ކެޕްޓަން ލިއޮނެލް މެސީ ޖަހައިދިން ހަމައެކަނި ލަނޑުން އެތްލެޓިކޯ މެޑްރިޑް ބަލިކޮށް ބާސެލޯނާ އިން އެނބުރި ސްޕެނިޝް ލަލީގާ ތާވަލުގެ އެއްވަނަ އަށް ޖެހިލައިފި އެވެ.
ސްޕެނިޝް ލީގުގައި ރޭ ރެއާލް މެޑްރިޑުން ޑެޕޯޓިވޯ އަލަވެސްގެ މައްޗަށް ކުރިހޯދުމުން ދެވަނަ އަށް ވެއްޓުނު ބާސާ އިން އެނބުރި އެއްވަނަ މަގާމު ދިފާއުކުރީ އެތްލެޓިކޯ މެޑްރިޑްގެ ވަންޑާ މެޓްރޮޕޮލިޓާނޯގައި ރޭ ކުޅުނު ފޯރިގަދަ މެޗު 1-0 އިން ކާމިޔާބުކޮށްގެންނެވެ. މިއީ އެތްލެޓިކޯގެ އާ ސްޓޭޑިއަމްގައި ބާސާ އިން ހޯދި ފުރަތަމަ މޮޅެވެ. އަދި ރަށުން ބޭރުގައި އެތްލެޓިކޯ އާއި ދެކޮޅަށް ބާސާ އިން އެންމެ ފަހުން ކުޅުނު އަށް މެޗުގައި މޮޅުވި ފުރަތަމަ ފަހަރެވެ.
ރޭގެ މެޗަކީ މިސީޒަނުގެ ލަލީގާގައި މިހާތަނަށް ކުޅުނު އެންމެ ފޯރިގަދަ އެއް މެޗެވެ. މެޗުގެ ފުރަތަމަ ހާފު މުޅިންހެން ކޮންޓްރޯލް ކުރީ އެތްލެޓިކޯ މެޑްރިޑުންނެވެ. ގިނަ ވަގުތު ބޯޅަ ހިފަހައްޓައި ލީޑު ނަގަން އިދިކޮޅު ގޯލަށް ގިނަ ހަމަލާތަކެއް އުފައްދައި އެތްލެޓިކޯ އިން ލީޑު ނެގުމާއި ވަރަށް ކައިރިއަށް މިހާފުގައި ދިޔަ އިރު މެޗުގެ ފުރަތަމަ ތިރީހަކަށް މިނެޓުގައި ބާސާ ސަލާމަތްކޮށްދިނީ ރޭގެ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދި ޖަރުމަނު ކީޕަރު މާކް އަންދްރޭ ޓާސްޓެޖަން އެވެ.
މޮޅަށް ކުޅެމުން ދިޔަ އެތްލެޓިކޯ އަށް ލިބުނު ކޯނަރެއްގައި އެޓީމުގެ ސްޕެނިޝް ފޯވަޑް އަލްވާރޯ މޮރާޓާ ބޮލުން ފޮނުވާލި ބޯޅަ ޓާސްޓެޖަން މަތަކޮށް އޮޅުން ބޮޅުން ވެފައި އޮތް ބާސާ ޓީމް ސަލާމަތްކޮށްދިން އިރު އެ ހަމަލާގެ ކުރިން ޒުވާން ކުޅުންތެރިއާ ޔާއޯ ފެލިކްސް ނަގައިދިން ހުރަހެއްގައި މުޅިން ހުސްކޮށްހުރެ މާރޯ ހަރްމޯސޯ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ވެސް ޓާސްޓެޖަން އެވެ. މި ހަމަލާގެ ކުރިން ހަރްމޯސޯ ވަނީ ބާސާގެ ގޯލާއި އަމާޒުކޮށް ބާރު ބޯޅައެއް ފޮނުވާލައިފަ އެވެ. ބާސާގެ އޭރިއާ އަރިމަތިން އެތްލެޓިކޯގެ ޑިފެންޑަރު ފޮނުވާލި ބޯޅަ ބާސާގެ ލެފްޓް ބެކް ޖޫނިއާ ފިރްޕޯ ގައިގަ ޖެހިފައި އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.
