އަންނަ އަހަރު ޖަޕާނުގެ ވެރިރަށް ޓޯކިޔޯގައި ކުޅިވަރުގެ އެންމެ ބޮޑު އިވެންޓު ކަމުގައިވާ އޮލިމްޕިކްސް ނުބާއްވައިފިނަމަ ދެން ކުރާނީ ކެންސަލް ކަމަަށް އޮލިމްޕިކްސްގެ އިސް އޮފިޝަލެއް ވިދާޅުވެއްޖެއެވެ.

ޕިއެރޭ އޮލިވިއާ ބެކާސް ވިދާޅުވެފައި ވަނީ މި އަހަރުގެ މާޗު މަހު ޓޯކިޔޯގައި ފެށުމަށް އޮތް އޮލިމްޕިކްސް އަންނަ އަހަރަށް ފަސް ކުރުމަށް އޮލިމްޕިކްސް އިން އެއްބަސްވި ކަމަށާއި ނަމަވެސް، އަންނަ އަހަރުވެސް ޓޯކިޔޯގައި އޮލިމްޕިކްސް ނުބާއްވައިފިނަމަ ދެން 2020ގެ އޮލިމްޕިކްސް ކެންސަލް ކުރާނެ ކަމަށެވެ.

” މިހާރު މުޅި ދުނިޔެ އިންވެސް ބަލައިގެން ތިބީ އަންނަ އަހަރުގެ ޖުލައި 23 ވަނަ ދުވަހު އޮލިމްޕިކްސް ފަށާނެ ކަމަށް. އަންނަ އަހަރު އޮލިމްޕިކްސް ނުބޭއްވިއްޖިއްޔާ ދެން ޖެހޭނީ ކެންސަލް ކުރަން ކަން އަހަރެމެންނަށް ވަރަށް ޔަގީން“ ޕިއެރޭ ވިދާޅުވިއެވެ.

ޕިއެރޭ އިތުރަށް ވިދާޅުވެފައި ވަނީ މިފަދަ ބޮޑު މުބާރާތެއްގައި އެތައް ހާސް އެތުލީޓުން ތަކަކާއި އެތައް ސަތޭކަ ގައުމަކުން ޝާމިލްވާ ކަމަށާއި މިހެން ލަސް ކުރުމަކީ މާލީ ގޮތުންވެސް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށެވެ.

ދުނިޔޭގެ ހުރިހާ ކުޅިވަރު ޖަމިއްޔާ ތަކަަކުން މިހާރު ދުނިޔެ މި އޮތް ހާލަތު ދެނެގަނެ، މި ހާލަތަށް ހޭނެން ޖެހޭ ކަމަށްވެސް ޕިއެރޭ ވަނީ ވިދާޅުވެފައެވެ. މިކަމާއި ގުޅިގެން ރަސްމީ ގޮތެއްގައި ވަކި ގޮތެއް ނިންމާނީ މި އަހަރުގެ ޖޫން މަހުގެ ތެރޭގައެވެ.