އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ބްރައިޓަން އިން ފަހު ވަގުތު ޗެލްސީ ހިފަހައްޓައިފި އެވެ.

ބްރައިޓަންގެ ދަނޑުގައި މިރޭ އެޓީމާއި ޗެލްސީ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން ދެޓީމު އެއްވަރު ވެގެންނެވެ. މި ނަތީޖާއާއެކު ބްރައިޓަން އޮތީ ލީގް ތާވަލުގެ 14 ވަނައިގަ އެވެ. އެޓީމަށް ލިބިފައިވަނީ 21 މެޗުން މުޅިއެކު 24 ޕޮއިންޓެވެ. ޗެލްސީ އޮތީ 20 މެޗުން 36 ޕޮއިންޓް ހޯދައިގެން ތާވަލުގެ ހަތަރު ވަނައިގަ އެވެ.

މިރޭގެ މެޗާއި ޗެލްސީން ކުރިމަތިލީ އެންމެ ފަހުން ލީގުގައި އެޓީމު ކުޅުނު މެޗުގައި ވާދަވެރި އާސެނަލްގެ މައްޗަށް ފަހު ވަގުތު މޮޅެއް ހޯދައިގެންނެވެ. އެ އިތުބާރާއެކު ޗެލްސީން މިރޭގެ މެޗު ފެށި އިރު ދިހަ ވަނަ މިނެޓުގައި އެޓީމުން ލީޑު ނެގި އެވެ. ޓެމީ އަބްރަހަމް ފޮނުވާލި ހަމަލާއެއްގައި ބްރައިޓަންގެ ކުޅުންތެރިއަކު ސާފުކޮށްލި ބޯޅަ ގޯލަށް ވައްދާލައިގެން މި ލަނޑު ޗެލްސީ އަށް ކާމިޔާބުކޮށްދިނީ ސެޒާ އަޒްޕިލިކުއެޓާ އެވެ.

ބްރައިޓަން އިން އެއްވަރުކުރީ މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށް ކެޕްޓަން ލެވިސް ޑަންކުގެ އެހީތެރިކަމާއެކު އަލިރެޒާ ޖަހަންބަޚްޝް ޖެހި ހިތްގައިމު ބައިސައިކަލް ކިކް ލަނޑުންނެވެ.

ޗެލްސީ އެއްވަރުވި އިރު ޓޮޓެންހަމް ހޮޓްސްޕާސް ވަނީ ސައުތޭމްޓަން އާއި ވާދަކޮށް 1-0 އިން ބަލިވެފަ އެވެ. މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި ޖެހީ މިވަގުތު ރަނގަޅު ފޯމެއްގައި ކުޅެމުން އަންނަ ފޯވަޑް ޑަނީ އިންގްސް އެވެ. މިރޭގެ ލަނޑަކީ 27 އަހަރުގެ ފޯވަޑް މި ސީޒަނުގައި ކާމިޔާބުކުރި 13 ވަނަ ލަނޑެވެ.

އަމިއްލަ ދަނޑުގައި ސްޕާސް އަތުން ހޯދި މޮޅާއެކު ސައުތޭމްޓަން ވަނީ 21 މެޗުން 25 ޕޮއިންޓް ހަމަކޮށް ތާވަލުގެ 11 ވަނަ އަށް ކުރިއަށް ޖެހިލައިފަ އެވެ. ޓޮޓެންހަމް އޮތީ 30 ޕޮއިންޓާއެކު ތާވަލުގެ ހަ ވަނަ މަގާމުގަ އެވެ.