މެޗުގެ ފުރަތަމަ ހާފުގެ ކުރީކޮޅު އެތްލެޓިކޯގެ ޕްރެޝަރާއި ހެދި ވަރަށް ބޮޑަށް ފަހަތަށް ޖެހިގެން ކުޅުނު ބާސާ އަށް މެޗު ތެރެއަށް ރަނގަޅަށް ވަދެވިގެން ދިޔައީ ފުރަތަމަ ހާފުގެ ފަހު ދިހަ މިނެޓު ތެރޭގަ އެވެ. މި ހާފުގައި ޔަން އޮބްލަކްގެ ގޯލު ފޫއަޅުވާލަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ އީވާން ރަކިޓިޗް އަށެވެ. ބާސާ އިން އުފެެއްދި ކައުންޓާ ހަމަލާއެއްގައި އެތްލެޓިކޯގެ ޑިފެންސް ތެރެއިން މެސީ ޖައްސާލި ބޯޅަ ރަކިޓިޗް އަށް ލިބުނު ނަމަވެސް އޭނާ މަޑުމަޑުން ފޮނުވާލި ބޯޅަ ސްލޮވީނިއާގެ ކީޕަރު އޮބްލަކް ވަނީ ފަސޭހަކަމާއެކު މަތަކޮށްފަ އެވެ. އޭގެ ފަހުން ކޯނަރެއްގައި ޑިފެންޑަރު ޖެރާޑް ޕީކޭ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.
ދެވަނަ ހާފުގައި ދެޓީމްގެ ފަރާތުން ވެސް ފެނިގެންދިޔައީ ވަރަށް ވާދަވެރި ކުޅުމެކެވެ. ހަމަލާއެއް އުފެއްދޭތޯ ދެޓީމުންވެސް މަސަތްކަތް ކުރަމުން ދަނިކޮށް އެންޓޮއިން ގްރީޒްމަން އަށް ލީޑު ނަގަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވީ އޭނާ ފޮނުވާލި ބޯޅަ ގޯލު ދަނޑިމަތިން ބޭރަށް ދިއުމުންނެވެ. ރޭގެ މެޗަކީ ހަ އަހަރަށް ފަހު އެތްލެޓިކޯ ދޫކޮށް ބާސާ އަށް ބަދަލުވި ފްރާންސް ކުޅުންތެރިއާ އޭނާގެ ކުރީގެ ޓީމާއި ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ. މެޗު ފެށުމުގެ ކުރިންނާއި މެޗު ތެރެއިން ހޯމް ސަޕޯޓަރުން ގްރީޒްމަން އާއި ދިމާކުރަމުންދިޔަ އިރު 28 އަހަރުގެ ގްރީޒްމަންގެ ފަރާތުން މާއެދެވޭ ކުޅުމެއް މެޗުގައި ފެނިގެން ގޮސްފައި ނުވެއެވެ.
1-1 އިން ބާސާ އާއި އެތްލެޓިކޯ އެއްވަރުވަމުން ދަނިކޮށް މެސީ ބާސާ އަށް ތިން ޕޮއިންޓް ޔަގީންކޮށްދިނީ މެޗު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށެވެ. ބާސާ އަށް ލިބުނު ފުރުސަތެއްގައި ސުއަރޭޒް ދިން ބޯޅައެއްގައި އޭރިއާ ބޭރުން އެއް ޝޮޓުން މެސީ ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ ކަނަށެވެ. މިއީ ވަންޑާ މެޓްރޮޕޮލިޓާނޯގައި މެސީ ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. މީގެ އިތުރުން މި ލަނޑަކީ އެތްލެޓިކޯ މެޑްރިޑާއި ދެކޮޅަށް 32 އަހަރުގެ މެސީ މިހާތަނަށް ކުޅުނު 39 މެޗުގައި ޖެހި 30 ވަނަ ލަނޑެވެ.
މި ނަތީޖާއާއެކު ބާސެލޯނާ އެނބުރި އެއްވަނަ މަގާމަށް ޖެހިލީ 31 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެވަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް ހަމަ މި އަދަދަށް ޕޮއިންޓް ލިބިފައިވާއިރު ބާސާ އަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ.
ބާޟާ ޜޮކްސް???
މެސީ ޔުރދަ މޭން????
1-1 އިން އެއްވަރުވަމުން ދަނިކޮށްނޭ؟ މުންޖޭ ކިޔާބަލަ.
ޖުހާ ރުޅިމަނޑު!
މެސީ އާ ކައިރި ކުރެވޭ ވަރުގެ ކުޅުންތެރިޔަކު އަދި ނާދެ! ކިރިޔާވެސް ކައިރިކުރީ ރޮނާލްޑީނިއޯ!