އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގެ ދެ ވަނަ ލެގުގައި މިރޭ އިންޑިއާގެ ގަދަބާރު ބެންގަލޫރު އެފްސީއާ އަތުން 3-2 އިން ބަލިވި ނަމަވެސް ޕެނަލްޓީ ޖަހައިގެން ކުރި ހޯދައި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ އިން މުބާރާތުގެ ގްރޫޕް ސްޓޭޖުން ޖާގަ ހޯދައިފި އެވެ

އޭއެފްސީ ކަޕްގެ ޕްލޭ އޮފްގެ ފުރަތަމަ ލެގުގައި މި ދެޓީމް މާލޭގައި ކުޅުނު މެޗު މާޒިޔާ އިން ކާމިޔާބުކުރީ 2-1 އިންނެވެ. މިރޭ އިންޑިއާގެ ސްރީ ކަންޓްރިވާ ސްޓޭޑިއަމްގައި ކުޅުނު މެޗު ބެންގަލޫރުން 3-2 އިން ކާމިޔާބުކުރުމުން ދެ ލެގުގެ އެގްރިގޭޓުން ދެޓީމު ވީ 4-4 އިން އެއްވަރެވެ. ޕެނަލްޓީ ޖަހައިގެން މާޒިޔާ ކުރި ހޯދީ 3-4 އިންނެވެ.

މިރޭގެ މެޗުގައި ބެންގަލޫރުން ލީޑު ނެގީ ދެވަނަ ހާފުގެ 58 ވަނަ މިނެޓުގައެވެ. މި ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ތަޖުރިބާކާރު ފޯވަޑް ސުނިލް ޗެތުރީ ތަނަވަސްކޮށްދިން ފުރުސަތެއްގައި މި ގޯލު ބެންގަލޫރަށް ޖަހައިދިނީ ބްރައުން އެވެ. ބެންގަލޫރުގެ ގޯލަށް ފަހު މާޒިޔާ އިން ވަނީ ބޮޑަށް ކުރިއަށް ޖެހި ގޯލެއް ޖެހޭތޯ މަސައްކަތްކޮށްފަ އެވެ.

މާޒިޔާއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ 73 ވަނަ މިނެޓުގައި އިއްބެ ވަހީދު އެވެ. ބެންގަލޫރުން މެޗުގައި ދެ ވަނަ ފަހަރަށް ލީޑު ނެގީ 78 ވަނަ މިނެޓުގައި ޗެތުރީ ޖަހައިދިން ގޯލުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު 2-2 ގެ އެގްރިގޭޓް ނަތީޖާއިން ދެ ޓީމު އެއްވަރުވުމުން ދެން ކުޅުނީ އިތުރު ވަގުތުގެ ދެ ހާފެވެ. މާޒިޔާ އިން މެޗުގެ ނަތީޖާ ހަމަހަމަކުރީ 103 ވަނަ މިނެޓުގައި ކޮނޭލިއަސް ސްޓެވާޓް ޖަހައިދިން ގޯލުންނެވެ.

މިއާއެކު މާޒިޔާ އަށް ދެ އަވޭ ގޯލުގެ އެޑްވަންޓޭޖެއް ލިބިގެންދިޔައެވެ އިތުރު ވަގުތުގެ ދެ ވަނަ ހާފުގައި ބެންގަލޫރުން މާޒިޔާގެ ޑިފެންސް ފޫއަޅުވާލެވޭތޯ ވަރަށް ބޮޑަށް މަސަތްކަތް ކުރިތަން ފެނިގެންދިޔައެވެ. މި ހާފުގެ ފަހު މިނެޓުގައި މެޗުން އެޓީމު މޮޅުވި ގޯލު ޖަހައިދިނީ ލިބުނު ހިލޭ ޖެހުމަކުން ޗެތުރީ އެވެ.

ޗެތުރީގެ ގޯލާއެކު ބެންގަލޫރު މެޗުން މޮޅުވި ނަމަވެސް މުބާރާތުން އެ ޓީމު ކެޓީ މިރޭ މާޒިޔާ އިން ޖެހި ދެ އަވޭ ގޯލުގެ ސަބަބުންނެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖަށް މާޒިޔާ ކޮލިފައިވުމުން މި މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ރާއްޖޭގެ ދެ ކްލަބަކުން އެއް ގްރޫޕެއްގައި ވާދަކުރާނެ އެވެ. މާޒިޔާއާ އެކު ދެކުނު އޭޝިއާ ޓީމުތަކަށް ޙާއްސަ ގްރޫޕުގައި ދެން ހިމެނޭ ރާއްޖޭގެ ޓީމަކީ ޓީސީ ސްޕޯޓްސް ކްލަބެވެ. މި ދެޓީމުގެ އިތުރުން މި ގްރޫޕުގައި ދެން އޮތީ އިންޑިއާގެ ޗެންނާއީ އެފްސީ އާއި ބަންގްލަދޭޝްގެ ބަޝުންދުރާ ކިންގްސް އެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ސްޓިކް ހައުސް ޒަކިއްޓޭ

    މަރުހަބާ

    42
    1
  2. ?ލޮލް?

    މިފަހަރު ވިނަގަނޑު ރަނގަޅުބާ؟؟؟

    19
    1
  3. އިބުރާހިމް

    ކުޅުންތެރިން ކުރި ހިތްވަރާ، ހޯދި ރީތިނަމަށާ، ކާމިޔާބަށް އައްސަރިބަހާއި އާބަސް.

    24
    1
  4. އައްމަޑޭ

    "ޗެތުރީގެ ގޯލާއެކު ބެންގަލޫރު މެޗުން މޮޅުވި ނަމަވެސް މުބާރާތުން އެ ޓީމު ކެޓީ މިރޭ މާޒިޔާ އިން ޖެހި ދެ އަވޭ ގޯލުގެ ސަބަބުންނެވެ."
    ދެ އަވޭ ގޯލު އިނަސް މާޒިޔާ މެޗުން މޮޅުވީ ޕެނަލްޓީގައި ބޭންގަލޫރު އެފް.ސީ ގެ މައްޗައް ކުރި ހޯދައިގެން. އެކްސްޓރާ ޓައިމް ގަ ޖަހާ ގޯލިތައް އަވޭ ގޯލުގެ ގޮތުގައި ނުގުނާނެ.

  5. މާރިޔާ

    ހިތާމަވެރިދުވަހެއް ބަލިވިނަމަ ކޮންފަދަރަގަޅެއް

    1
    7
  6. Anonymous

    "ބެންގަލޫރު އެފްސީއާ އަތުން 3-2 އިން ބަލިވި ނަމަވެސް ޕެނަލްޓީ ޖަހައިގެން މާޒިޔާ މޮޅުވީ"
    "ޗެތުރީގެ ގޯލާއެކު ބެންގަލޫރު މެޗުން މޮޅުވި ނަމަވެސް މުބާރާތުން އެ ޓީމު ކެޓީ މިރޭ މާޒިޔާ އިން ޖެހި ދެ އަވޭ ގޯލުގެ ސަބަބުންނެވެ."

    މމމމމމމ

  7. ވީޕީއެން

    ތިނޫން ފޮޓޯއެއް ލީނަމަ ދޯ