އިނގިރޭސި ޕްރެމިއާ ލީގު ތާވަލުގެ އެއްވަނައިގައި 16 ޕޮއިންޓުގެ ބޮޑު ލީޑެއް ލިބިފައި އޮތަސް ލީގު ޗެމްޕިއަންކަން ކަށަވަރު ނުވާހާ ހިނދެއްގައި ލީޑަކީ އެއްވެސް އަގެއް ހުރި އެއްޗެއް ނޫން ކަމަށް ހޮލަންޑު ޑިފެންޑަރު ވާޖިލް ވެން ޑައިކް ބުނެފި އެވެ.
އެންފީލްޑުގައި އެންމެ ފަހުން ކުޅުނު މެޗުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ކުރިހޯދައި ލިވަޕޫލް އިން ވަނީ ދެވަނައިގައި އޮތް މެންޗެސްޓާ ސިޓީއާއި އެޓީމާއި ދެމެދުގައިވާ ޕޮއިންޓުގެ ފަރަގު އަތް ނުފޯރާ ވަރަށް ބޮޑުކޮށް ލީގު ތައްޓާއި ފިޔަވަޅަކަށް ކައިރިއަށް ޖެހިލައިފަ އެވެ. ލިވަޕޫލް އިން ވަނީ މިސީޒަނުގައި އެ ޓީމު ކުޅުނު 22 މެޗުގެ ތެރެއިން 21 މެޗު ކާމިޔާބުކޮށް 52 ޕޮއިންޓް ހަމަކޮށްފަ އެވެ. ދެވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ސިޓީ އޮތީ 48 ޕޮއިންޓާއެކު އެވެ.
މި ސީޒަނުގައި ލިވަޕޫލް އަށް ގެއްލުނުހާ ވެސް ޕޮއިންޓަކީ ލީގުގެ ކުރީކޮޅު ރަށުން ބޭރުގައި ޔުނައިޓެޑާ ދެކޮޅަށް ކުޅެ އެއްވަރު ވެގެން ގެއްލުނު ދެ ޕޮއިންޓެވެ. މިހާ ތަފާތު ބޮޑު ފަރަގަކުން ލިވަޕޫލުން ލީގު ޗެމްޕިއަންކަމާއި ގާތަށް ޖެހިލި އިރު ވެސް އެ ޓީމުގެ ކުޅުންތެރިން ތިބީ ހިތްތިރިކޮށްގެންނެވެ.
" އަހަރެމެންނާއި ނޫސްވެރިން ސުވާލުތައް އެބަކުރޭ ކަންނޭނގެ ކޮންމެ ހަފުތާއަކު. އަހަންނަށް ހީވަނީ އެންމެންވެސް މިދެނީ އެއް ޖަވާބެއް ހެން. ކިތައްމެ ބޮޑު ލީޑެއް ލިބުނަސް އަދި އެއީ ތަށި ލިބުމެއް ނޫން. އަހަރެމެން ގަބޫލް ކުރަން މިވަގުތު ލިވަޕޫލް އޮތީ ވަރަށް ރަނގަޅު ޙާލަތެއްގައިކަން. އެކަމަކު އެއްވަނައިގައި ލިބިފައި މި އޮތް ބޮޑު ލީޑަކީ އަދި އެއްވެސް އަގެއް ހުރި އެއްޗެއް ނޫން. މިގޮތުގައި އަހަރެމެންނަށް ސީޒަން ނިންމާލެވިއްޖެނަމަ އެހިސާބުން އަހަރެމެން ކާމިޔާބީއެއް ލިބުނު ކަމަކަށް ނިންމާނީ، " ވެން ޑައިކް ބުންޏެވެ.
ވެން ޑައިކުގެ އިތުރުން ލިވަޕޫލަށް ކުޅެމުން އަންނަ މިސްރު ފޯވަޑް މުހައްމަދު ސަލާހު ވެސް ބުނީ އަދި ލީގު ލިބިއްޖެ ކަމަށް ނިންމަން މާ އަވަސް ކަމަށާއި މިދިޔަ ސީޒަނުގައި ވެސް ތަށި ގެއްލިގެން ދިޔައީ ފަސޭހަކޮށްލެވުމުން ކަމަށެވެ.
ސަލާހު ވަނީ ޔުނައިޓެޑާ ދެކޮޅަށް ލިވަޕޫލުން އެންމެ ފަހުން ކުޅުނު މެޗުގައި ލަނޑު ޖަހައިފަ އެވެ. މިއީ ޔުނައިޓެޑާ ދެކޮޅަށް އޭނާ ކުޅުނު ފަސް މެޗުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.
ލިވަޕޫލަށް ދެން ކުރިއަށް އޮތީ މި މަހުގެ 24 ވަނަ ދުވަހު ވުލްވްސް އާއި ދެކޮޅަށް ކުޅެން އޮތް މެޗެވެ.
64 ޕޮއިޓް