މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ) ގެ ކަނާތު ކަކުލުގެ ލިގަމެންޓަށް ލިބުނު އަނިޔާއާ ގުޅިގެން ކުރިއަށްދިޔަ ކަކުލުގެ ސާޖަރީ އޭޑީކޭ ހޮސްޕިޓަލުގައި ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މިއީ ތިން އަހަރު ތެރޭ އަސަދުﷲ ކުރި ދެ ވަަނަ އޮޕަރޭޝަނެވެ.

އަސަދުﷲގެ ކަކުލަށް އަނިޔާވީ އޭއެފްސީ ކަޕްގެ ޕްލޭއޮފް ބުރުގެ ފުރަތަމަ ލެގުގައި އިންޑިއާގެ ބެންގަލޫރާ ދެކޮޅަށް މާލޭގައި މިދިޔަ މަހު ކުޅުނު މެޗުގަ އެވެ. އަސައްކޮ އަށް އަނިޔާވީ މެޗުގެ ވަރަށް ކުރީކޮޅު ފޯވާޑް ކޮނޭލިއަސް ސްޓެވާޓް ނަގައިދިން ހުރަހެއްގައި އޭރިޔާ ތެރެއިން ބޯޅަ ގޯލަށް ވައްދަން އުޅުމުގެ ތެރޭގައެވެ. އަނިޔާވުމުގެ ސަބަބުން ދަނޑުމަތީގައި ފަރުވާ ދިނުމަށްފަހު މާޒިޔާ އިން ވަނީ އޭނާ ބަދަލުކޮށްފަ އެވެ.

މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ސާޖަރީއަށް ފަހު މާޒިޔާ އިން ބުނެފައިވަނީ އަސަދުﷲ އަލުން ކުޅުމުގެ ތެރެއަށް އެނބުރި އަންނަން 6 މަހާއި 7 މަހުގެ މުއްދަތެއް ހޭދަވާނެ ކަމަށެވެ. އަނިޔާއިން މުޅިން އެއްކޮށް ރަނގަޅުވެ އަސަދުﷲ ކުޅުމުގެ ތެރެއަށް އެނބުރި އަންނާނެ ކަމަށް ބެލެވެނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގަ އެވެ.

އަނިޔާގެ ސަބަބުން އަސަދުﷲ ވަނީ މީގެ ކުރިން ވެސް ދިގު މުއްދަތަކަށް ކުޅުމާއި ދުރުގައި ހުންނަން ޖެހިފަ އެވެ. 2017 ވަނަ އަހަރުގެ އޮގަސްޓް މަހު އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ށ. މިލަންދޫ ފުޓްބޯޅަ ޓީމާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވީ އަސަދުﷲ ވާތު ކަކުލަށެވެ. އެ އަހަރުގެ ސެޕްޓެމްބަރު އޮޕަރޭޝަނަށް ކުރުމަށް ފަހު އޭނާ ކުޅުމުގެ ތެރެއަށް އައީ 2018 ވަނަ އަހަރުގެ މެއި މަހު ތެރޭގައެވެ.

އަސަދުﷲ އަށް އަނިޔާވިއިރު، އޭނާ އަށް ކްލަބާއި ގައުމީ ޓީމުގެ ގިނަ މެޗުތަކެއް ގެއްލުމުގެ ފުރުސަތު އެބައޮތެވެ. މާޒިޔާ އަންނަނީ އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ވާދަކުރަމުންނެވެ. އެގޮތުން ރަށުން ބޭރުގައި ކުޅުނު ފުރަތަމަ މެޗުގައި އެ ޓީމު ވަނީ އިންޑިއާގެ ޗެންނާއީ ސިޓީ އެފްސީއާ 2-2 އިން އެއްވަރުކޮށްފައެވެ.

އަސައްކޮގެ އަނިޔާއާއެކު މާޒިޔާއިން ވަނީ، މިދިޔަ މަހު އޮތް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި އާދަމް ނިޒާމް (ކިތުނަ) އެޓީމަށް ގެނެސްފައެވެ.

މުޅި ދުނިޔޭގައި ހަލުއިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އަށް ރާއްޖޭން މިހާތަނަށް 13 މީހަކު ވަނީ ފައްސިވެފަ އެވެ. ސަރުކާރުން މުޅި ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވާއިރު ކުޅިވަރުގެ ހުރިހާ ހަރަކާތެއްހެން ވަނީ މެދުކަނޑާލާފައެވެ.