއި ހޯދީ މި ސީޒަނުގެ ނިޔަލަށެވެ.

މީގެ 10 މަސް ކުރިން، ސަސްޕެންޝަނުން ސަލާމަތްވެ، ވިކްޓަރީން ވަނީ މިދިޔަ އަހަރު ދެ ވަނަ ޑިވިޝަނުގައި ވާދަކޮށްފަ އެވެ. އެފްއޭއެމް އިން ވިކްޓަރީ ސަސްޕެންޑްކުރީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ. އެއީ ވިކްޓްރީން މުސާރަ ނުދޭ ދިވެހި ކުޅުންތެރިންނާއި ބިދޭސީ ކުޅުންތެރިންގެ މައްސަލަ އެފްއޭއެމާއި ފީފާގައި އޮތުމުންނެވެ. ވިކްޓަރީގެ އާ ބޯޑުން ވަނީ އެ ދަރަނިތައް ދައްކައި، ކްލަބް ސަސްޕެންޝަނުން ސަލާމަތްކޮށްފަ އެވެ.

ވިކްޓަރީން މިދިޔަ އަހަރުގެ ދެވަނަ ޑިވިޝަނުގައި ވާދަކުރި ނަމަވެސް ގްރޫޕް ސްޓޭޖުން އެ ޓީމަށް ޖެހުނީ މުބާރާތް ނިންމާލަންށެވެ. އެކަމަކު މިދިޔަ ސީޒަނާ ހިލާފަށް މި ސީޒަނަށް އެ ޓީމުން އަންނަނީ ކުރިޔާލާ ތައްޔާރުވަމުންނެވެ.