ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ހޯދި މޮޅާއެކު ރަށުން ބޭރުގައި މޮޅުނުވެ މެންޗެސްޓަރ ޔުނައިޓެޑުން ދަމަހައްޓަމުން އައި ރެކޯޑު ނިމުމަކަށް އައިސްފި އެވެ.

ޔުރޮޕާ ލީގުގައި ސާބިއާގެ ޕާޓިޒަން ބެލްގްރޭޑާ ވާދަކޮށް ޔުނައިޓެޑު ރޭ މޮޅުވީ 1-0 އިންނެވެ. ރޭގެ މެޗާއި ޔުނައިޓެޑު ކުރިމަތިލިއިރު އެޓީމުން ވަނީ ރަށުން ބޭރުގައި މޮޅެއް ނުހޯދައި 11 މެޗު ހަމަކޮށްފަ އެވެ. އެގޮތުން އެ މުއްދަތުގައި އެޓީމު އަވޭގައި ކުޅުނު 11 މެޗުގެ ތެރެއިން ހަތް މެޗުން ބަލިވިއިރު ހަތަރު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

އޭގެ ކުރިން ރަށުން ބޭރުގައި އެޓީމުން މޮޅެއް ހޯދީ މިދިޔަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ފްރާންސްގެ ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ. ޔުނައިޓެޑްގެ ކޯޗުކަމާ އޮލޭ ގުނަ ސޯލްޝެއާ ފުރަތަމަ ހަވާލުވުމަށް ފަހު ރަށުން ބޭރުގައި ކުޅުނު ނުވަ މެޗުން ވެސް އެޓީމު މޮޅުވިނަމަވެސް ދާއިމީ ކޮންޓްރެކްޓެއް ޔުނައިޓެޑުން ސޯލްޝެއާ އަށް ހުށަހެޅިފަހުން އެޓީމަށް ރަނގަޅު ނަތީޖާތަކެއް ނުނެރެވެ އެވެ.

ރޭގެ މެޗުގައި ޕާޓިޒަން ކޮޅަށް ޔުނައިޓެޑުން ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން އެންތޮނީ މާޝިއަލް އެވެ. މިއީ ޔުނައިޓެޑްގެ ޑިފެންޑަރު ބްރާންޑަން ވިލިއަމްސްއަށް ޕާޓިޒަންގެ ކުޅުންތެރިއަކު ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ރޭގެ މެޗުގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު ޔުނައިޓެޑުން ލީޑު ނެގި ހިސާބުން ޕާޓިޒަންގެ ކުޅުން ރަނގަޅުވެ ގިނަ ހަމަލާތަކެއް އުފައްދައި ޔުނައިޓެޑްގެ ޑިފެންސް ލައިނަށް ބާރު ބޮޑުކުރިތަން ފެނިގެންދިޔަ އެވެ. އެގޮތުން ޕާޓިޒަންގެ ކުޅުންތެރިން ކުރަމުން އައި ޕްރެޝަރު ހުއްޓުވުމުގައި ޔުނައިޓެޑުގެ ގޯލްކީޕަރު ސާޖިއޯ ރޮމޭރޯ ވަނީ ފަހު ހާފުގައި ހުޝިޔާރުކަން ދައްކާފަ އެވެ.

ޕާޓިޒަން އަތުން ލިބުނު މޮޅާއެކު ޔުނައިޓެޑް ހިމެނޭ ގްރޫޕް އެލްގައި އެޓީމު އޮތީ ތިން މެޗުން ލިބުނު ހަތް ޕޮއިންޓާއެކު އެއްވަނައިގަ އެވެ. ދެ ވަނައިގައި އޮތީ ރޭ އަމިއްލަ ދަނޑުގައި އެފްސީ އަސްޓާނާ ބަލިކުރި އޭޒެޑް އަލްކަމާ އެވެ. އެޓީމަށް ފަސް ޕޮއިންޓް ލިބިފައިވާއިރު ޕާޓިޒަން އޮތީ ހަތަރު ޕޮއިންޓާއެކު ތިން ވަނައިގަ އެވެ. ފުލުގައި އޮތް އަސްޓާނާއަށް ޕޮއިންޓެއް ލިބިފައެއްނުވެ އެވެ.