ނޭޕާލުގައި މިހާރު ކުރިޔަށްދާ ސައުތު އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ސިންގަލްގެ ކުއާޓާ ފައިނަލުގައި ވާދަކޮށް ރާއްޖޭގެ ފާތުމަތު ދީމާ އަލީ އަދި އާއިޝަތު ރަފާ ނާޒިމް ބަލިވުމުން ރާއްޖޭގެ ޓީޓީ ޓީމަށް މުބާރާތް ނިމިއްޖެ އެވެ.

އަންހެން ސިންގަލްސްގެ ކުއާޓާ ފައިނަލުގައި ރަފާ ބަލިވީ އަވައްޓެރި ސްރީލަންކާގެ އެއް ވަނަ ކުޅުންތެރިޔާ ކަމަށްވާ އިޝާރާ މަދުރަންގީ އާއި ވާދަކޮށް 4-3 އިންނެވެ. ކަތުމަންޑޫގެ ލެންޗޯރު ޓީޓީ ހޯލުގައި ކުޅުނު މި މެޗުގައި ދެ ކުޅުންތެރިންގެ ފަރާތުން ވެސް ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ އިރު ފުރަތަމަ ސެޓު ގެންދިޔައީ ލަންކާ ކުޅުންތެރިއާ އެވެ. 14-16 އިން އިޝާރާ މި ސެޓު ގެންދިޔަ ނަމަވެސް ޖެހިގެން އައި ސެޓުގައި ރަފާ ވަނީ ރަނގަޅު ވާދައެއް ކޮށް 12-10 އިން ސެޓު ގެންގޮސް ނަތީޖާ އެއްވަރު ކޮށްފަ އެވެ.

ތިންވަނަ ސެޓު ފުދޭ ވަރަކަށް ފަސޭހަކަމާއެކު 04-11 އިން ގެންގޮސް އިޝާރާ 2-1 ގެ ލީޑެއް ނެގި އެވެ. މުޅި މެޗުގައި ވެސް ކުޅެވުނު އެންމެ ފޯރިގަދަ މެޗަކަށްވީ ހަތަރު ވަނަ ސެޓެވެ. ދެ ކުޅުންތެރިން ވެސް ދޫ ނުދީ ހިފަހައްޓަމުން ގޮސް އެންމެ ފަހު ވަގުތު 14-12 އިންސެޓު ގެންދިޔައީ ރަފާ އެވެ.

ހަތަރު ވަނަ ސެޓު ކާމިޔާބުކޮށް ރަފާ އުއްމީދު އާކުރި ނަމަވެސް ފަސްވަނަ ސެޓު ދިޔައީ ރަފާ އަށް އެންމެ ރަނގަޅަކަށް ނޫނެވެ. ހަތަރު ވަނަ ސެޓުގައި ރަފާ ދެއްކި ކުޅުން ތަކުރާރު ނުކުރެވުމުގެ ސަބަބުން ފަސް ވަނަ ސެޓް ލަންކާ ކުޅުންތެރިއާ ވަނީ 04-11 އިން ގެންގޮސް އަނެއްކާ ވެސް ލީޑެއް ނަގައިފަ އެވެ. މި ސެޓު އިޝާރާ ފަސޭހަކަމާއެކު ގެންދިޔަ ނަމަވެސް ރަފާ ހުރީ ފަހު ވަގުތާއި ޖެހެންދެން ހިތްވަރު ކުރާށެވެ.

ހަ ވަނަ ސެޓުގައިވެސް ދެ ކުޅުންތެރިންގެ ފަރާތުން ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އިރު 11-08 އިން ސެޓު ގެންގޮސް ނަތީޖާ އެއްވަރުކޮށް ރަފާ ވަނީ ފަހު ސެޓާއި ހަމަ އަށް މެޗު ގެންގޮސްފަ އެވެ. ފަހު ސެޓުގެ ފުރަތަމަ ކޮޅު ރަފާ ކުރީގައި އޮތް ނަމަވެސް ފަހު ވަގުތުގައި އިޝާރާ ވަނީ ރަފާގެ މައްޗަށް ކުރިހޯދައިފަ އެވެ. އިޝާރާ ފަހު ސެޓު ގެންދިޔައީ 08-11 އިންނެވެ.

ސާފް ގޭމްސްގެ ސިންގަލްސްގެ ކުއާޓާ ފައިނަލުގައި ރާއްގޭ ދީމާ ނުކުތީ އިންޑިއާގެ އައިކާ މުކަރުޖީއާ ދެކޮޅަށެވެ. މިފަހަރުގެ ގޭމްސްގެ ގްރޫޕް ސްޓޭޖުގައި އައިކާ ވަނީ ރަފާގެ މައްޗަށް ސީދާ ތިން ސެޓުން ކުރި ހޯދައިފަ އެވެ. އައިކާ އަކީ ދުނިޔޭގެ ފެންވަރުގެ މުބާރާތްތަކުގައި ވާދަކޮށްފައިވާ މޮޅު ކުޅުންތެރިއެކެވެ. ކުއާޓާގައި ދީމާގެ މައްޗަށް އައިކާ ކުރިހޯދީ ސީދާ ހަތަރު ސެޓުންނެވެ. ސެޓުތައް އިންޑިއާ ކުޅުންތެރިއާ ކާމިޔާބުކުރީ 11-06، 11-03، 11-06 އަދި 11-03 އިންނެވެ.

އަންހެން ސިންގަލްސް އިން ރާއްޖޭގެ ހުރިހާ ކުޅުންތެރިން ކަޓައިގެން ދިއުމުން ރާއްޖޭގެ ޓީޓީ ޓީމަށް ވަނީ މުބާރާތް ނިމިފަ އެވެ. މި އިވެންޓް ރާއްޖޭން ނިންމާލީ ބްރޯންޒް މެޑެއްޔަކާ އެކު އެވެ. އަންހެން ޓީމް އިވެންޓުގައި ޓީޓީ ޓީމަށް ލޯ މެޑަލް ލިބުނީ މުބާރާތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ތިންވަނަ ހޮވާ މެޗު ކުޅެން ނުޖެހުމުން ސެމީގައި ބަލިވާ ޓީމަށް އޮޓަމެޓިކުން މެޑަލް ދޭން ނިންމާފައި އޮތުމުންނެވެ. އަންހެން ޓީމުން މި ހޯދި މެޑެއްޔަކީ ސައުތު އޭޝިއަން ގޭމްސް އެއްގައި އެކަން ހާސިލްކުރެވުނު ފުރަތަމަ ފަހަރެވެ.