ސަރުކާރު އޮފީސް ތަކަށާއި ސަރުކާރު ކުންފުނި ތަކަށް ހުޅުވާލެވިގެން ވޮލީ ބޯލް އެސޯސިއޭޝަނުން ކޮންމެ އަހަރަކު ކުރިއަށް ގެންދާ ވޮލީ މުބާރާތުގެ މިއަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުލުވާލައިފިއެވެ.

އަންހެން އަދި ފިރިހެން ދެ ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި އަހަރުގެ މުބާރާތް މި އަންނަ މެއި މަހުގެ 3 އިން މެއި 8 އަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 19 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިންނެވެ.

ވޮލީބޯލް އެސޯސިއޭޝަނުން ގެޒެޓް ކޮއްފައިވާ އިއުލާންގައި ވާގޮތުން މިމަހު 19 ވާ ބުރާސްފަތި ދުވަހުގެ ކުރިން މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ހަމަވި ނަމަވެސް ޓީމް ލިސްޓް ހުށައެޅުމުގެ ފުރުސަތު މިމަހު 26 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ލިބޭނެއެވެ.

ވޮލީބޯލް އެސޯސިއޭޝަނުން މުބާރާތާއި ގުޅިގެން ތައްޔާރުކޮއްފައިވާ ޕޯސްޓަރެއް

މި މުބާރާތުގައި ބައިވެރިވާން އެދޭ ފޯމާއި ޓީމް ލިސްޓް ހުށައަޅާ ފޯމް އަދި ގަވާއިދު ވޮލީބޯލް އެސޯސިއޭޝަނުން ލިބެން ހުރި އިރު ފޯމް ފުރުމަށް ފަހު ފުރިހަމަކޮށްފައިވާ ފޯމްތަށް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެ އިދާރާގެ އޮފީސް ހ. ބޯޅަގެ، 1 ވަނަ ފަންގިފިލާއިން ކަމަށް އެ އިއުލާންގައި ވެއެވެ.

ވޮލީ ބޯލް އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ އަހުމަދު އަދީލް ވިދާލުވީ 2017 ވަނަ އަހަރު ގައުމީ މުބާރާތް ކުޅެފައިވާ ކުޅުންތެރިންނަށް މި މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ.

ޔޫތު ސެންޓަރ އިންޑޯ ހޯލްގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި މުބާރާތާއި ބެހޭ އިތުރު މައުލޫމާތު ވޮލީބޯލް އެސޯސިއޭޝަންގެ ނަންބަރ 3317015 ނުވަތަ 9895555 ނުވަތަ 7777261 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް މެއިލް ކޮށްގެން ލިބޭނެކަމަށް އެ އިއުލާންގައި ވެއެވެ.