ރޭ ކުޅުނު މެޗުތަކުން ބަލިވެ ސްޕެނިޝް ކޮޕާ ޑެލްރޭ ފުޓްބޯޅަ މުބާރާތުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް ކަޓައިފިއެވެ.

ކުއާޓާ ފައިނަލަށް ނުގޮސް ރެއާލް ކެޓީ އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑާ ދެކޮޅަށް ކުޅުނު މެޗުން 4-3ގެ ނަތީޖާއަކުން ބަލިވުމުންނެވެ. ސެންޓިއާގޯ ބާނެނެބުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ވެސް ސޮސިއެޑާޑް އިންނެވެ. ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި މި ލަނޑު ސޮސިއެޑާޑަށް ކާމިޔާބުކޮށްދިނީ ލޯނު އެއްބަސްވުމެއްގެ ދަށުން ރެއާލް އިން އެ ޓީމަށް ބަދަލުވި ޒުވާން މިޑްފީލްޑަރު މާޓިން އޮޑެގާޑް އެވެ.

ދެވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނެޓުގައި އޮޑެގާޑް ޖައްސާލި ބޯޅައެއްގައި ސޮސިއެޑާޑްގެ ފޯވަޑް އެލެގްޒަންޑާ އައިސަކް ރެއާލްގެ ގޯލު ފޫއަޅުވާލި ނަމަވެސް ވީއޭއާރުގެ އެހީ ހޯދުމަށްފަހު ރެފްރީ އެ ލަނޑު ބާތިލް ކުރީ އޮފްސައިޑް ކަމަށް ބުނެ އެވެ. އެހެން ނަމަވެސް އޭގެ އިރުކޮޅެއް ފަހުން އައިސަކް ވަނީ އެންޑާ ބަރެނެޓްޒީ ދިން ބޯޅައެއްގައި ގޯލުގެ މަތީ ކަނަށް ބޯޅަ ވައްދާލައިގެން ސޮސިއެޑާޑުގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ.

ރެއާލް އަށް ނުތަނަވަސްކަން ކުރިމަތިވީ 56 ވަނަ މިނެޓުގައި އައިސަކް އޭނާގެ ދެވަނަ ލަނޑު ޖަހައި ލީޑު ތިން ލަނޑަށް ފުޅާ ކުރުމުންނެވެ. އޭގެ ދެ މިނެޓު ފަހުން ބްރާހިމް ޑިއާޒްގެ އެހީތެރިކަމާއެކު މާސެލޯ ރެއާލް އަށް ފަރަގު ކުޑަކޮށްދިން ނަމަވެސް އައިސަކް ތަނަވަސްކޮށްދިން ފުރުސަތެއްގައި މިކެލް މެރީނޯ ވަނީ ލަނޑެއް ޖަހައި އަނެއްކާވެސް ލީޑު ތިން ލަނޑަށް ފުޅާކޮށްފައެވެ.

މެޗުގެ 81 ވަނަ މިނެޓުގައި ވިނީޝިއަސްގެ އެހީތެރިކަމާއެކު ސޮސިއެޑާޑް ކޮޅަށް ލަނޑެއް ޖަހައި ރޮޑްރީގޯ ރެއާލަށް އުއްމީދު އާކޮށްދިނެވެ. އޭގެ ދެ މިނެޓު ކުރިން ވިނީޝިއަސް އަށް ލިބުނު ފުރުސަތެއްގައި ބޯޅަ ސޮސިއެޑާޑުގެ ގޯލު ތެރެއަށް ވައްދާލި ނަމަވެސް އޮފްސައިޑް ކަމަށް ބުނެ ރެފްރީ އެ ލަނޑު ބާތިލް ކުރިއެވެ. މެޗުގެ އިތުރު ވަގުތުގައި ކަރިމް ބެންޒެމާ ތަނަވަސްކޮށްދިން ފުރުސަތެއްގައި ނަޗޯ ފާނެންޑޭޒް ރެއާލްގެ ތިން ވަނަ ލަނޑު ޖެހި ނަމަވެސް ބާކީ ވަގުތުކޮޅުގައި އެޓީމަށް އިތުރު ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވި އެވެ.

ރޭގެ މެޗަކީ ރެއާލް އެންމެ ފަހުން ކުޅުނު 22 މެޗުގައި ބަލިވި ފުރަތަމަ ފަހަރެވެ.

އަމިއްލަ ދަނޑުގައި ބަލިވެ ރެއާލް ކެޓި އިރު ވާދަވެރި ބާސާ މުބާރާތާ އަލްވަދާއުކީ ރަށުން ބޭރުގައި އެތްލެޓިކް ބިލްބާއޯ އަތުން 1-0 އިން ބަލިވުމުންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު އިތުރު ވަގުތުގެ ތިން ވަނަ މިނެޓުގައި ޖެހީ އިނާކީ ވިލިއަމްސް އެވެ.