ސައުތް އޭޝިއަން ޖޫނިއަރ ޗެމްޕިއަންޝިޕުގައި ވާދަ ކުރާ ރާއްޖޭގެ އެތްލީޓުން ގައުމަށް ރަންވަނަތަކެއް ހޯދައިދިނުމަށް މަސައްކަތް ކުރުމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް އެތްލީޓުންގެ ކިބައިން އެދި ވަޑައިގެންފި އެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު ޝިހާމް މިފަދައިން އެދި ވަޑައިގެންނެވީ ސްރީލަންކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތް އޭޝިއަން ޖޫނިއަރ ޗެމްޕިއަންޝިޕުގައި ވާދަކުރާ ރާއްޖޭގެ ގައުމީ ޖޫނިއަރ އެތްލެޓިކްސް ޓީމުގެ މެމްބަރުންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ ގައުމީ ޖޫނިއަރ އެތްލެޓިކްސް ޓީމަށް ހިތްވަރު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ކުރިން ފޮރުވިގެން ކުޅެމުންދިޔަ ކުޅިވަރުތައް ކުޅުމުގެ ފުރުސަތު މިހާރު ހުޅުވާލެވިފައިވާ ކަމަށާއި، މިހާ އޯޕަންކޮށް ކުޅިވަރު ކުޅެވޭނެ އިންތިޒާމް ހަމަޖެހިފައި އޮތުމުން، ކުޅިވަރުގެ މައިދާނުން ރަނގަޅު އެތްލީޓުން އުފެދި ކުޅިވަރުގެ ދަނޑުތަކުގައި ކާމިޔާބީ ހޯދަން ފަސޭހަވާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ އެތްލީޓުންނަކީ ގަދަ އަޅާ މަސައްކަތް ކޮށްފިނަމަ ކާމިޔާބު ނުހޯދޭ ވަރުގެ އެތްލީޓުން ނޫން ކަމަށާއި އެހެން ކަމުން ކުރިއަށް އޮތް މުބާރާތުން ރާއްޖެއަށް ރަނގަޅު ރަންވަނައެއް ހޯދައިދޭން ހުރިހާ އެތްލީޓުންވެސް ވަރަށް ހިތްވަރުކޮށްދެން ޖެހޭނެ ކަމަށެވެ.

މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ވަނީ އަދުގެ ސަރުކާރުން ޚާއްސަކޮށް ރައީސް ޔާމީން ރާއްޖޭގެ ކުޅިވަރަށް ބަހައްޓަވާ ހާއްސަ އަހައްމިއްޔަތު ކަމާއި ދެއްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާކުރައްވާފައެވެ.

ރާއްޖޭގެ ގައުމީ ޖޫނިއަރ އެތްލެޓިކްސް ޓީމާއެކު އެޑިއުކޭޝަން މިނިސްޓްރީގައި ބޭއްވި ބައްދަލު ކުރެއްވުމުގައި އެތްލެޓިކްސް އެސޯސިއޭޝަންގެ ރައީސް ވަނީ މިނިސްޓަރ ޑރ. އައިޝަތު ޝިހާމް ކުޅިވަރަށް ދެއްވާ އެއްބާރުލެއްވުމާއި ބަހައްޓަވާ ގާތްކަން ފާހަގަ ކުރައްވާ އެކަމަނާއަށް ޝުކުރު އަދާ ކުރައްވާފައެވެ.

މި ބައްދަލު ކުރެއްވުމުގައި ޖޫނިއަރ އެތްލީޓުންވަނީ މިނިސްޓަރ ޑރ. އައިޝަތު ޝިހާމް އެކުދިންނާއި ބައްދަލުކޮށްލައްވާ ހިތްވަރު ދެއްވި ކަމަށްޓަކާ ޝުކުރު އަދާކޮށްފައެވެ. އަދި މިނިސްޓަރ އެދިވަޑައިގެންނެވި ފަދަ ކާމިޔާބީއެއް ހޯދުމަށް ހުރިހާ ކުދިން އެކަތިގަނޑަށްވެ މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

މިއަދު ބޭއްވި ބައްދަލުކުރެއްވުމުގައި ސައުތް އޭޝިއަން ޖޫނިއަރ ޗެމްޕިއަންޝިޕުގައި ވާދަ ކުރާ ރާއްޖޭގެ އެތްލެޓިކްސް ޓީމުގައި ހިމެނޭ 7 އެތްލީޓުންނާއި ޓީމުގެ މެނޭޖަރުންނާއި ކޯޗުންގެ އިތުރުން އެތްލެޓިކްސް އެސޯސިއޭޝަންގެ ބައެއް ބޭފުޅުން ބައިވެރިވެ ލެއްވިއެވެ.