ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން ށ. ފޯކައިދޫ އަތުން މޮޅުވެ، ލީގުގެ އެއް ވަނައިގައި ބޮޑު ލީޑަކާ އެކު މާޒިޔާ އިން ދެ ވަނަ ބުރުގެ މެޗުތައް ނިންމާލައިފި އެވެ.

ގަލޮޅު ފުޓްބޯޅަ ދަނޑުގައި ރޭ ފޯކައިދޫ އާއި ދެކޮޅަށް ކުޅުނު މެޗުން މާޒިޔާ މޮޅުވީ 3-2 އިންނެވެ. މި މޮޅާއެކު މާޒިޔާ އެއްވަނައިގައި ހަމަޖެހިލީ 16 މެޗުން 41 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި އޮތް ކްލަބު އީގަލްސް އަށް 14 މެޗުން ލިބިފައިވަނީ 27 ޕޮއިންޓެވެ. ރޭ މާޒިޔާ އަތުން ބަލިވި ފޯކައިދޫ އޮތީ ތާވަލުގެ ހަވަނައިގައި 16 މެޗުން 20 ޕޮއިންޓާއެކު އެވެ.

ރޭގެ މެޗަށް މާޒިޔާ އިން ނުކުތީ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑުވެފައިވާ ހުސެއިން ނިހާން އާއި މޫސާ ޔާމިން ނުލަ އެވެ. މެޗުގެ ފުރަތަމަ ހާފުގައި މާޒިޔާ އިން ރަނގަޅަށް ކުޅުނު އިރު މިހާފުގެ ކުރީކޮޅު ލީޑު ނަގަން އެޓީމަށް ހުސް ފުރުސަތެއް ލިބުނެވެ. ފޯކައިދޫގެ އޮފްސައިޑް މަޅިން ސަލާމަތްވެ ކެޕްޓަން އަސަދުﷲ އަބްދުﷲ ހުސްކޮށްލާފައި ފޯވާޑް ކޮނޭލިއަސް ސްޓެވާޓް އަށް ޖައްސާލި ބޯޅަ ބާރުވުމުން ފުރުސަތުގެ ބޭނުން ކުރެވޭ ގޮތެއްނުވި އެވެ.

އޭގެ ހަތަރު މިނެޓު ފަހުން ސްޓެވާޓް ދިން ބޯޅައަކުން ނާއިޒް ހަސަން ފޮނުވާލި ހަމަލާއެއް، ފޯކައިދޫގެ ގޯލްކީޕަރު ހަނީފް ސާގިބް ވަނީ މަތަކޮށްފައެވެ.

މެޗުގައި މާޒިޔާ އިން ލީޑު ނެގީ މެޗުގެ 15 ވަނަ މިނެޓުގައެވެ. އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ސްޓެވާޓެވެ.

ފުރަތަމަ ހާފުގައި ފޯކައިދޫން އުފެއްދި ހަމަލާތަކުގައި އެޓީމުގެ ކެޕްޓަން ހުސެއިން ފަޒީލާއި ފޯވާޑް ހަސަން ފުވާދު އަށް ލިބުނު ބޯޅަތައް އެ ކުޅުންތެރިންނަށް ރަނގަޅަށް ފޮނުވާނުލެވުނެވެ. ފޯކައިދޫން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ 57 ވަނަ މިނެޓުގަ އެވެ. އަހުމަދު އަމްޖަދު ކޯނަރަކުން ނަގައިދިން ބޯޅަ ފަޒީލް ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ ކުރިން މާޒިޔާގެ ލީޑު ފުޅާކުރަން ނާއިޒު އަށް ލިބުނު ފުރުސަތުގައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި ކައިރިން ބޭރަށެވެ.

ފޯކައިދޫން މެޗުގެ ނަތީޖާ ހަމަހަމަ ކުރި ފަހުން ދެ ވަނަ ފަހަރަށް ލީޑު ނަގަން 69 ވަނަ މިނެޓުގައި މާޒިޔާގެ ޑިފެންޑަރު އަމްދާން އަލީ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލްކީޕަރު މަތަކުރި ނަމަވެސް އޭގެ ދެ މިނެޓު ފަހުން ހަމްޒާ މުހައްމަދު ނަގައިދިން ހުރަހަކުން ކެޕްޓަން އަސަދުﷲ އަބްދުﷲ ވަނީ އެޓީމަށް އަލުން ލީޑު ހޯދައިދީފަ އެވެ.

މާޒިޔާގެ ތިން ވަނަ ލަނޑު އިތުރު ވަގުތުގައި ޖެހީ ދެ ވަނަ ހާފުގައި ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން އެރި އިބްރާހިމް ވަހީދު ހަސަން އެވެ. ފޯކައިދޫގެ ދެ ވަނަ ލަނޑަކީ މާޒިޔާ ކީޕަރު އަޒީޒީ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ލީގުގައި މާދަމާ ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން ޓީސީ ސްޕޯޓްސް ކްލަބާއި ޔުނައިޓެޑް ވިކްޓްރީ އެވެ.