ފައިނު އެސޯސިއޭޝަން ފޮރ ކޮމިއުނިޓީ އެންޑީވާސް (ފޭސް) އިން އިންތިޒާމްކޮށްގެން، ފައިނުގައި ސްޕޯޓްސް ފެސްޓިވަލް އެއް ބާއްވަން އެ ޖަމިއްޔާއިން ނިންމައިފި އެވެ.

“ފައިނު ސްޕޯޓްސް ފެސްޓިވަލް 2019″ ގެ ނަމުގައި ރ.ފައިނު ގައި ބާއްވާ ސްޕޯޓްސް ފެސްޓިވަލް ފަށަން ހަމަޖެހިފައިވަނީ މިއަހަރުގެ ޑިސެންބަރުމަހުގެ 14 ވަނަ ދުވަހުކަމަށް އެޖަމިއްޔާއިން މައުލޫމާތުދެ އެވެ. މިއީ ފައިނުގައި މިހާތަނަށް ބާއްވާ އެންމެ ފުރަތަމަ ސްޕޯޓްސް ފެސްޓިވަލް އެވެ. މި ފެސްޓިވަލްގައި ހިމެނެނީ ފުޓުބޯޅަ މުބާރާތަކާއި އަންހެނުންގެ ވޮލީ މުބާރާތެއްގެ އިތުރުން ކުޑަކުދީންގެ މިނީގޯލް މުބާރާތެކެވެ.

އެގޮތުން ފުޓުބޯޅަ މުބާރާތަކީ ރަށުގެ ޒުވާނުންނަށް އަމާޒުކޮއްގެން ބާއްވާ މުބާރާތެކެވެ. އަދި ވޮލީ މުބާރާތަކީ އަންހެނުނަށް އަމާޒުކޮއްގެން ބާއްވާ މުބާރާތެކެ އަދި އޭގެ އިތުރުން މިނިގޯލް މުބާރާތަކީ ކާނިވާސް އާއި ފޭސް ޖަމިއްޔާ އާއި ގުޅިގެން ބާއްވާ ކުޑަކުދިންގެ މުބާރާތެކެވެ. މިފެސްޓިވަލުގައި ޓީމްތައް ބައިވެރިކުރުމުގެ ފުރުޞަތު ހުޅުވާލާފައިވަނީ ފޭސް ޖަމިއްޔާގައި ރަޖިސްޓްރީ ކުރެވިފައިވާ ޓީމުތަކަށެވެ. ޓީމްތަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިހާރުވަނީ ބަންދު ކުރެވިފަ އެވެ. އެގޮތުން 4 ޓީމް އެއް ރަޖިސްޓާރ ވެފައިވެ އެވެ.

މިފެސްޓިވަލަކީ ޒުވާނުންނާއި ކުޑަކުދީން ކުޅިވަރުގެ މައިދާނުގައި އެކަތިގަނޑަކަށްވެ، ރަށުގެ އެންމެހާ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމަށާއި، ރަށުގައި ފުޓްބޯޅަ އަދި ވޮލީގެ ފޯރި އިތުރު ކުރުމަށާއި، މުޖުތަމަޢުގައި ހިނގާ ނޭއްގާނީ ކަންކަމުން ޒުވާނުންނާއި ކުޑަކުދީން ދުރުކޮށް، ކުޅިވަރުގެ ތެރެއިން މުޖްތަމައުއަށާއި ޤައުމަށް ބޭނުންތެރި، ދުޅަހެޔޮ އަދި ޒިންމާދާރު ބަޔަކު އުފެއްދުމުގެ މަޤުޞަދުގައި ބާއްވާ ފެސްޓިވަލެކެވެ.

މިފެސްޓިވަލުގައި ހިމެނޭ ފުޓުބޯޅަ މުބާރާތް 14 ޑިސެންބަރު 2019 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާއިރު، ވޮލީ މުބާރާތާއި މިނީގޯލް މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ 23 ޑިސެންބަރު 2019 ވަނަ ދުވަހުކަމަށް އެޖަމްޢިއްޔާއިން މަޢުލޫމާތުދެއެވެ.

ތިމާވެށި، ދީނީ، އިޖްތިމާއީ އަދި ކުޅިވަރުގެ ދާއިރާއިން ގިނަގުނަ ހަރަކާތްތަކެއް ހިންގާފައިވާ ފޭސް ޖަމިއްޔާއިންވަނީ މީގެ ކުރިންވެސް "ފޭސް ކަޕް" ގެ ނަމުގައި ފުޓުބޯޅަ މުބާރާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.